މަގޭ ޚިޔާލު

ކެލާ ޢީދު މަހާސަމާއިން ސަގާފީ ކުޅިވަރުތައް އާލާކުރެވިދާނެ ކަމުގެ އުންމީދު އާވެއްޖެ

މި އަހަރުގެ އަޟުޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރި ހއ. ކެލާ ޢީދު މަޙާސަމާއިން ސަގާފީ ކުޅިވަރުތައް އާލާކުރެވިދާނެ ކަމުގެ އުންމީދު އާވެއްޖެއެވެ. ސަބަބުތައް އެ ޢީދު މަހާސަމާއިން އެތައް ގޮތަކުން ހާމަވެގެން ދިޔައެވެ.

ކެލާ ޢީދު މަހާސަމާ ފެށުމަށް ބޭއްވި ޢީދު ވެދުމާ ދިޔުމުގައި ބެރުވެރިންގެ ގޮތުގައާއި، ދުންމާރިވެރިންގެ ގޮތުގައާއި އަދި ލޮންސި ވެރިންގެ ގޮތުގައި ވެސް ތިބީ ސުކޫލުގެ ސާނަވީ ގްރޭޑްތަކުގައި ކިޔަވަމުންދާ ކުދިންނެވެ. އަދި ހަމައެއާއެކު ޢީދު ހުޅަށްފަހު އޮތް ބޮޑުބެރުގެ ޙަރަކާތުން ވެސް ސުކޫލުކުދިން ފެނިގެން ގޮސްފައިވެއެވެ. މީގެ އިތުރުން ފުރަތަމަ ޢީދު ދުވަހު ހަވީރު އޮތް މަލިކުދަނޑިޖެހުމުގައި ވެސް ގިނައީ ސުކޫލުކުދިންކަން ފާހަގަކުރެވުނެވެ. އަދި މަލިކުދަނޑިއަށް ފަހު އޮތް  ކޯޑިއާދިޔުމުގެ ޙަރަކާތުގައި ވެސް ސުކޫލުކުދިން ބައިވެރިވެފައި ވެއެވެ. ކެލާގެ ސަގާފީ ކުޅިވަރުތައް ދައްކާލުމަށް ދެ ވަނަ ޢީދު ދުވަހު އޮތް ހަވީރުގައި ވެސް ސުކޫލުކުދިންގެ ދިގުމަގު ދަނޑިއާއި، މަލިކުދަނޑިޖެހުން އޮތެވެ. މި ޙަރަކާތްތަކުގައި ބައިުވެރިވެ ތަމްސީލުކޮށްދިން ސުކޫލު ކުދިންނަކީ ކެލާ ޔޫތު ފޯރަމުން ހިންގާ ސަގާފީ ކުލަބުގައި ބައިވެރިވެ، އެ ފަދަ ޙަރަކާތްތައް ދަސްކުރުމަށް މަސައްކަތްކުރަމުން އަންނަ ދަރިވަރުންކަން އުފަލާއެކު ފާހަގަކުރަމެވެ. އަދި ވަރަށް ހަގު ޢުމުރުގެ ކުދިން ވެސް މި ޙަރަކާތްތަކުގައި ބައިވެރިވެފައިވާކަން އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ކުޑަކުޑަ އާދު މަލިކުދަނޑިޖެހުމާއި، ކޯޑިއާ ދިޔުމުގައި ބައިވެރިވި އިރު މާލީދަނޑީގެ ދަނޑިބުރިއެއްހައި އާދު ކުރުވެފައި އޭނާގެ އުމުރު ހަގުކަން ވަކިން ފާހަގަކުރެވުނެވެ. މި ކާމިޔާބު މަސައްކަތުގެ ޙަޤީޤީ މޭސްތިރިން ކަމުގައިވާ ކެލާ ޔޫތު ފޯރަމްގެ ރައީސް އިބްރާހީމް ޢާމިރު ޢުޘްމާނަށާއި، ހިންގާ ކޮމިޓީގެ މެންބަރު ޢަބްދުލްމަތީނާއި ޓީމަށް މި ފުރުޞަތުގައި ޝުކުރު ފަށްފަށްކުރަމެވެ.

ސަގާފީ ކުޅިވަރުގެ ޢީދެއްގެ ގޮތުގައި މުޅި ރާއްޖެއަށް ފެނިގެން ދިޔަ ކެލާ ޢީދު މަހާސަމާއިން މުޅި ރާއްޖެއަށް ދިން އެންމެ ބޮޑު އުންމީދަކީ، ސަގާފީ ކުޅިވަރުތައް އުވިނުގޮސް އާލާކުރެވިދާނެ ކަމުގެ އުންމީދެވެ. އެ ޔަޤީން ކަމެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button