ޚަބަރު

ކެލާގެ ރައްޔިތުންގެ އިޤްތިޞާދުގެ އުންމީދާ ގުޅިފައިވާ ސިޓީ ހޮޓާ ހުޅުވޭނީ ކޮންއިރަކުބާ!

ކެލާ ރައްޔިތުންގެ އިޤްތިޞާދުގެ އުންމީދާ ގުޅިފައިވާ ސިޓީ ހޮޓާ ހުޅުވޭނީ ކޮންއިރަކުބާ؟ މިއީ އެންމެންވެސް މިއަދު އުފައްދާ ސުވާލެކެވެ. ހޯދަން ބޭނުންވާ ޖަވާބެކެވެ. އެހެނީ އެންމެ އެވޭލާ ދުވަސްވަރުން ފެށިގެން ރަށުގެ ގިނަ ބަޔަކު ތަފާތު ބޭނުންތައް ކުރަމުންއައި ކެލާ ތުނޑީގެ ބޮޑުބައެއް ސިޓީ ހޮޓަލަށް ޚާއްޞަކުރެވިފައިވާ އިރު، އެ ހޮޓަލާ މެދު ރައްޔިތުންކުރަމުން އަންނަ އުންމީދުތައް ބޮޑެވެ. ދެކެމުން އަންނަ ހުވަފެންތައް ގިނައެވެ.

ކެލާ ތުނޑިއަކީ ދެ ވަނަ ބޮޑު ހަނގުރާމައިގެ އެތައް ހަނދާންތަކެއް އައުކޮށްދޭ ސަރަޙައްދެކެވެ. ފެންނަން ހުރި އާސާރުތަކެއް އެ ސަރަޙައްދުގައި އެބަ ހުއްޓެވެ. މުސްކުޅި ބޯދާވާހަކަތަކަށް ބަލައި އިރު ކެލާ ތުނޑިއަކީ އެ ވާހަކަތަކުގެ މުހިންމު ބާބެކެވެ. އެ ތުނޑީގެ ގޮނޑުދޮށުގައި އިސް ތިރިކޮށްގެން ނުހިނގުމަށް ދީފައިވާ އިރުޝާދުތަކެއް ހުރެއެވެ. ސަބަބުތައް ހޯދޭނީ ދިރާސާތަކެއް އަލީގައި ކަމަށް ވެދާނެއެވެ.

މިއަދު ކެލާ ތުނޑިފައްކާވަމުން އެ ދަނީ ރަންބިސްއަޅައި ކުކުޅުތަކަށެވެ. ދިވެހި އިޤްތިޞާދުގެ މައިކައްޓަށެވެ. ދިވެހިން މިއަދު ދެކެމުންދާ ކުރިއެރުންތަކާ ގުޅިފައިވާ އިންޖީނަށެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ފުރާފުރިހަމަވާ އިރު ތިލަދުންމައްޗަށް އަންނަ ދޮންކުދިންނަށް މަރުޙަބާ ކިޔުމަށެވެ. ތެދުތެދަށް ދަންނަވާނަމަ 200 އެނދުގެ މި ސިޓީ ހޮޓަލުގެ މަސައްކަތުން މިހާތަނަށް ނިމިފައި ވަނީ ކިތައް އިންސައްތަކަން އެއްވެސް މީހަކަށް ނޭނގެއެވެ. ޙަޤީޤަތަކީ އެއްވެސް ފަރާތަކުން އެ ޖަވާބު ހޯދަން އެދިފައި ނެތުން ކަމުގައި ވެދާނެއެވެ.

ތިލައުތުރު ނޫހުން ކުރި މަސައްކަތުން، ސިޓީ ހޮޓަލުގެ މަސައްކަތް ގޮސްފައިވާ ހިސާބު ވަނީ ސާފުކުރެވިފައެވެ. އެ ތަނުގެ ޚިދުމަތް ގެސްޓުންނަށް ފޯރުކޮށްދެވޭނެ ލަފާކުރާ ތާރީޚެއް މި ވަނީ ހޯދިފައެވެ. ކެލާ ތުނޑީގައި ތަރައްޤީކުރާ ސިޓީ ހޮޓަލުގެ ވެރިފަރާތް ކަމުގައިވާ ފެޑޯ ޕްރައިވެޓް ލިމިޓެޑުން ހާމަކުރެއްވި ގޮތުގައި އެއްގަމުގައި ހަދާ 60 ރޫމާއި، ސިޓީ ހޮޓާ އޮޕަރޭޓްކުރުމަށް ބޭނުންވާ އެންމެހައި ޢިމާރާތްތަކުގެ ސިމެންތީގެ މަސައްކަތުގެ 80 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި ވަގުތު ވެސް އެ މަސައްކަތުގައި އެކުންފުނީގެ މުވައްޒަފުން އަންނަނީ ވަރަށް ފޯރިއާއެކު ޙަރަކާތްތެރިވަމުންނެވެ.

ފެޑޯ ޕްރައިވެޓް ލިމިޓެޑުން މަޢުލޫމާތުދެއްވި ގޮތުގައި އެ ފަރާތުން މަސައްކަތްކުރަމުން ދަނީ އަންނަ 2026 ވަނަ އަހަރުގެ ފަހު ކޮޅު 60 ރޫމު ނުވަތަ 120 އެނދާއެކު ކެލާ ތުނޑީ ސިޓީ ހޮޓާ ހުޅުވާ ފަތުރުވެރިންނަށް ޚިދުމަތްދޭން ފައްޓާށެވެ. ފުރަތަމަ ފިޔަވަހީގައި މޫދުވިލާތައް ހިމަނިފަ ނުހުންނާނެ ކަމަށް އެ ފަރާތުން ވިދާޅުވިއެވެ.

