މީހުން

މުޙައްމަދު ރަޝީދުގެ ޚިދުމަތުގެ ޞަފުޙާ އަދިވެސް ދަނީ ލިޔެވެމުން

ހއ. ކެލާ ފަރިހިގޭ، މަރުޙޫމް ފަރިހި އާދަނުގެ މުޙައްމަދު ރަޝީދަކީ، އޭނާގެ އަޞްލުނަމުން ދަންނަވައިގެން ރަށުގެ މި ޒަމާނުުގެ ޖީލަށް ނޭނގުނަސް މޭލޭޔޭ ދެންނެވުމުން ރަށުގެ އެންމެންނަށް މިހާރުވެސް އެނގޭނެ ބޭފުޅެކެވެ. ފަޚުރުވެރި އެތައް ކާމިޔާބެއް ޙާޞިލްކުރައްވާފައިވާ ލާމަސީލު ޝަޚްޞިއްޔަތެކެވެ. އެތައް ކުލަތަކަކާއި، މެޑެލްތަކުގެ ވެރިއެކެވެ. ރަށުގެ ތާރީޚު ރައްކާތެރިކުރުމަށް އަރުތަވެރި މަސައްކަތްތަކެއް އަމިއްލަފުޅަށް މިހާރުވެސް ކުރައްވަމުން އަންނަ ޚިދުމަތްތެރި ކެލާ ދަރިއެކެވެ.

1961 ގައި ހއ. ކެލާ ފަރިހިގެއަށް އުފަންވި މުޙައްމަދު ރަޝީދު އާދަމަކީ ފަރިހި ޢާއިލާއަށް ނިސްބަތްވާ ފަރިހި އާދަނާއި، ފަރިހި ދޮންފާޠުމައަށް ލިބުނު ފަސް ދަރިންގެ ތެރެއިން ތިން ވަނަ ދަރިފުޅެވެ. ފަރިހި އާދަނަކީ ފަރިހި ޙުސައިނާއި، ލަންދޫ މަރިޔަނބަށް ލިބިލެއްވި ހަތަރު ދަރިން ކަމުގައިވާ ފަރިހި ދޮންމަންޖެއާއި، ފަރިހި އިބްރާހީމާއި، ފަރިހި ޔޫސުބާއި، ފަރިހި ސަންފަގެ ތެރެއިން ފަރިހި އިބްރާހީމް ކުރެއްވި ދެ ވަނަ ކާވެނި ކަމުގައިވާ ކުޑަ ޙުސައިނުގޯތި ދޮންއައިސައަށް ލިބިލެއްވި ބޭފުޅެކެވެ. ފަރިހި އިބްރާހީމް ކުޑަޙުސައިނުގޯތި ދޮންއައިސައާ ކުރެއްވި ކާވެންޏަށް ފަރިހި ދޮންޢަލީއާއި، ފަރިހި ޙަފުސާއާއި، ފަރިހި އާދަނާއި، ފަރިހި ސަކީނާއާއި، ފަރިހި ފާޠުމަ ލިބިލެއްވިއެވެ.

ފަރިހި ދޮންޢަލީއާއި، ފަރިހި ޙަފްސާވަނީ މީހުންނާ އިނުމުގެ ކުރިން ނިޔާވެފައެވެ. ފަރިހި އާދަނު ކުރެއްވި ފުރަތަމަ ކާވެނި މެކުނު ޙައްވައާ ކުރައްވައިގެން ޞަފިއްޔާ އާދަމާއި، ސަމީމާ އާދަމް ލިބިލެއްވިއެވެ. އެއަށްފަހު ފަރިހި ސަންފަ ކޮކަޑި ޢަލިމަނިކުގެ ޒަކަރިއްޔާއާ އިނދެގެން ލިބިލެއްވި ފަރިހި ދޮންފާޠުމަ، ޢަލީ އަޙްމަދުގޯތި މޫސައާ އިނދެގެން ޢަބްދުﷲ މޫސާއާއި، ޢަބްދުލްޙަކީމް މޫސާ ލިބިލެއްވިއެވެ. އެއަށްފަހު ފަރިހި ދޮންފާޠުމަ ދެ ވަނަ ކާވެންޏެއް ފަރިހި އާދަނާކުރެއްވިއެވެ. ފަރިހި ދޮންފާޠުމަ، ފަރިހި އާދަނާކުރެއްވި ކާވެންޏަށް އިބްރާހީމް ޢަފީފާއި، އާމިނަތު ވަޙީދާއާއި، މުޙައްމަދު ރަޝީދާއި، ޙުސައިން ޢަފީފާއި އަދި އިސްމާޢީލް ރަޝީދު ލިބިލެއްވިއެވެ. މި ފަސްބެއިންގެ ތެރެއިން މި ވަގުތު ދުނިޔޭގައި ތިއްބެވީ މުޙައްމަދު ރަޝީދާއި، އިސްމާޢީލް ރަޝީދެވެ.

