ޙަޤީޤީ އުފާވެރިކަން ލިބެނީ މާއްދީ ތަނަވަސްކަމުންތަ؟

މާއްދީ ތަނަވަސްކަމުގެ އަހުލުވެރިން އެބަހީ (މުއްސަނދިން، މަހުޖަނުން) އެ މީހުންނަކީ އެ މީހުންގެ ނަޒަރުގަ އަދި ދެކޭ މީހުންގެ ނަޒަރުގައި ވެސް ދުނިޔޭގައި ކާމިޔާބު ބައެއްކަމުގައި ބެލެވިދާނެބައެއް! އެހެނީ އެ މީހުން އެ ތަނަވަސްކަމަށް ވާޞިލްވުމުގެ ސިއްރަކީ އެއީ ތަބީޢީގޮތުން ވީކަމެއް ކަމަށްނުވުމާއި، އެ މަޤާމަށް ވާޞިލްވުމަށް އެ މީހުންކުޅަ ބުރަމަސައްކަތާއި، ރޭވުންތެރިކަމާއި، އެ މީހުންގެ ޙިކުމަތްތެރިކަން އިސްކުރި މިންވަރު.!
ތަނަވަސްކަމާ މުއްސަނދިކަމުގެ ސަބަބުން އެ ފަދަ މީހުންނަށް ލިބޭ އުފަލާ ހިތްހަމަޖެހުން ޙަޤީޤީ މާނައިގައި އެ މީހުންނަށް ލިބެނީ ކިހާމިންވަރަކަށްބާއޭ ހިތައްއަރާ! ވަށައިގެން ބޮޑީގާޑުންނާ ބަރުހަތިޔާރުތަކުން މީހާ ވަށާލެވިފައިވާވުން، އެއީ އުފާވެރިކަމުގެ ކޮންބާވަތެއްބާއޭ ހަމަހިތައްއަރާ.! އަދި އެ މީހުންގެ ޙަޔާތުގެ ފަހުދުވަސްތައް އެ މީހުންނާ ބައްދަލުކޮށްދެނީ އެކަނިވެރިކަމާ މުއްސަނދިކަމުގެ ސުންޕާ ދުވަސްތަކެއް ކަމުގައިވެ، އެ ޙާލަތުގައި ޙަޔާތް ބަރުދާސްތުކުރަންޖެހުނު ގިނަ މުއްސަނދިން ވަނީ ދުނިޔެ ދަށްކާދީފައިކަން ވެސް ޤަބޫލުކުރަންޖެހޭ.! ހޯދިފައިސާޔާ ތަނަވަސްކަމުން އެއްވެސް ރާހަތެއްނުލިބި ބަލިއެނދުގަ އެކަނިއޮވެ ނިމިދިޔަ ދިޔުމަކީ ހޯދި ތަނަވަސްކަމުގެ ހަލާކަކަށް ވެގެންދިޔަކަމެއްކަމީ ފެންނާންހުރި ޙަޤީޤަަތްތައް.! މާއްދީގޮތުން ލިބުނު ނަމާ ޝަރަފާ ޢިއްޒަތަކީ އެއްވެސް އެއްޗެއް ނޫންކަން އަންގައިދެނީ މަރުވެދާ ގޮތުގެ ދިރިހުރި މިސާލުންނެވެ.!
ވިސްނާ ފިކުރުކޮށް އަމިއްލަ ނަފްސުގެ މިސްރާބު ކަނޑައަޅަމާ ހިނގާށެވެ.
އިންސާނާގެ ކުރިމަތީގައިއޮތީ ދެ މަގެވެ. ނުވަތަ ދެ ގޮތެވެ. އެއީ ހެވާ އަދި ނުބައެވެ.
މާއްދީ ގޮތުން ގެއްލިދާ އެއްޗެއް ކޮންމެސްގޮތަކުން އަނބުރާ ހޯދިދާނެ.! އެހެނަސް އެ ގޮތުން ވެސް އަނބުރާ ނުހޯދޭނެ އެއްޗަކީ ޙަޔާތް/ޞިއްޙަތު އަދި ވަގުތެވެ. މީހަކަށް އުޖޫރަދީގެން ނޫނީ މަސައްކަތްކޮށްގެން ތިމާގެ އަތުން ގެއްލުނު ގަޑި ނުވަތަ ގަލަން ނުވަތަ އެހެނިހެންވެސް އެއްޗެއް ގަނެވިދާނެ ނުވަތަ ހޯދިދާނެ.!
އެހެނަސް ތިމާގައިގަ ބައްޔެއްގެ ސަބަބުން އަޅަމުންދާ ވޭނެއް އަދި އެ ކަމުގެ ސަބަބުން ހިތަށްކުރާ އަސަރެއް ތަހައްމަލްކުރުން އެއީ އެހެން މީހަކަށް ޙިއްޞާ ކޮށްގެން ނުވަތަ އުޖޫރަދީގެން އެހެންމީހަކު ލައްވާ ކުރެވޭނެ ކަމެއްނޫން. އެ ކަމުގެ ހުރިހާ އިޙުސާސެއް އަދި ވޭނެއް ތަހައްމަލު ކުރަންޖެހޭނީ ހަމަ ތިމާނޫން ދެވަނަ ކާކުހެއްޔެވެ.! އަދި މިކަންކަމަކީ މަހުޖަނަކަށް ޤަދަރުވެރިޔަކަށް ވުމުން އިސްތިސްނާއެއް އޮތް ކަންކަމެއް ވެސް ނުމެނޫނެވެ.!
