ޚަބަރު

މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025ގެ ޗެންޕިއަންކަން ކެލާ ހޯދައިފި

މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025ގެ ޗެންޕިއަންކަން ކެލާ ހޯދައިފިއެވެ. މި މުބާރާތުގެ ޗެންޕިއަންކަން ކެލާ ހޯދީ، ފިއްލަދުއާއެކު މިރޭ ކުޅުނު ފައިނަލް މެޗު ސީދާ 3 ސެޓުން ކާމިޔާބުކޮށްގެންނެވެ.

ފަހުގެ ތާރީޚުގައި، ކުޅިވަރުގެ މައިދާނުން ކެލައިން ހޯދި މި ފަޚުރުވެރި ކާމިޔާބަށް ޓަކައި ކެލާ ޓީމުގެ އެންމެހައި ކުޅުންތެރިންނަށާއި، އޮފިޝަލުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު، ތިލައުތުރު ނޫހުގެ ފަރާތުން ތަހުނިޔާކިޔަމެވެ.

ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ ފައިނަލް މެޗު އިތުރަށް ފޯރިގަދަވެގެން ދިޔައީ، ދެ ރަށުން ވެސް ގިނަ ޢަދަދެއްގެ ސަޕޯރޓަރުން މުރައިދޫއަށް ގޮސް ދިން ފޯރީގެ ސަބަބުންނެވެ. ކުޅިވަރުގެ ރޫޙާ އެއްގޮތަށް ދިން ތަރުޙީބުންނެވެ.

މި މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި، ކެލާ ޓީމުގެ ޙުސައިން ޙަމީދާއި، މުވައްވަޒު ޢަބްދުﷲއާއި އަދި ޢަލީ ޒިޔާމު ހިމެނުނެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިރޭގެ މެޗުގައި މޮޅުކުޅުމެއް ދެއްކި ކެލާ ޓީމުގެ މުއައްވަޒު ޢަބްދުﷲއެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކެލާ ޓީމުގެ ޢަލީ ޒިޔާމެވެ. އަދި ޢުމުރުން އެންމެ ދޮށީ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ކެލާ ޓީމުގެ ޢަލީ ޞަދުރީއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ކެލާ ޓީމުގެ ކޯޗު މޫސާ ޢަލީއެވެ.  

ވޮލީގެ ރޫޙް އިތުރު ހަރުފަތަކަށް ތިލަދުންމަތީގައި ގެންދިޔުމަށް ނިޔާ އެކަޑަމީން މުރައިދޫގައި، ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 10 ޓީމަކުން ވާދަކުރިއެވެ. މި މުބާރާތުގެ ރަނަރއަޕް ޓީމަކީ އަދި ފެއަރޕްލޭ ޓީމަކީ ޓީމް ފިއްލަދޫއެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button