މުޙައްމަދު ރަޝީދު އާދަމާއި، އެއްބަފައި ދެ ބޭފުޅަކު ދުނިޔޭގައި މިހާރު ވެސް އެބަ ތިއްބެވިއެވެ. އެއީ މި ރަށު ކަސްތޫރިގޭ ޝަމީމާ އާދަމާއި، މި ރަށު ޖޭމުގަސްދޮށުގޭ ޞަފިއްޔާ އާދަމެވެ. އަދި އެއްމަންމަ ދެ ބޭފުޅަކު ވެސް ދުނިޔޭގައި އެބަ ތިއްބެވިއެވެ. އެއީ މި ރަށު ކެޔޮގޭ ޢަބްދުﷲ މޫސާއާއި، މި ރަށު ފުރުންމާގޭ ޢަބްދުލްޙަކީމް މޫސާއެވެ.

މުޙައްމަދު ރަޝީދު މާލޭ ގ.މަލިންގޭ ދޮންސީދީގެ ޙުމައިދާ ޝަރީފުގެ ޝިމްލާ ޝަރީފާ ކުރެއްވި ކާވެންޏަށް ތިން އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅަކު ލިބިލައްވާފައި ވެއެވެ. މި ހަތަރު ބޭފުޅުންވެސް ޤައުމަށް ޚިދުމަތްކުރެއްވުމުގައި ބައްޕާފުޅުފަދައިން ސާބިތުކަންދަނީ ދައްކަމުންނެވެ. މުޙައްމަދު ރަޝީދަށް ކާފަވިދާޅުވާ ހަތަރު ބޭފުޅަކުވެސް މި ވަގުތު ދުނިޔޭގައި އެބަ ތިއްބެވިއެވެ.

ކެލާ ޝައިޚް އިބްރާހީމް ސުކުލާއި، މާލޭގެ ބައެއް ޚާއްޞަ ކުލާސްތަކުން 4 ވަރަކަށް އަހަރު ތަޢުލީމު ޙާޞިލްކުރެއްވުމަށް ފަހު، ސިފައިންގެ ޚިދުމަތާ މުޙައްމަދު ރަޝީދު އާދަމް ގުޅުނީ 1976 ގައެވެ. ބޯޓުދަތުރުކުރަން ދިޔުމުގެ ޚިޔާލު ގެންގުޅުއްވި މުޙައްމަދު ރަޝީދު ސިފައިންގެއަށް ވެންނެވި އިރު އޭނާގެ ޢުމުރަކީ 15 އަހަރެވެ. މުސާރާއެއްގެ ގޮތުގައި އޭރު ލިބިލެއްވީ 220 ރުފިޔާއެވެ. ނިދުމާއި، ކެއުމުގެ އިތުރުން ބޭސްފަރުވާކޮށްދިނުމުގެ އިންތިޒާމު ސިފައިންގޭގައި އޭރުވެސް ހަމަޖެހިފައި އޮތެވެ.

