ކެލާ ކަނބަލުންނަކީ ސަގާފީ ކުޅިވަރުގައި ވެސް ނަމޫނާ ބައެއްކަން ސާބިތުކޮށްދީފި

މި އަހަރުގެ އަޟުޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރި ހއ. ކެލާ ޢީދު މަޙާސަމާއިން ކެލާ ކަނބަލުންނަކީ ސަގާފީ ކުޅިވަރުގައި ވެސް ނަމޫނާ ބައެއްކަން ސާބިތުކޮށްދީފިއެވެ. މުޅި އޮޑީގައި ޙަސަނުގެ ދެފައޭ ބުނާހެން މުޅި ޢީދުގެ ހުރިހައި ޙަރަކާތްތަކެއްގައި ބައިވެރިވެ، ކެލާގެ ކަނބަލުން ދައްކައިދީފައި ވަނީ ނަމޫނާ މިސާލެކެވެ.

ފުރަތަމަ ޢީދު ދުވަހު ހަވީރު އޮތް ކޯޑިޔާ ދިޔުމުގެ ޙަރަކާތުން ފެށިގެން މުޅި ޢީދު މަހާސަމާގެ ޙަރަކާތްތައް ނިމެންދެން ކެލާގެ ކަނބަލުން ޙަރަކާތްތެރިވިއެވެ. ކޯޑިޔާ ދިޔުމުގައި ވެސް ކަނބަލުން ހުށަހަޅައިދިން ޙަރަކާތްތައް ނުހަނު ފުރިހަމައެވެ. އެއަށް ފަހު ޢީދު ޝޯވގައި ވެސް ކަނބަލުންގެ އައިޓަމްތައް ނުފެންނަ ރެއެއް ނުދެއެވެ. ޢީދުގެ ދެ ވަނަ ދުވަހު ހަވީރު އޮތް ސަގާފީ ކުޅިވަރުގައި ކަނބަލުން ހުށަހަޅައިދިން ބިލެތްދަތްޕަކީ މިހާތަނަށް ކެލާގައި ނެގި އެންމެ ހިތްގައިމު އެއް ބިލެތްދަތްޕެވެ. އެއަށް ފަހު އެ ދުވަހު ހުށަހަޅައިދިން މާފަތި ލަވައާއި ދަނޑިވެސް އެހައިމެ ނަލައެވެ.

ފަހު އީދު ދުވަހުގެ ރޭ ކަނބަލުން ހުށަހަޅައިދިން ކުރުފަލީގެ ޙަރަކާތްތައް އެއީ އާދަޔާޚިލާފަށް ރީތި ޙަރަކާތްތަކެކެވެ. ކުރުފަލީގައި ބޭނުންކުރި ޗާލު ލަވަތަކާއެކު ފަލިބައި ފެނުގައި އަޅުވައިލައި ކަނބަލުން ހުށަހަޅައިދިން ކުރުފައްޔަށް ތަރުޙީބު އޮހި ބަންޑުންވިއެވެ. ފަތިގަނޑާއި، މާފައްޗާއި، ދަނޑީގެ ޙަރަކާތްތައް ވެސް ކުރުފަލިން ފެނިގެން ދިޔައެވެ.
ކަނބަލުންގެ ޙަރަކާތްތަކުގައި އިސްވެ ޙަރަކާތްތެރިވި ސިފްނާ ފާހަގަކުރެއްވި ގޮތުގައި މި ޢީދުގެ ޙަރަކާތްތައް ވަރަށް ފުރިހަމައެވެ. ވަރަށް ސްޕަރއެވެ. ހުރިހައި ޢުމުރެއްގެ ކަނބަލުންގެ އެހީތެރިކަން މި ޢީދަށް ހިތްހަމަޖެހޭ މިންވަރަށް ލިބިފައި ވެއެވެ. އަދި ސިފްނާގެ އުންމީދަކީ މި އަހަރަށް ވުރެވެސް ފުރިހަމަ ޙަރަކާތްތަކެއް އަންނަ އަހަރުގެ ޢީދުގައި ކަނބަލުންގެ ފަރާތުން ހުށަހަޅައި ދިނުމެވެ.
