ޢީދު މަހާސަމާ 1446ގެ، ކިހައްޑިހަ ޢީދު މަހާދިޔުމުގެ 1 ވަނަ އޯޝަން ބީސްޓް ހޯދައިފި

ޤައުމީ ފެންވަރުގައި މި އަހަރުގެ ބޮޑު ޢީދު ފާހަގަކުރި ތިލަދުންމަތީ އުތުރުބުރީ ކެލާގައި ޢީދާ ގުޅިގެން ބޭއްވި “ކިހައްޑިހަ ޢީދު މަހާދިޔުން”ގެ 1 ވަނަ އޯޝަން ބީސްޓް ހޯދައިފިއެވެ. މި މުބާރާތުގެ 2 ވަނަ ޓީމަކީ ކެލާ ޞިއްޙީ މަރުކަޒެވެ. 3 ވަނަ ޓީމަކީ ކެލާ ކައުންސިލެވެ.
މި ހަފުތާގެ އަންގާރަ ދުވަހު ހަވީރު 4.00 އިން ރޭގަނޑު 9.30 އާ ހަމައަށް ކުރިއަށް ދިޔަ މި ފޯރިގަދަ މަސްރޭހުގައި ޖުމްލަ 8 ޓީމެއް ވާދަކުރިއެވެ. 1 ވަނަ ޓީމަށް 5000 ރުފިޔާ، 2 ވަނަ ޓީމަށް 4000 ރުފިޔާ އަދި 3 ވަނަ ޓީމަށް 3000 ރުފިޔާ ދިން މި މުބާރާތުގެ ވަނަތަކަށް ދިޔަ ޓީމުތަކަށް އިނާމު ޙަވާލުކޮށްދެއްވީ ކެލާ ޔޫތު ފޯރަމްގެ ރައީސް އިބްރާހީމް ޢާމިރު ޢުޘްމާނެވެ.

ޤައުމީ ޢީދެއްގެ ގޮތުގައި ކެލާގައި ފާހަގަކުރި މި ޢީދު މަހާސަމާ ކުރިއަށް ގެންދިޔަައީ ކެލާ ޔޫތު ފޯރަމްގެ ފަރާތުންނެވެ. މި ޢީދު މަހާސަމާ ކާމިޔާބުކަމާއެކު ނިންމާލެވުނީ ކެލާ ކައުންސިލާއި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ދެއްވި މާލީ އެހީތެރިކަމާއެކު ޢީދު މަހާސަމާ ކުރިއަށް ގެންދިޔުމަށް އެކުލަވައިލި ކޮމިޓީއާއި، ކެލާ ރައްޔިތުން ގުޅިގެން ކުރެއްވި ބުރަ މަސައްކަތުންނެވެ.

“ޢީދު މަހާދިޔުން” ސްޕޮންސަރކޮށްދެއްވީ، ކިހައްޑިހަ އިންވެސްޓްމަންޓުގެ ޙުސައިން ނިސްފާޙް ކަމަށް ކެލާ ޔޫތު ފޯރަމުން މަޢުލޫމާތު ދެއްވިއެވެ.