1976 ޖުލައި 6 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅުނު މުޙައްމަދު ރަޝީދު އާދަމް 36 އަހަރާއި، 1 މަހާއި 26 ދުވަހު ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއެކު ސިފައިންގޭގައި ޚިދުމަތްކުރައްވާފައި ވެއެވެ. އެއްވެސް ފޫހިކަމެއް ނެތި ނުގުޑާ ފަދަ ޢަޒުމެއްގައި ސާބިތުކަމާއެކު ދެމިހުންނެވުމަށް ފަހު، ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން މުޙައްމަދު ރަޝީދު އާދަމް ރިޓެޔަރކުރައްވާފައި ވަނީ 2012 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހުގައެވެ. ރިޓެޔަރކުރެއްވި އިރު ހުންނެވީ މިނިސްޓަރުގެ ޕާރސަނަލް އޮފިސަރުގެ މަޤާމުގައެވެ.

މުޙައްމަދު ރަޝީދު އާދަމް ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ހުންނަވައިގެން ރާއްޖޭއިން ނާއި ރާއްޖެއިން ބޭރުން ޓެކްނިކަލްކޯސް ތަކެއް ވަނީ ހައްދަވާފައެވެ. އެގޮތުން  އާރމަރޑް ވެހިކަލް ޓޭރޭނިންގ ކޯހާއި، އިންސްޓްރަކްޝަނަލް ޓެކްނިކްސް ކޯހާއި، ޓްރާންސްޕޯރޓް ސްޕަވައިޒަރސް ކޯހާއި، ހިންދީ ލެންގްއޭޖް ކެޕްސިއުލް ކޯހާއި، ބީ.އާރު.ޑީ.އެމް ނިޝާން ސްކައުޓް ކޯހާއި، އޮފިސަރސް ޕްރޮވޮސްޓް ކޯހާއި، ޑްރިލް އިންސްޓްރަކްޓަރ ކޯހާއި އަދި ސާޖަންޓް މޭޖަރ ޑްރިލް ކޯސް ފުރިހަމަކުރައްވާފައެވެ. އޭނާއަކީ ސިފަވަންތަ ޤާބިލް ބޭޅެކެވެ.

ސިފައިންޚިދުމަތުގައި މުޙައްމަދު ރަޝީދު ދެމިހުންނެވި ދިގު މުއްދަތުގެ ތެރޭގައި އެމްއެންޑީއެފްގެ ޕްރައިވެޓްގެ މަޤާމާއި، ލާންސްކޯޕްރަލްގެ މަޤާމާއި، ކޯޕްރަލްގެ މަޤާމާއި، ސާރޖެންޓްގެ މަޤާމާއި، ސްޓާފް ސާރޖެންޓްގެ މަޤާމާއި، ވޮރަންޓް އޮފިސަރ ގްރޭޑް 2ގެ މަޤާމާއި، ވޮރަންޓް އޮފިސަރ ގްރޭޑް 1ގެ މަޤާމާއި، ލެފްޓިނެންޓްގެ މަޤާމާއި، ފަސްޓް ލެފްޓިނެންޓްގެ މަޤާމް ވަނީ އަދާކުރައްވާފައެވެ. މުޙައްމަދު ރަޝީދަށް ލިބިލައްވާފައިވާ ކުލަތަކާއި، ނިޝާންތަކާއި، މެޑެލްތަކުގެ ތެރޭގައި ޝަރަފުގެ ނިޝާންގެ ގޮތުގައި 8 މެޑައްޔާއި، 6 ކުލަ ލިބިލައްވާފައި ވެއެވެ. އޭގެ ތެރޭގައި 3 ނޮވެންބަރުގެ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، އަޚްލާޤީ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑެއްޔާއި، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އަދި ސާކް ސަމިޓްގެ މެޑެއް ހިމެނެއެވެ. ލިބިލެއްވި ކުލަތަކުގެ ތެރޭގައި ސިފައިންގެ ޚިދުމަތުގެ ކުލައާއި، ދިގުމުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލައާއި، އިޚްލާޞްތެރި ޚިދުމަތުގެ ކުލައާއި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި އަދި އަޚްލާޤީ ކުލަ ހިމެނިލައްވައެވެ. މުޙައްމަދު ރަޝީދު ވަނީ އަޚްލާޤީ ކުލަ 2 ފަހަރު ޙާޞިލްކުރައްވާފައެވެ.