އެންމެ ޒަމާނީ ޚިދުމަތްތަކާއެކު ފަތުރުވެރިން ހިތްޖެހޭ ގޮތަށް ފަރުމާކޮށް ހުޅުވަން ތައްޔާރުވަމުންދާ މި ސިޓީ ހޮޓަލުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 60 ރޫމުގައި ވެސް ޕްރައިވެޓް ޕޫލެއް އޮވެއެވެ. ކޮންމެ ރޫމެއް ވެސް ފަރުމާކޮށްފައި ވަނީ ގެސްޓު މީހާއަށް ޕްރައިވެސީ ލިބޭ ގޮތަށެވެ. މަތީފަންތީގެ ރިސޯޓަކުން ލިބޭ ހުރިހައި ޚިދުމަތްތަކެއް ކެލާ ތުނޑިން ލިބެން ހުންނާނެ ކަމަށް ވެއެވެ.

“ފުރަތަމަ ފިޔަވަހީގެ މުޅި މަސައްކަތުގެ 40 އިންސައްތަ މިހާރު އެ ހުރީ ނިމިފަ. ސިމެންތީގެ މަސައްކަތަށް ބަލައި އިރު 80 އިންސައްތަ ނިމިއްޖެ. ނަރުދަމާ އެޅުމަށް މިހާރު އެ ދަނީ ތައްޔާރުވަމުން. ނަރުދަމާ އެޅުމުގެ މަސައްކަތާއެކު މަގުތައް ވެސް ދާނީ ހެދެމުން. މަސައްކަތް ބާރު ސްޕީޑުގައި ގެންދިޔުމަށް ދުރާލައި ތަކެތި ސައިޓަށް ގެންދިޔުމަށް ވަރަށްބޮޑު އިސްކަމެއް ދެން. މަސައްކަތަށް ބޭނުންވާ އެއްޗެހި ނެތިގެން މަޑުޖެހުމެއް ނާންނާނެ. ބޭނުންވާ ހުރިހައި އެއްޗެއްސެއް މިހާރުވެސް ހުންނާނެ” ފެޑޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވިދާޅުވިއެވެ.

ފެޑޯ ޕްރައިވެޓް ލިމިޓެޑުން ހާމަކުރެއްވި ގޮތުގައި ތަނުގެ ޚިދުމަތްދިނުމަށް ރަށުމީހުންނަށް ވަރަށް ބޮޑު އިސްކަމެއްދިނުމަށް ވަނީ ނިންމާފައެވެ. ރަށު މީހަކު ލިބެން ހުއްޓާ އެ ތަނުގެ އެއްވެސް މަޤާމަކަށް އިތުރު މީހަކު ނުނަގާނެއެވެ. ނަމަވެސް ތަންހިންގާނީ ވަކި މެނޭޖުމަންޓަކުން ކަމަށް ވެސް ވިދާޅުވިއެވެ.

“އުންމީދީ ބަދަލެއް ތިލަދުންމަތީގެ ފަތުރުވެރިކަމަށް ގެންނަން އަދިވެސް ގޮންޖެހުންތަކެއް އެބަހުރި. ހަނިމާދޫ ހުޅުވުނަސް އެކަން މުޅިން ހަމަޖެހިގެން ނުދާނެ. އެވަރު ޤާބިލުކަން އަދި ސަރަޙައްދުގަ ނެތް. ކުޑަ ޚަރަދުން ފަތުރުވެރިންނަށް މާލޭ ސަރަޙައްދުން ލިބޭ ޚިދުމަތްތައް އެ ހިސާބުން ލިބޭކަށް އަދި ނެތް. ހަނިމާދުއަށް ތިރިކުރާ ބޯޓު މާލެއަށް ނުގޮސް ހަނިމާދޫން ބޭރުވެވޭނެ ކެޕޭސިޓީ އަދި ނެތް. އެ ކެޕޭސިޓީ ޤާއިމްކުރެވިގެން ޙަޤީޤީ މަންފާ ލިބެން އޮތީ” ފެޑޯ އިން ވިދާޅުވިއެވެ.

50 އަހަރަށް ކުއްޔަށް ދޫކޮށްފައިވާ ކެލާ ތުނޑީގެ މި ޕްރޮޖެކްޓުގެ ދަށުން މަދުވެގެން 100 ރޫމު ހަދަން ޖެހެއެވެ. ނަމަވެސް ފުލްކެޕޭސިޓީގައި (ދެ ވަނަ ފިޔަވައްސާއެކު) 2027 ވަނަ އަހަރު ތަނުގެ ޚިދުމަތް ދޭއިރު 130 ރޫމު ނުވަތަ 260 އެނދު ހުންނާނެ ކަމަށް ފެޑޯ އިން ވިދާޅުވިއެވެ.

ބީޗްވިލާއާއި، މޫދު ވިލާ ވެސް ހިމެނިފައިވާ ކެލާ ތުނޑި ވެގެންދާނީ ތިލަދުންމަތީގެ ފަތުރުވެރިކަމުގެ އިންޤިލާބީ ބަދަލެއް ގެނެސްދޭނެ ތަނަކަށެވެ. ފަތުރުވެރިކަމުގެ ބޮޑުތިލަދުންމަތީގެ ހިތަށެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button