ޚަބަރު

ޢީދު މަހާސަމާ 1446 ހއ. ކެލާ،–ތައްޔާރީތައް މެކުހަށް

ކެލައަކީ، ޤައުމީ ފެންވަރުގައި މި އަހަރު ބޮޑު ޢީދު ފާހަގަކުރާ ރަށެއްގެ ގޮތުގައި ސަރުކާރުން ނިންމުމާ ގުޅިގެން، އެ ކަމަށް ޓަކައި ރަށު ރައްޔިތުން ފޯރީގައި މަސައްކަތްތަކެއް ކުރަމުން އެބަދެއެވެ.

އެ ރަށުގެ އެންމެ ގިނަދުވަސްވީ މަދަނީ ޖަމްޢިއްޔާ “ކެލާ ޔޫތު ފޯރަމް” އިސްވެ އޮވެ ކުރަމުންދާ މި މަސައްކަތުގައި ރަށުގެ ކުދިބޮޑު އެންމެންގެ ބައިވެރިވުން އަންނަނީ ލިބެމުންކަމަށް ޖަމްޢިއްޔާގެ ރައީސް އިބްރާހީމް ޢާމިރު ޢުޘްމާން ވިދާޅުވިއެވެ.

މި އަހަރުގެ ބޮޑު ޢީދު، ބޮޑުކޮށް ކެލާގައި ފާހަގަކުރާ އިރު ރައްޔިތުން ތިބީ އުފަލުން ފޮޅިފައިކަން ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާ ޕޯސްޓްތަކުން ވެސް އަންނަނީ އެނގެމުންނެވެ. ރަށުގެ އާބާދީއާ އެއްވަރުގެ ޢަދަދެއްގެ މީހުން މި ޢީދުގައި ކެލައަށް ޖަމާވާނެ ކަމަށް ބެލެވެއެވެ. މާލެދަތުކުރާ ބޯޓުފަހަރުގެ ޖާގަތައް ފުލްވެފައިވާ އިރު، ވައިގެމަގުން ދަތުރުކުރަން އަދި އަމުދުން ޖާގައެއް މިހާރުވެސް ނުލިބެއެވެ.  

ކެލާގެ ރީތިކަމާއެކު، ސަގާފީ ކުޅިވަރުގެ މަޝްހޫރު ރަށަކަށް ކެލާވުމީ، ކެލައަށް ޢީދު ކުޅިވަރަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކުގެ ޢަދަދު ބޮޑުތަނުން އިތުރުވަމުން އަންނަ ކަމެކެވެ. ކެލާގެ ރީތި މޫދާއި، ގޮނޑުދޮށަކީ ދޮންކުދިން ވެސް ކެލައަށް ފަތުއަޑުކިޔާފަ އަންނަ ސަބަބެކެވެ. ކެލައަކީ ދޭސީންގެ މެދުގައި ވެސް މަޝްހޫރު ރަށެކެވެ.

“ޢީދު މަހާސަމާ 1446 ހއ. ކެލާ”ގެ ނަމުގައި މި އަހަރު ފާހަގަކުރާ ޙަރަކާތްތަކުގެ ތެރޭގައި ބޮޑުމަސް ބޭނުމާއި، ވަގުކުޅުމާއި، މަންޑިކުޅުމާއި، ދެލިމާއްޔާއި، ފޯއްމާއްޔާއި، ބޮޑުބެރާއި، ލަނގިރިއާއި، ބިލެއްދަފިނެގުމާއި، ކޯޑީގެ ޙަރަކާތުގެ އިތުރުން ސަގާފީ ނެށުންތަކާއި، ފޯރިގަދަ މުބާރާތްތަކާއި، ރޭސްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފަހަރުގެ ޢީދު ޙަރަކާތުގައި ބައިވެރިވެ ވާދަކުރުމުގެ ފުރުޞަތު ކެލައަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ހުޅުވައިލެވިފައިވާ ކަމަށް ޔޫތު ފޯރަމްގެ ރައީސް ވިދާޅުވިއެވެ.  

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button