36 އަހަރުގެ ޚިދުމަތުގައި ތަފާތު އެތައް ޔުނިޓެއްގައި މުޙައްމަދު ރަޝީދު ވަނީ މަސައްކަތްކުރައްވާފައެވެ. މަސައްކަތްކުރެއްވި ޔުނިޓްތަކުގެ ތެރޭގައި، އެންއެސްއެސް އޮފީހާއި، ޓްރާންސްޕޯރޓް ސެކްޝަނާއި، ޓްރާންސްޕޯރޓް ސަރވިސްއާއި، ޔުނީފޯމް ސެކްޝަނާއި، އެސްޕީޖީ އަދި ޑީއައިޑީސީ ހިމެނެއެވެ. މީގެ އިތުރުން ލ. ކައްދޫ ރީޖަނަލް ހެޑްކްއޯޓާރޒްގެ ޓޫ އައިސީގެ ޙައިޞިއްޔަތުން 2 ޓާމްގައި މަސައްކަތްކުރައްވާފައި ވެއެވެ. ލ. ކައްދޫ ރީޖަނަލް ހެޑްކްއޯޓާރޒްގެ ކޮމާންޑަރުގެ ޙައިޞިއްޔަތުން ވެސް މަސައްކަތްކުރެއްވިއެވެ. އަދި  2003 ވަނަ އަހަރު ހދ. ކުޅުދުއްފުށީ ރީޖަނަލް ހެޑްކްއޯޓާރޒްގެ ބޭސްކޮމާންޑަރުކަން ވެސް މުޙައްމަދު ރަޝީދު ވަނީ ކުރައްވާފައެވެ. މީގެ އިތުރުން ފެހިގާނޫނު އަސާސީގެ މަސައްކަތް ކުރެވެމުންދިޔަ ހަލަބޮލި ދުވަސްވަރު، ރައްޔިތުންގެ މަޖްލީހުގެ ސެކިއުރިޓީ ކޮންޓިންޖެންޓުގެ ކޮމާންޑަރުކަންވެސް ކުރައްވާފައިވާ މުޙައްމަދު ރަޝީދު އަކި އޭނާގެ ސިފައިންގޭ ހަޔާތުގާ ރާއްޖެއަށް ޒިޔާރަތް ކުރެއްވެވި ބޭރުޤައުމުތަކުގެ ވެރިންނާއި އިއްޒަތްތެރިގެ ރަސްމީ މޮޓޯކޭޑްތައް ރާވާ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެލައްވާފައިވާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.  

އިޚްލާޞްތެރިކަމާއެކު ކަމަށް ކަމޭހިތްތަވައިގެން، ޙާޟިރީއަށް ފަރުވާ  ބަހައްޓަވައިގެން، ވަރަށް ރަނގަޅަށް މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވާކަން، ސިފައިންގެ ޚިދުމަތުން ރިޓެއާކުރެއްވުމާ ގުޅިގެން މުޙައްމަދު ރަޝީދަށް ދެއްވާފައިވާ ލިޔުންތަކުގައި ތަކުރާރުކޮށް ބަޔާންކުރައްވާފައި ވެއެވެ. މުޙައްމަދު ރަޝީދު ދިރިއުޅުއްވާ އެޕާޓްމެންޓްގެ ބޮޑުފެންދާއިން މި ދެންނެވި ހެކިތައް ސާބިތުކުރެވާން މިހާރުވެސް އެބަހުއްޓެވެ.

