ޚަބަރު

އިއްޔެ ފެށި “މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމް” ގައި ކެލާ ޔޫތު ފޯރަމް ބައިވެރިވެއްޖެ

މަދަނީ ޖަމުޢިއްޔާތައް ބާރުވެރިކުރުމުގެ މަޤުސަދުގައި އިއްޔެ ފެށި “މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމް” ގައި، ކެލާ ޔޫތު ފޯރަމް ބައިވެރިވެއްޖެއެވެ. މިއީ މަދަނީ ޖަމުޢިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި، ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތަކުން އަރައިގަތުމުގައި ޖަމުޢިއްޔާތަކުގެ ދައުރާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޒުވާނުންނާ ބެހޭ ވުޒާރާއިން ސިލްސިލާކޮށް ކުރިއަށްގެންދާ ފޯރަމެކެވެ. ކެލާ ޔޫތު ފޯރަމްގެ ފަރާތުން މި ފޯރަމްގައި ބައިވެރިވަނީ މަސްއޫލުވެރިޔާ އަޙްމަދު ވަޙީދު ޢަލީއެވެ.

69 މަދަނީ ޖަމްޢިއްޔާއިންނާއި، އ.ތ.މ ކޮމިޓީތަކުން 30 ކޮމިޓީއަކާއި، 6 އަތޮޅު ކައުންސިލަކުން ބައިވެރިވެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފޯރަމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވައުދެކެވެ.

މީރުމާ މާލަމްގައި ކުރިއަށްދާ މި ފޯރަމް ފެށުމަށް އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ޒުވާނުންނާ ބެހޭ މިނިސްޓަރ އިބްރާހީމް ވަޙީދު ވިދާޅުވީ ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކުގައި މަސައްކަތްކުރަނީ ހިލޭ ސާބަހަށް މަސައްކަތްކުރައްވާ ބައެއް ކަމަށެވެ. އެ ފަރާތްތަކަށް ލިބޭ މާލީ އެއްވެސް މަންފާއެއް ރާއްޖޭގައި ނޯންނަ ކަމަށެވެ.

“މަދަނީ ޖަމްޢިއްޔާތައް ބާރުވެރިކޮށްދޭން ޖެހޭ. މާލީ ގޮތުން ވެސް ތަނަވަސްކަން ހޯދައިދޭން ޖެހޭ. ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ. ޤައުމުގައި ދިމާވާ ކަންކަމަށް ވަކި ކޮޅަކަށް ނުޖެހި ބަސްބުނާ ބަޔަކަށް މަދަނީ ޖަމްޢިއްޔާތައް ހަދަންޖެހޭ” މިނިސްޓަރ އިބްރާހީމް ވަޙީދު ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ޒުވާނުންނާ ބެހޭ ވަޒީރު ދެއްކެވި ވާހަކަފުޅުގައި ގައުމީ ފެންވަރުގައި ބާއްވާ މި ފަދަ ފޯރަމްތަކުގެ ސަބަބުން ޖަމިއްޔާތަކުގެ ގާބިލުކަން އިތުރުވެ، ޖަމްޢިއްޔާތަކުގެ މަސައްކަތްތައް ފުޅާވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މާލީ ގޮތުން ޖަމިއްޔާތައް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މަގުފަހިވުމާއެކު، މުޖުތަމަޢުގެ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާ، ބާރުވެރި އަދި ހަރުދަނާ މުއައްސަސާތަކަކަށް މަދަނީ ޖަމްޢިއްޔާތައް ބަދަލުވެގެންދާނެކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button