އިންސާނަކަށްވީތީ ޙާޖަތާއި ޟަރޫރަތުގައި ތަފާތެއް ނެތެވެ. އޮތީ އެއް ގޮތެވެ. އިންސާނީ ބޭނުންތައް ފުދުމުގައި ވެސް ތަފާތެއްނެތެވެ. މާއްދީ ގޮތުން ލިބުނު ޝަރަފާ ޤަދަރާ ހައިބަތު ފިޔަވައެވެ.
މިސާލަކަށް ބަލަމާހިނގާށެވެ. ހައިހޫނުކަން ފިލަނީ ކައިގެންނެވެ . އެހެނިހެން ޟަރޫރަތުތައް ފުއްދަނީ އެ ކަމަކަށް ބޭނުންވާ ވަޞީލަތަކުން ނުވަތަ ޖިސްމާނީ އެހެން އާދަޔަކުންނެވެ.
ރަނުގެ ތެއްޔެއްގައި ކަށްކައިގެން ކެޔަސް ހައިކަންފިލައެވެ. ދަނގަޑު ތެއްޔެއްގައި ކައްކައިގެންކެޔަސް ހައިކަން ފިލައިދެއެވެ. އަގުބޮޑު ގަޑިޔަކުން ވެސް ބަލަނީ ވަގުތެވެ. އާދައިގެ ގަޑިޔަކުން ވެސް އެ ބޭނުން ފުދެއެވެ. މާސިންގާ ތަންމައްޗެއްގައިއޮވެ ނިންޖަސް ލިބެނީ ނިދުމުގެ އަރާމެވެ. ކުޑަތަންމައްޗެއްގައި ނިދިޔަސް އެ އަރާމުލިބެއެވެ. ތަފާތެއް އޮތީ ކޮންކަމެއްގައި ހެއްޔެވެ. މި ހުރިހާކަމެއް ނިޞްބަތްކޮށްދެނީ އިންސާނީ އުފެދުމުގެ އެއްގޮތްކަމެވެ.
މަހުޖަނަކަށް ވުމުން ޤަދަރުވެރިޔަކަށް ވުމުން މާއްދީގޮތުން އިންސާނިއްޔަތަށް އަންނަ އެއްވެސް ކަމަކުން އިސްތިސްނާއެއް ނޫނެވެ. އުދުހެމުންދާބޯޓަކަށް މައްސަލައެއްދިމާވެ ވެއްޓެންދާ ވަގުތު އެ ބޯޓުގައި މަހުޖަނުމީހާއިންތޯއެއް ނުބަލައެވެ. ކަނޑުގައި ފެތެމުންދާ ބޯޓުގައި މަހުޖަނުގެ ގާތުގައި ތިބި ބޮޑީގާޑުންނާ އަޅައިގެން ތިބި ހަތިޔާރަކަށް ވެސް ނުބަލައެވެ. މީމާއްދީ ގޮތުން އިންސާނިއްޔަތުގެ ހަމަހަމަކަމެވެ.
އިންސާނެއްގެ ޙަޤީޤީ އުފާވެރިކަމަށް ސަލާމަތް ޞިއްޙަތެއްގައި ދިރިހުރެވުމާ، ހާސްކަމާ، ކަންބޮޑުވުމާ، ފިކުރުތަކުން އެއްކިބައިވާ ދިރިހުރެވުން ހާދަ އުފާވެރިއެވެ. އެއީ މާއްދީ ގޮތުން ބޮޑު މަހުޖަނަކަށް ޤަދަރުވެރިޔަކަށް ޝަރަފުވެރިޔަކަށް ނުވެވިޔަސް މެއެވެ.
މައިންބަފައިންނާ ގާތްތިމާގެމީހުން، ރައްޓެހިންނާ އަވައްޓެރީންނާއެކު ބައްދަލުވެ، ހިނިތުންވެލައި ތިބެ ބައްދަލުވެވޭ ބައްދަލުވުމާއި، ވެވޭ އޯގާތެރިކަމާއި، ޙިއްޞާކުރެވޭ އުފާވެރި ވާހަކަތައް މާއުފާވެރިއެވެ. ޙަޤީޤީ އުފާވެރިކަމަކީ މިއީއެވެ.
އިސްވެ ބުނެވި ދިޔަ ހުރިހާ ވާހަކަތަކުން ވެސް ބުނެދެނީ އެއް ވާހަކައެކެވެ. ކޮންވާހަކައެއް ހެއްޔެވެ؟ ޝައްކެއްނެތެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤތަކީ އިންސާނާއަށް ލިބޭ ޙަޤީޤީ އުފާވެރިކަން ލިބެނީ މާއްދިއްޔަތުން ނޫންކަމެވެ. މިއީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެވެ. އަހަރެމެން އައީ ހުސްއަތާއެވެ. އެނބުރި ދާނީވެސް ހުސްއަތާއެވެ.!