ޚަބަރު

ކެލާ ޕޮލިސް ސްޓޭޝަން ޢިމާރާތްކުރަނީ

މި ސަރުކާރުން ކެލާ ޕޮލިސް ސްޓޭޝަން ޢިމާރާތްކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ. މި ކަން އެ މަނިކުފާނު އިޢުލާންކުރައްވާފައި ވަނީ 2025 މޭ 3 ވަނަ ދުވަހު، ނޫސްވެރިންނަށް ދެއްވި ތާރީޚީ ބައްދަލުވުމުގައެވެ.

ގާތް ގަނޑަކަށް 15 ވަރަކަށް ގަޑީއިރަށް ދިގުދެމިގެން ދިޔަ، ދުނިޔޭގެ ރެކޯޑު ގާއިމްކުރެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ މަރުކަޒު ބިނާކުރެވިފައި ނެތް، 82 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމަށް ޙަވާލުކުރެވިފައިވާ ކަމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީވިދާޅުވެފައެވެ. ރައީސް އިޢުލާން ކުރެއްވި 82  ރަށުގެ ތެރޭގައި ހއ. އަތޮޅުން ހިމެނައިފައިވާ 6 ރަށުގެ ތެރޭގައި ކެލާ ހިމަނުއްވާފައި ވެއެވެ.

ކުއްޔަށް ޢިމާރާތް ނަންގަވައިގެން ޕޮލިސް ސްޓޭޝަން ހިންގަމުން އަންނަތާ ގިނަދުވަސްތަކެއް ވެފައިވާ ކެލާގައި ޕޮލިސް ސްޓޭޝަން އެޅުމަށް ބިން ހަމަޖައްސާފަައި އޮންނަތާ ވެސް އަހަރުތަކެއް ފާއިތުވެ ހިނގައްޖެއެވެ.

އުންމީދުކުރަނީ ރޯޑް ކޯޕަރޭޝަނާ ޙަވާލުކޮށްގެން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކެލާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް  ފެށި އެ ސްޓޭޝަންގެ ޚިދުމަތް މިހާރަށް ވުރެ ހަރުދަނާވެގެން ދާނެކަމަށެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button