މުޙައްމަދު ރަޝީދު އާދަމް ނުވަތަ މޭލޭ ވަނީ، ސިފައިންގޭގައި ފާހަގަކުރެވޭ ފަދަ އެތައް ޚިދުމަތްތަކެއް ކުރައްވާފައެވެ. އެ ގޮތުން ކުރެއްވި ޚިދުމަތްތަކުގެ ތެރޭގައި 1980 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް ދިމާވި ސިގެއްލާ ރޯގާގައި ސިފައިންގެ ފަރާތުން ޕަބްލިކް ހެލްތާ ގުޅިވަޑައިގެން ކުރައްވާފައިވާ އިޚްލާޞްތެރި މަސައްކަތާއި، 1991 ވަނަ އަހަރު ޖޫން މަހު ރާއްޖެއަށް ކުރިމަތިވި ވިއްސާރައާއި، އުދައެރުމުގެ ހާދިސާގައި ގއ، ގދ، ޏ އަދި ސ އަތޮޅަށް ފޮނުއްވި ޚާއްޞަ ޓީމުގައި ކުރެއްވެވި މަސައްކަތާއި، ސިފައިންގެއަށް 100 އަހަރު ފުރިގެން ބޭއްވި ފޮޓޯ މަޢުރަޒު ތައްޔާރުކުރެއްވުމުގެ ގޮތުން ކުރެއްވި މަސައްކަތާއި، 5 ވަނަ ސާކް ސަމިޓްގެ މޮޓޯކޭޑްތަކާއި ބެހޭ އިސްމީހެއްގެ ޙައިޞިއްޔަތުން ކުރައްވާފައިވާ ޚާއްޞަ މަސައްކަތްތަކާއި، 2000 ވަނަ އަހަރަށް މަރުޙަބާ ކިޔުމަށް ލޮނުޒިޔާރަތްކޮޅުގައި ތައްޔާރުކުރެވުނު ތާރީޚީ ބިން “ކާފަގެ ވާހަކަ” ތައްޔާރުކުރެއްވުމަށް ކުރެއްވި މަސައްކަތާއި، ޓްރާންސްޕޯޓް ސަރވިސްގެ ޑްރިލް  ސްކޮޑް ތައްޔާރު ކުރެއްވުމާއި، ސްކޮޑްގެ ކޮމާންޑަރުކަން ކުރެއްވުމާއި، އެންސީއޯ މަޖިލިސްގެ މެންބަރުކަމާއި، އެ މަޖިލިސްގެ ރައީސްކަމުގެ ޒިންމާއާއި މަސްއޫލިއްޔަތު ވަނީ އަދާކުރައްވާފައެވެ.

މުޙައްމަދު ރަޝީދު ކުރައްވާފައިވާ މަސައްކަތްތަކުގެ ތެރޭގައި، ނޭޝަނަލް ސެކިއުރިޓީ ބެޖް، މަރުކަޒުގެ ޕްލެގް ޕޯސްޓްގައި ބެހެއްޓުމަށް ކުރެވުނު ޚާއްޞަ މަސައްކަތާއި، ރަސްމިއްޔާތުގައި ބޭނުންކުރުމަށް ސިފައިންގެ  ދިދަ ފުރަތަމަ ފަހަރަށް ޕްރިންޓްކޮށް ތައްޔާރުކުރެއްވުމާއި، ސިފައިންގެ މަރުކަޒުތަކުގެ ނަންބޯޑްތައް އެލްމިނިއަމް ފަދަ މައުދަނުން އަކުރުކަފައިގެން ތައްޔާރުކުރެއްވުމާއި، ސިފައިންގޭގައި ބާއްވާ އެކިއެކި ޙަފުލާ، ޖަލްސާ ފަދަ ރަސްމިއްޔާތުތަކުގެ ބެނާތައް ތައްޔާރުކުރެއްވުމުގެ މަސައްކަތްޕުޅުތައް އާދަޔާ ޚިލާފު ރޫޙެއްގައި ކޮށްދެއްވާފައިވާކަން މުޙައްމަދު ރަޝީދަށް ދެއްވާފައިވާ ލިޔުންތަކުގައި ފާހަގަ ކުރެވެއެވެ.

