އެފްއައިވީބީ (ފެޑަރޭޝަން އިންޓަރނޭޝަނަލް ވޮލީބޯލް) ކޯޗްސް ކޯސް ލެވެލް 1 މުޙައްމަދު ޙަސަން ފުރިހަމަކޮށްފި

ހުސްވި ޖުލައި މަހުގެ 27އިން 31 އަށް ރާއްޖޭގައި ބޭއްވި އެފްއައިވީބީ (ފެޑަރޭޝަން އިންޓަރނޭޝަނަލް ވޮލީބޯލް) ކޯޗްސް ކޯސް ލެވެލް 1 ހއ. ކެލާ ނިރު، މުޙައްމަދު ޙަސަން ފުރިހަމަކޮށްފިއެވެ. މި ކޯސް ރާއްޖެއާއި، ރާއްޖޭން ބޭރުގެ ޖުމްލަ 45 ބޭފުޅަކު ފުރިހަމަ ކުރެއްވިއެވެ. ރާއްޖޭން ބައިވެރިވީ 15 ބޭފުޅެކެވެ.

ކެލާ ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ޔޫތު އެސޯސިއޭޓްގެ މަޤާމު ވެސް ފުރިހަމަކުރައްވަމުން އަންނަ މުޙައްމަދު ޙަސަނަކީ ވޮލީ ބޯޅަ ރެފްރީއެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން އަންނަތާ ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އަދި ވޮލީ ބޯޅައިގެ ވަރަށް ގިނަ ޙަރަކާތްތަކެއްގައި ބައިވެރިވެ ޝާމިލްވެ މުޙައްމަދު ޙަސަން އުޅުއްވައެވެ.

އެފްއައިވީބީ ކޯޗްސް ކޯސް ލެވެލް 1 މުޙައްމަދު ޙަސަން ފުރިހަމަކުރެއްވުމަކީ ތިލަދުންމައްޗަށް ޚާއްޞަކޮށް ކެލައަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ. ވޮލީ ބޯޅައިގައި އިތުރު ހަރުފަތަކަށް ރަށް ގެންދިޔުމަށް ލިބުނު ފަހި ފުރުޞަތެކެވެ. މި ކަމަށް ޓަކައި ތިލައުތުރު ނޫހުން މުޙައްމަދު ޙަސަނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ކިޔަމެވެެ. އިތުރު ކުރިއެރުމާއި ފާގަތިކަމަށް އެދެމުންނެވެ.