ޚަބަރު

އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރާ ރަށްތަކުގެ ތެރޭގައި ކެލާ

މިއަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރާ ރަށްތަކުގެ ތެރޭގައި ކެލާ ހިމަނައިދެއްވައިފިއެވެ. އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި މި ފަހަރު ފާހަގަކުރާ 3 ރަށް، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިއްޔެ ކަނޑައެޅުއްވި އިރު އުތުރުން ކަނޑައެޅުއްވީ، ތިލަދުންމަތީ އުތުރުބުރީ ކެލައެވެ. މެދު ރާއްޖެތެރެއިން ހަމަޖެއްސެވީ މާލެއަތޮޅު ގުރައިދޫއެވެ. އަދި ދެކުނުން ކަނޑައަޅުއްވާފައި ވަނީ ހައްދުންމަތީ ގަމެވެ.
އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެ ކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މި ދިޔަ އޭޕްރީލްމަހުގައެވެ. ކެލާ ކައުންސިލުން މި ފަހަރު ހުށަހެޅުއްވީ ކެލާ ޔޫތު ފޯރަމުން ތައްޔާރުކުރި ޢީދު ޕްރޮޕޯސަލެވެ.

އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައަޅަނީ “ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލާ” އެއްގޮތަށް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައަޅައިފައިވާ ފަރާތްތައްކަމަށް ތަރިކައާއި ބެހޭ ވުޒާރާއިން މަޢުލޫމާތުދެއްވާފައި ވެއެވެ.

ޤައުމީ ފެންވަރުގައި ޢީދު ފާހަގަކުރާ ރަށެއްގެ ގޮތުގައި ކެލާ ހަމަޖެހިގެން ދިޔަ އިރު، އަޟުޙާ ޢީދު މުޅި ކެލާ ގުޅިގެން ފާހަގަކުރުމަށް، ކެލާ ޔޫތު ފޯރަމުން އައީ ދުރާލާ ތައްޔާރުވަމުންނެވެ. ކެލާ ކައުންސިލުގެ ގްރާންޓަށް ހަމައެކަނި ހުށަހެޅީ ވެސް އެ ޖަމްޢިއްޔާއިންނެވެ.

ޖަމްޢިއްޔާގެ ރައީސް އިބްރާހީމް ޢާމިރު ޢުޘްމާން ވިދާޅުވި ގޮތުގައި ޤައުމީ ޢީދު ކެލައަށް ލިބިގެން ދިޔުމަކީ، މި ފަހަރުގެ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް މުޅި ކެލާ ގުޅިގެން ކުރަމުން އަންނަ މަސައްކަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްވަރެކެވެ.

“ޢީދު މަހާސަމާ 1446 – ހއ. ކެލާ”ގެ ނަމުގައި ފާހަގަކުރާ މި ޢީދުގައި ރަށުގެ ސަގާފީ ކުޅިވަރުތަކުގެ އިތުރުން މުލީ މީހުންގެ ލަނގިރިއާއި، ގޮމަ ގުރޫޕުގެ ފަރި ޙަރަކާތްތަކުގެ އިތުރުން ހަނިމާދޫ ބޭންޑްގެ ހުށަހެޅުއްތައް ފެނިގެން ދާނެއެވެ. މި ޢީދުގެ ޙަރަކާތްތައް ރާވާލެވިފައި ވަނީ ޢީދު ކުޅިވަރު ބަލައިލުމަށް ކެލައަށް ޒިޔާރަތްކުރާ މެހްމާނުންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ. ދިވެހިންގެ މަސައްކަތްތެރިކަމާއި، ފަންނުވެރިކަމާއި، ހުނަރުވެރިކަން ހާމަކޮށްދޭ ތަފާތު މުބާރާތްތަކާއި، ސަގާފީ އެތައް ކުޅިވަރުތަކެއް ކެލާގެ ޢީދުން މި ފަހަރު ފެނިގެންދާނެއެވެ.

ކޮންމެ މީހަކަށް ވެސް ޢީދު ޓީޝާޓް ބައްލަވައި ގަނެވޭ ގޮތަށް ކެލާ ޔޫތު ފޯރަމުން މިހާރު ވަނީ ގޫގުލް ފޯމެއް މެދުވެރިކޮށް ހުޅުވައިލައިފައެވެ. އަދި މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވެސް މިހާރު ހުށަހެޅޭނެ ކަމަށް ޖަމްޢިއްޔާގެ ރައީސް ވިދާޅުވިއެވެ.

ޢީދު ޙަރަކާތް ރަސްމީކޮށް ލޯންޗްކުރުން އަންނަ ހަފުތާގައި ބޭއްވުމަށް ކެލާ ޔޫތު ފޯރަމުން އަންނަނީ ތައްޔާރުވަމުންނެވެ. ރަސްމީކޮށް ޢީދު ޙަރަކާތް ލޯންޗްކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ޢީދު ޕްރޮމޯޝަން ލަވައާއި، ޢީދު ލޯގޯއާއި ޢީދު ޓީޝާޓް ދައްކާލެވޭނެއެވެ. އަދި ޢީދު އިސްތިހާރު ވެސް އެ ރަސްމިއްޔާތުގައި ފެނިގެންދާނެ ކަމަށް ކެލާ ޔޫތު ފޯރަމުން މަޢުލޫމާތު ދެއްވިއެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button