މާލޭގައި ދިރިއުޅުއްވިޔަސް އަދި ސިފައިންގޭގައި ޚިދުމަތްކުރެއްވިޔަސް، މުޙައްމަދު ރަޝީދު އާދަމަކީ އުފަންރަށާ ގާތް ގުޅުމެއް ބޭއްވި މުވާޠިނެކެވެ. ދޭތެރެދޭތެރެއިން އާއިލާއާއެކު ރަށަށް ޒިޔާރަތްކުރެއްވުމަކީ އުފަލެއް ކަމުގައި މުޙައްމަދު ރަޝީދު ހެއްދެވިއެވެ. ކެލާ ޒުވާނުންގެ ޖަމްޢިއްޔާ އުފެއްދުމަށާއި، އެ ޖަމްޢިއްޔާ ޙަރަކާތްތެރިކުރުމަށް މުޙައްމަދު ރަޝީދުގެ ޚިޔާލާއި މަޝްވަރާގެ އިތުރުން އެހީތެރިކަން ނުސީދާ ގޮތެއްގައި ދެއްވާފައި ވެއެވެ. އެ ޖަމްޢިއްޔާގައި މަސައްކަތްކުރެއްވި ބޭބޭފުޅުން އެ ކަން ޝުކުރުވެރިކަމާއެކު މިއަދުވެސް ފާހަގަކުރައްވައެވެ.

މީގެ އިތުރުން މުޙައްމަދު ރަޝީދު އާދަމް ވަނީ މިނިވަން 25 އާ ގުޅިގެން މާލޭއައި، ކެލާ މަލިކުދަނޑި ގުރޫޕުގެ ކަންކަން މާލޭގައި ހަމަޖެއްސުމުގައި އެހީތެރިކަން ވަރަށް މަތީ ދަރަޖައެއްގައި ދެއްވާފައެވެ. އަދި ޤައުމީ ފެންވަރުގައި ކެލާގައި ފާހަގަކުރި ފުރަތަމަ ޢީދުގެ ކަންކަން އިންތިޒާމުކޮށް ހިންގުމުގައި ވެސް މުހިން ދައުރެއް މުޙައްމަދު ރަޝީދު އަދާކުރެއްވިއެވެ.

ޢުމުރުން 64 އަހަރު ގުނަމުންދާ މުޙައްމަދު ރަޝީދު އާދަމްގެ ޚިދުމަތްތަކަށް ނިމުމެއް ނެތްކަން ހާމަވާ އެއް ކަމަކީ، ކެލާގެ ދަރިކޮޅުތަކުގެ ޢާއިލީ ގަސް ނުވަތަ ފެމެލީ ޓްރީ ތައްޔާރުކޮށް އާންމުކުރެއްވުމަށް މުޙައްމަދު ރަޝީދު މިހާރުވެސް ކުރައްވަމުން އަންނަ ތާރީޚީ މަސައްކަތްޕުޅެވެ. އެތައް ބަޔަކާ ގުޅައި، ބައްދަލުކޮށް ވާހަކަދައްކައި، މަޢުލޫމާތު ޖަމާކޮށް ޢާއިލާތަކާ ބެހޭ ޞައްޙަ މަޢުލޫމާތު އެކުލަވައިލުމަށް މުޙައްމަދު ރަޝީދުކުރައްވަމުން އަންނަ މަސައްކަތަކީ ކެލާގެ ތާރީޚުގެ މުހިންމު ބާބެކެވެ. އެތައް ޖީލެއްގެ، އެތައް ވާހަކައެއް ކިޔައިދޭ ފެމިލީ ޓްރީތަކެކެވެ. އެވޯޑް ޙައްޤު މަސައްކަތެކެވެ. އެގޮތުން މިހާވަނީ ” ކެލާ ވަތަބަޑޭރި ދަރިކޮޅު، ތުނޑީ ގޯތިދަރިކޮޅު، ފަރިހިދަރިކޮޅު، ކޮކަޑި ދަރިކޮޅު، ކުޑަހުސޭނު ދަރިކޮޅު، ބޮޑުގޭ ދަރިކޮޅު، ކޯޓޭގެ ދަރިކޮޅު، ފީރޯޒުގޭ ދަރިކޮޅު، ޓޫސަންސް(ޅަސީދި ބޭގެ)ދަރިކޮޅު، ހީނާމަގޭ ދަރިކޮޅު، ކަރައްސީދީގެ ދަރިކޮޅު، ވަލު ހުސޭނުގެ ދަރިކޮޅު، ފާންދަރިކޮޅު، އަދި  އީދުދަރިކޮޅު، ފަދަ ކެލާގެ ބޮޑެތި ގިނަ ދަރިކޮޅުތައް ވަނީ ތައްޔާރު ކުރައްވާފައެވެ.

