ތިލައުތުރު ފުޓްސަލް މުބާރާތާއި، ގޯލްޑަން ފުޓްސަލްގައި ބައިވެރިވާ ކެލާޓީމުގެ ކަންކަން އިންތިޒާމުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވައިލައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށް މި އަހަރު ބާއްވާ ތިލައުތުރު ފުޓްސަލް މުބާރާތާއި، 2026 ވަނަ އަހަރު، މާލޭ ޒޯނުގައި ބާއްވާ ގޯލްޑަން ފުޓްސަލްގައި ވާދަކުރާ ކެލާ ޓީމުގެ ކަންކަން އިންތިޒާމުކޮށްދޭނެ ފަރާތެއް ހޯދުމަށް ކެލާ ކައުންސިލުން ހުޅުވައިލައިފިއެވެ.
ސަރުކާރުގެ ގެޒެޓް މެދުވެރިކޮށް އެ އިދާރާއިން ކުރައްވާފައިވާ އިޢުލާނުގައި ހާމަކުރައްވާފައިވާ ގޮތުގައި އެ ފުރުޞަތު ހުޅުވާލައިފައި ވަނީ ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ކެލާގެ ކުލަބު، ޖަމްޢިއްޔާތަކަށާއި، އެކަޑަމީތަކަށެވެ.
މި އަހަރުގެ ފަހުކޮޅު އުތީމުގައި ބޭއްވުމަށް ހަމަޖެހިފައި ތިލައުތުރު ފުޓްސަލް މުބާރާތުގައި ވާދަކުރާ ކެލާ ފުޓްސަލް ޓީމުގެ ކަންކަން ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް 2025 ސެޕްޓެންބަރު 16 ވަނަ ދުވަހުގެ މެންދުރު 12.00ގެ ކުރިން ރަޖިސްޓްރީވާން ޖެހެއެވެ. 2025 ސެޕްޓެންބަރު 11 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ހެނދުނު 9.00 އިން މެންދުރު 12.00 އަށް އެ ފުރުޞަތު ވަނީ ހުޅުވައިލެވިފައެވެ. ހާޑް ކޮޕީގެ ގޮތުގައި ރިސެޕްޝަނަށް، ފޯމު ހުށަހެޅިދާނެއެވެ. އަދި އެ މުއްދަތުގައި އެ ފޯމު އެ ފަރާތަށް މެއިލް ވެސް ކުރެވިދާނެއެވެ.
ތިލައުތުރު ފުޓްސަލް މުބާރާތުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 2025 ސެޕްޓެންބަރު 17ވާ ބުދަ ދުވަހުގެ 13.00ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ.
2026ގެ ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވާ ކެލާ ޓީމުގެ ކަންތައްކޮށްދޭން އެދޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވާން ޖެހެނީ 2025 ސެޕްޓެންބަރު 17ވާ ބުދަ ދުވަހުގެ މެންދުރު 12.00ގެ ކުރިންނެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމު 2025 ސެޕްޓެންބަރު 11 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހާ ހަމައަށް އެ އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އެ ފޯމު އެ ދުވަސްތަކުގެ ހެނދުނު 9.00 އިން މެންދުރު 12.00 އަށް ހުށަހެޅޭ އިރު، މެއިލް މެދުވެރިކޮށް ވެސް އެ ކައުންސިލަށް ފޮނުވިދާނެއެވެ.
ގޯލްޑަން ފުޓުސަލް ޓީމު ތައްޔާރުކުރުމާ ބެހޭ ގޮތުން ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 2025 ސެޕްޓެންބަރު 18ވާ ބުރާސްފަތި ދުވަހުގެ 13.00 ގައި ކެލާ ކައުންސިލްގެ މީޓިންގ ރޫމުގައެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 2025 ސެޕްޓެންބަރު 28ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 13.00 ގައި ކެލާ ކައުންސިލްގެ މީޓިންގ ރޫމުގައެވެ.
މި ދިޔަ އަހަރު ކެލާގައި ބޭއްވި ތިލައުތުރު ފުޓްސަލް މުބާރާތުގައި، ކެލާ ޓީމަށް ރަނގަޅު ހިސާބަކަށް ނުދެވުނަސް، އެންމެ ފަހުން ވާދަކުރި ގޯލްޑަން ފުޓްސަލް މުބާރާތުގައި ކެލާ ޓީމުން ވަނީ ރަނގަޅު ނަތީޖާތަކެއް ޙާޞިލްކޮށްފައެވެ.
ޒަމާނަށް އައި ހެޔޮ ބަދަލުތަކުގެ ސަބަބުން، އިޖުތިމާޢީ ކަންކަން ކަފާސްވެ، ބޮޑު ޢަދަދުން ފައިސާ ޚަރަދުކޮށްގެން ނޫނީ ކަންކަން ޙާޞިލްކުރެވެން ނެތް، މި ޒަމާނުގައި ކުލަބު ޖަމްޢިއްޔާ، ޖަމާޢަތްތަކަށާއި އަދި އެކަޑަމީތަކަށް ވެސް، ބޮޑު ލާރީގައި ހުނިޖަހައިގެން މި ފަދަ މުބާރާތްތަކަށް ޓީމު ތައްޔާރުކޮށް ނުދެވޭނެއެވެ.