ޑީއެމްއެމްއޭ އެކްސް ޕްރެސް ފުންކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި، ކުޅުދުއްފުށީ މުއައްސަސާތަކާ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްދަނީ

ޑީއެމްއެމްއޭ އެކްސް ޕްރެސް ފުންކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި، ކުޅުދުއްފުށީ މުއައްސަސާތަކާ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށް އެބަދެއެވެ. ކުރިން ފިއްލަދޫގައި ދުއްވި މި ބޯޓު ކުޅުންދުއްފުށީ ފަރަށް އެރީ އިންޖީނު ހެދުމަށްފަހު، މި ބޯޓު ކެލައަށް ގެންނަން ކުޅުދުއްފުށިން ފުރިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭ ބޯޓުގެ އިންޖީނު ހުއްޓިގެންނެވެ.
ބޯޓު ފަރަށް އަރާފައި އޮތީ ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަލޭގެފާނު ބަނދަރާ ދިމާއިން ހުޅަނގު ފަރާތަށެވެ. ބޯޓު ފަރަށް އެރިއިރު އޭގައި ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ހަ މީހުން ތިއްބެވެ.

“އިންޖީނު ހުއްޓުނީ ފަޅުން ނިކުންނަން އުޅުމުގެ ތެރޭގަ. އިންޖީނުހުއްޓުމާއެކު ނަގިލި ލައި ބޯޓު ހައްޔަރުކުރަން މަސައްކަތްކުރިން. ނަމަވެސް ނަގަލި ކަނޑައިގެން ދިޔުމުން އެކަން ކާމިޔާބު ނުވެ ކުޅުދުއްފުށީ ފަރުމައްޗަށް ބޯޓުއެރީ” ބޯޓު ފަރުމައްޗަށް އެރިގޮތް ކައްޕި ފަރުހާނު ކިޔައިދިނެވެ.
ފަރުހާނު ބުނުއްވި ގޮތުގައި ބޯޓު ފުންކުރުމަށް ކުރަންޖެހޭ މަސައްކަތް މެދުނުކެނޑި އަންނަނީ ކުރަމުންނެވެ. ބޯޓެތެރެއަށް ވަދެފައިވާ ދިޔަގަނޑު ބޮޑުކަމުން ޕަންޕުތައް ބަހައްޓައިގެން ދިޔަގަނޑު ހުސްކުރެވޭތޯ މިހާރުވެސް އަންނަނީ ބަލަމުންނެވެ. ފަރުހާނު ބުނުއްވި ގޮތުގައި ދިޔަގަނޑު ބޯޓުތެރެއަށް ވަނީ ބޯޓު އަރިވެފައި އޮތް ފަރާތުން އިންޖީނާދިމާއިން ފަޅައިގެން ދިޔުމުންނެވެ. އިތުރުދިމާއަކުން ބޯޓު ފެޅިފައިވާކަން އަދި ފާހަގަނުކުރެވޭ ކަމަށް ވެސް ފަރުހާނު ބުނުއްވިއެވެ. މި މަސައްކަތުގައި އިއްޔެއިން ފެށިގެން ކުޅުދުއްފުށީގެ މުއައްސަސާތަކާއި، އާންމު ރައްޔިތުންގެ ފަރާތުން މެދުނުކެނޑި އެހީތެރިކަން އަންނަނީ ލިބެމުންނެވެ. މި ފަދަ ކޮންމެ ކަމެއްގައި ދިވެހިންނަކީ އެކުވެރި އެއްބައިވަންތަ ބައެކެވެ.