މަގޭ ޚިޔާލު

މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންގެ ޢަދަދު އިތުރުވުމަކީ، ވަރަށް ބޮޑު ހިތްހަމަޖެހުމެއް

ރާއްޖޭގެ ސުކޫލު މަދަރުސާތަކުގައި މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންގެ ޢަދަދު އިތުރުވުމަކީ ޤައުމާ މެދު ވިސްނާ ކޮންމެ މީހަކަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމެކެވެ. ސަބަބަކީ އެ ޢަދަދުން އެތައް ކަމެއް ހާމަވާތީއެވެ. އެއް ކަމަކީ ދަރިވަރުން ހޯދާ ނަތީޖާ ކުރިއާ އަޅައިބަލައި އިރު ރަނގަޅުވެއްޖެ ކަމެވެ. އަނެއް ކަމަކީ މަތީ ތަޢުލީމު އުނގެނެން ބޭނުންވާ ދަރިވަރުންގެ ޢަދަދު މުސްތަޤްބަލުގައި އިތުރުވާނެ ކަމެވެ. ހަމައެފަދައިން ޤައުމާ މެދު ފުންކޮށް ވިސްނާ ބަޔަކު މި ޤައުމުގައި ދިރިއުޅޭކަން ފަދަ އެތައް ކަމެކެވެ.

32 އިންސައްތައިން 49 އިންސައްތައަށް މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންގެ ޢަދަދު އިތުރުވެ 13 ސުކޫލެއްގައި މަތީ ސަނަވީއަށް މި އަހަރު އަލަށް ކިޔަވައިދޭން، އިއްޔެ ފެށުމަކީ އޭގެ ނަފާ މި ޤައުމަށް މާދަމާ ކުރާނެކަމުގެ ފެހި ސިގުނަލެކެވެ. ވަކި ހިސާބަކުން ތަޢުލީމުން އަތްއުރައިލާ ތިބޭތިބުމަށް ހެޔޮ ބަދަލެއް އަންނާނެކަމުގެ ނިޝާނެކެވެ .

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ މަތިން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީއު، ތަޢުލީމީ ސިޔާސަތަށް ގެންނެވި ބަދަލުތަކުގެ ސަބަބުން ލިބުނު ކާމިޔާބެކެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު 3200 ދަރިވަރުން މަތީ ސާނަވީގައި އަލަށް ކިޔަވަން ފައްޓާފައި ވެއެވެ. މި ދިޔަ އަހަރު އަލަށް މަތީ ސާނަވީއާ ގުޅުނީ 2100 ދަރިވަރުންނެވެ. 

މަތީ ސާނަވީގައި ހޭދަކުރާ ދެ އަހަރަކީ ދަރިވަރުންނަށް ބޭކާރު ގޮތުގައި ގެއްލޭ ދެ އަހަރު ކަމަށް ބައެއް ބެލެނިވެރިން ދެކެއެވެ. ނަމަވެސް އަޅުގަނޑަށް ޤަބޫލުކުރެވެނީ އެ ދެ އަހަރަކީ މަތީ ތަޢުލީމަށް ދަރިވަރުންގެ ލޯ ތަންމިނަށް ހުޅުވާލަދޭ ދެ އަހަރު ކަމަށެވެ. ދަރިވަރުން ކުރިއަރައި ދިޔުމަށް ރާސްތާ އަލިކޮށްދޭ ދެ އަހަރު ކަމަށެވެ.

ރާއްޖޭގެ ތަޢުލީމު މެދު އުޑުގައި މިއަދު ފިޔަ ޖަހަމުންދާ މި ޤައުމަށް ގްރޭޑް 10 އެއީ ހެޔޮ މިންވަރުކަމަށް، ދެންނެވޭކަށްް ނެތެވެ. އަދި އަމުދުން ގިނަ މައިންބަފައިން ވެސް އެ ގޮތަކަށް މިއަދަކު ނުދެކެއެވެ. ދަރިވަރުން ކޮލެޖުތަކުގެ ދޮރޯށިން ވަދެ، ޔުނިވަރުސިޓީތަކުގެ ތަޢުލީމު ވެސް ޙާޞިލްކުރަން ބޭނުން ވެއެވެ. ޕީއެޗްޑީގެ ހުވަފެން ވެސް އެތައް ބެލެނިވެރިއަކު ދެކެއެވެ.

ޤައުމު ކުރިއަރައި ތަހުޒީބު ކުރެވެން އޮތީ ޤާބިލް ރައްޔިތަކު މި ޤައުމުގައި ބިނާކޮށްގެންނެވެ. މަސައްކަތްތެރި، ހުނަރުވެރި އަދި ފަންނުވެރި ޖީލެއް ބިނާކުރެވިގެންނެވެ. ކެރޭ، ހީވާގި އަދި މުރާލި ދަރިންތަކެއް ބިނާކުރެވިގެންނެވެ. މަތީ ސާނަވީއަކީ އެ އުންމީދާ ގުޅިފައިވާ ބޮޅެކެވެ.

ޢިލްމީ ގޮތުން ކުރިއަރައި ދިޔުމަކީ ފަންނީ ގޮތުން ވެސް ޤައުމު ކުރިއަރައި ދާނެކަމުގެ ހެތްކެކެވެ. އެހެނީ ފަންނުވެރިކަމުގެ އޮށަކީ ޢިލްމުވެރިކަމެވެ. ޢިލްމުވެރިކަން ނެތި ފަންނުވެރިކަން އުފަން ނުވެއެވެ. މަތީ ތަޢުލީމު ހޯދާ ދަރިވަރުންގެ ޢަދަދު ބޮޑުތަނުން އިތުރުވެއްޖެ ނަމަ ފަންނުވެރިކަމުގެ ގޮތުން މި ޤައުމު ކުރިއަރައިދާކަށް މާ ގިނަ ދުވަހެއް ނުނަގާނެއެވެ. އެ ކަން ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިން މިހާރު ވެސް އެ އަންނަނީ ސާބިތުކޮށްދެމުންނެވެ.

އުފެއްދުންތެރި ޤައުމަކަށް މި ޤައުމު ހެދުމަށް ޓަކައި، ކުރަންޖެހެނީ ވެސް އެ ކަމެވެ. ޢިލްމީ ސިކުނޑިތަކެއް ބިނާކުރުމުގެ  މަސައްކަތެވެ. އޭރުން ދިވެހިންނަށް ނުކުރެވޭނެ ކަމެއް އަދި މަސައްކަތެއް ވެސް ނޯންނާނެއެވެ. ރޯ މެޓީރިއަލް އެތެރެކޮށް ދުނިޔޭގެ އެހެން މީހުން އުފައްދާ އެއްޗެހި އުފެއްދުމުގެ ޤާބިލުކަން ދިވެހީންގެ ތެރޭގައި ވެސް އޭރުން އޮންނާނެއެވެ. އޭރުން މި ޤައުމުން ބޭރުކުރާނީ ހަމައެކަނި މަހުގެ އުފެއްދުންތައް އެކަންޏެއް ނޫނެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button