މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025ގެ ޗެންޕިއަންކަން ހޯދި ކެލާ ޓީމަށް ހޫނު މަރުޙަބާއެއް ކެލައިން ކިޔައިފި

މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025ގެ ޗެންޕިއަންކަން ހޯދި ކެލާ ޓީމަށް ހޫނު މަރުޙަބާއެއް ކެލައިން ކިޔައިފިއެވެ. މަލުގެ ގުލްދަސްތާއިން ކެލާ ބަނދަރުން ރޭ ޓިމަށްކީ މަރުޙަބާ ނިންމާލީ މިއަދު ހަވީރު ޕިކަޕް ރެލީއަކުންނެވެ.

މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025ގެ ޗެންޕިއަންކަން ކެލާ ހޯދީ، ފިއްލަދުއާއެކު ރޭ ކުޅުނު ފައިނަލް މެޗު ސީދާ 3 ސެޓުން ކާމިޔާބުކޮށްގެންނެވެ. ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ ފައިނަލް މެޗު އިތުރަށް ފޯރިގަދަވެގެން ދިޔައީ، ގިނަ ޢަދަދެއްގެ ސަޕޯރޓަރުން މުރައިދޫއަށް ގޮސް ދިން ފޯރީގެ ސަބަބުންނެވެ. ކުޅިވަރުގެ ރޫޙާ އެއްގޮތަށް ދިން ތަރުޙީބުންނެވެ.

ރޭ ނިމުނު މި މުބާރާތުގެ ގިނަ މަޤާމުތަކެއް ކެލާ ޓީމުގެ ކުޅުންތެރިން ހޯދާފައިވެއެވެ. މި މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި، ކެލާ ޓީމުގެ ޙުސައިން ޙަމީދާއި، މުވައްވަޒު ޢަބްދުﷲއާއި އަދި ޢަލީ ޒިޔާމު ހިމެނުނެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރޭގެ މެޗުގައި މޮޅުކުޅުމެއް ދެއްކި ކެލާ ޓީމުގެ މުއައްވަޒު ޢަބްދުﷲއެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކެލާ ޓީމުގެ ޢަލީ ޒިޔާމެވެ. އަދި ޢުމުރުން އެންމެ ދޮށީ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކެލާ ޓީމުގެ ޢަލީ ޞަދުރީއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ކެލާ ޓީމުގެ ކޯޗު މޫސާ ޢަލީއެވެ. ވޮލީގެ ރޫޙް އިތުރު ހަރުފަތަކަށް ތިލަދުންމަތީގައި ގެންދިޔުމަށް ނިޔާ އެކަޑަމީން މުރައިދޫގައި، ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 10 ޓީމަކުން ވާދަކުރިއެވެ.