އައިޑީ ކާޑާއި، ޕާސްޕޯޓް ޚިދުމަތްދޭ ރަށްތަކުގެ ތެރޭގައި ކެލާ ހިމަނުއްވައިފި

އައިޑީ ކާޑާއި، ޕާސްޕޯޓް ޚިދުމަތްދޭ ރަށްތަކުގެ ތެރޭގައި ކެލާ ހިމަނުއްވައިފިއެވެ. މި ކަން އިޢުލާންކުރައްވާފައި ވަނީ 2025 މޭ 3 ވަނަ ދުވަހު ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނަށް ދެއްވި ތާރީޚީ ބައްދަލުވުމުގައެވެ.
ގާތް ގަނޑަކަށް 15 ވަރަކަށް ގަޑީއިރަށް ދިގުދެމިގެން ދިޔަ، ދުނިޔޭގެ ރެކޯޑު ހެއްދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ 33 ރަށެއްގައި އައިޑީކާޑާއި، ޕާސްޕޯޓް ޕްރިންޓްކުރުމުގެ ޚިދުމަތްދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެ ދުވަހު ރައީސް އިޢުލާން ކުރެއްވި 33 ރަށުގެ ތެރޭގައި ހއ. އަތޮޅުން ހިމެނައިފައިވާ 4 ރަށުގެ ތެރެއިން އެއް ރަށަކީ ކެލާއެވެ.

ތިލައުތުރު ނޫހަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާ ނަމަ، އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ރަސްމީކޮށް ކެލާ ފެށިފައި ނުވިއަސް މިހާރުވެސް އަންނަނީ އެ ޚިދުމަތް ކެލާ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. ކައިރި ތާރީޚެއްގައި ޕާސްޕޯޓް ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށޭނެ ކަމަށް އެ ކައުންސިލުން އުންމީދުކުރައްވައެވެ. އަދި އެ ކަމުގެ ސެޓަޕްހެދުމުގެ މަސައްކަތް މިހާރުއަންނަނީ ކުރައްވަމުންނެވެ.
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކެލާގެ ތަރައްްޤީއަށް ގިނަ ކަންތަކެއް ކުރެވިގެން ދާނެކަން މޭ 3 ވަނަ ދުވަހު ރައީސް ދެއްވި ނޫސްކޮންފަރެންސުން އެނގި ހާމަވެގެން ދިޔައެވެ.