މުޙައްމަދު ރަޝީދަކީ ފަންނުވެރި އަދި ހުނަރުވެރި ބޭކަލެއްގެ ގޮތުގައި އެތައް ބަޔަކު ސިފަކުރައްވާފައިވާ ބޭފުޅެކެވެ. ސިފައިންގެ ޚިދުމަތުން ވަކިވެލެއްވުމާ ގުޅިގެން އެކި ބޭބޭފުޅުން މުޙައްމަދު ރަޝީދަށް ދެއްވާފައިވާ ލިޔުންތަކުން އެ ހެކި ފެންނަން އެބަ ހުއްޓެވެ. މުޙައްމަދު ރަޝީދާ އެއް ޢުމުރުގެ ކެލާގެ ބޭބޭފުޅުންގެ ފަރާތުން ވެސް އެނގުނީ މުޙައްމަދު ރަޝީދަކީ ޅަ ޢުމުރުގައި ރަށުގައި އުޅުއްވި އިރުވެސް ފޯމާލީގެ ޙަރަކާތްތަކާއި، ޢީދަށް ބޯޓުހަދައިގެން މަގުމަތީގައި ދުއްވުމުގައި މުޙައްމަދު ރަޝީދު ބައިވެރިވެފައިވާ ކަމެވެ. ރުކުފަނާއި، ކަށިކެޔޮފަތުން އެއްޗެހި ހަދާއުޅުމުގައި ވެސް  މުޙައްމަދު ރަޝީދަކީ ފާހަގަކުރެވޭ ބޭފުޅެކެވެ. ބޮޑުމަސްވިޔުމާއި، ވަށި، މުޅޯށި، ގޮނު، މުޅި ފަދަ އެއްޗެހި މުޙައްމަދު ރަޝީދު މޮޅަށް ހައްދަވައެވެ. މުޙައްމަދު ރަޝީދު ވިދާޅުވީ އެ ފަދަ މަސައްކަތްތައް ދަސްވީ ބައްޕަގެ ކިނބައިން ކަމުގައެވެ. ސިފައިންގެ ތެރޭގައި ވެސް މުޙައްމަދު ރަޝީދު ފާހަގަކުރެވިފައި ވަނީ މޮޅު ފަންނުވެރި ބޭފުޅެއްގެ ގޮތުގައެވެ. ފްލޯޓްތައްޔާރުކުރުމުގައި ވެސް މުޙައްމަދު ރަޝީދަކީ ޢަމަލީ ގޮތުން ބައިވެރިވެލައްވާ އެ ކަމުގެ މާހިރެކެވެ.

36 އަހަރަށް ވުރެ ގިނަ ދުވަހު ސިފައިންގޭގައި ޚިދުމަތްކުރެއްވުމަށް ފަހު ރިޓެއާ ކުރައްވާފައިވާ މުޙައްމަދު ރަޝީދަކީ ހުރިހައި ޢުމުރެއްގެ މީހުންނާ ގުޅޭ ހިތްހެޔޮ މިތުރެކެވެ. ރަށުގެ ކަންކަމުގައި އަބަދުވެސް އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވައި ބޭފުޅެކެވެ. މަޑުމައިތިރިކަމާއެކު މީހުންނާ މުޚާޠަބުކުރައްވާ ލަފާދާރު ބޭފުޅެކެވެ. ވަޠަންދެކެ ލޯބިވާ މީހުންގެ ލިސްޓުން ޖާގަ ހޯދާފައިވާ ބޭފުޅެކެވެ. އެންމެންގެ އިޙްތިރާމާއި ލޯބި ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. މުޙައްމަދު ރަޝީދުގެ ޚިދުމަތުގެ ޞަފުޙާ އަދި އޮތީ ހުޅުވިފައެވެ. އެ ޞަފުޙާ އަދިވެސް ދަނީ ލިޔެވެމުންނެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button