ކަތީބު ޢަބްދުﷲ ވަޙީދު

ހއ. ކެލާ ވިނަ ޢަބުދުﷲ ވަޙީދު ނުވަތަ ކަތީބު ޢަބްދުﷲ ވަޙީދަކީ ކެލާ ކަތީބުކަން ގާތްގަނޑަކަށް 18 ވަރަކަށް އަހަރު ކުރެއްވި ބޭފުޅެކެވެ. ޒަމާނުންސުރެ އަތޮޅުގައި، ކެލާ އޮތް މަޤާމު ދެމެހެއްޓެވުމަށް އަރުތަވެރި މަސައްކަތްޕުޅުތަކެއް ވަރަށް މުރާލިކަމާ ސާބިތުކަމާއެކު އަދާކުރެއްވި ވަޠަންދެކެ ލޯބިފުޅުވި ޝަޙްޞިއްޔަތެކެވެ. ކަތީބު ޢަބްދުﷲ ވަޙީދުގެ ކަތީބު ކަމުގައި ޢުމްރާނީ ގޮތުންނާއި، ތަޢުލީމީ ގޮތުންނާއި، ޞިއްޙީ ގޮތުން ވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކެލާގައި ކުރެވިފައި ވެއެވެ. ޚާއްޞަކޮށް ކެލާގެ ތާރީޚު އިއާދަވަމުން އައި ގޮތަށް ބަދަލެއް ނައިސް ކުރިއަށް ގެންދިއުމަށް ޢަބްދުﷲ ވަޙީދު ކަތީބު، ވަރަށް ބޮޑަށް މަސައްކަތްޕުޅުކުރައްވާފައިވާ ވެއެވެ.
ކަތީބު ޢަބްދުﷲ ވަޙީދުގެ ބައްޕާފުޅަކީ މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ މަރުޙޫމް ކަރަދު ސީދީ ނުވަތަ މުޙައްމަދު ޙަސަނެވެ. ކަރަދު ސީދީއަކީ މަރުޙޫމް ސީދީބޭގެ ބައްޕާފުޅު މަރުޙޫމް ދޮންސީދީބެއާއި ދެބެންގެ ދެ ދަރި ބޭފުޅެކެވެ. މަޝްހޫރު މަރުހޫމް ކޮމަންޑޫ ސީދީބޭގެ ބައްޕާފުޅަކީ ވެސް އެ ޢާއިލާއަށް ނިސްބަތްވާ ބޭފުޅެކެވެ. ޢަބްދުﷲ ވަޙީދު ކަތީބުގެ މަންމާފުޅަކީ މި ރަށު ކޯއްޓޭގެ ޚާންދާނުގެ މަރުޙޫމާ ކަތްދާމަނިކެ ނުވަތަ ޚަދީޖާ މޫސާމަނިކެވެ. ކަތީބުގެ މަންމާފުޅު މަރުޙޫމާ ޚަދީޖާ މޫސާމަނިކާ އެއްބަނޑު އެއް ބަފައި ބޭބޭފުޅުންނަކީ ކުރީގެ ކަތީބު މަރުޙޫމް ޤާސިމް މޫސާމަނިކާއި، ކުރީގެ ކުޑަ ކަތީބު އިސްމާޢީލް މޫސާމަނިކާއި، މި ރަށު ޖޭމުގޭ މަރުޙޫމް ޙުސައިން މޫސާމަނިކާއި އަދި ސީދީބޭގެ މަންމާފުޅު މަރުޙޫމާ މަރިޔަމް މޫސާމަނިކެވެ.
ކަތީބަކީ، ކަތީބުގެ ބައްޕާފުޅަށާއި، މަންމާފުޅަށް ލިބިލެއްވި 7 ބޭފުޅުންގެ ތެރެއިން 5 ވަނަ ބޭފުޅެވެ. ކަތީބުގެ ދޮއްޓަށް އެ ޢާއިލާގައި ތިއްބެވީ މި ރަށު ބޮޑުގޭ މަރުޙޫމާ އާމިނަތު ވަޙީދާއާއި، ދުވެލި މަރުޙޫމް ނިޒާރު މުޙައްމަދާއި، ވާރޭވިލާ ޙަސަން ވަޙީދާއި އަދި ހުރަސް ޢާއިޝަތު ވަޙީދާއެވެ. އަނެއް 2 ބޭފުޅުންނަކީ މި ރަށު އިރުދޭމާގޭ އިބްރާހީމް ވަޙީދާއި އަދި ޒުބައިރު މުޙައްމަދެވެ. މި ވަގުތު ދުނިޔޭގައި ތިއްބެވީ ކަތީބާއެކު 5 ބޭފުޅުންނެވެ. ކަތީބު ޢަބްދުﷲ ވަޙީދުގެ ޢާއިލާގެ ކޮންމެ ބޭފުޅަކީ ވެސް އުޅުން ހުރި އަދި ރައްޔިތުންގެ އިޙްތިރާމާއި، ލޯބި ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.

ކަތީބު ޢަބްދުﷲ ވަޙީދުގެ ތަޢުލީމީ ބިންގާ އެޅުނީ މި ރަށު ޝައިޚްއިބްރާހީމް ސުކޫލުންނެވެ. އެއަށް ފަހު އީޕީއެސްއިންނާއި، މާލޭގައި އެ ދުވަސްވަރު ކިޔަވައިދެއްވި ޚާއްޞަ ބައެއް އުސްތާޒުންގެ އަރިހުން ވެސް ތަޢުލީމު ޙާޞިލްކުރެއްވިއެވެ.
ޢަބްދުﷲ ވަޙީދަކީ، ޢުމުރުން 13 ވަރަކަށް އަހަރުން ފެށިގެން ފިހާރައެއްގެ ސޭޓެކެވެ. އީޕީއެސްއިން ތަޢުލީމު ޙާޞިލްކުރައްވަމުން ދިޔަ އިރު، އަދާކުރައްވަން ފެއްޓެވި ފިހާރައެއްގެ ސޭޓުކަމުގެ ވަޒީފާއިން ވަކިވެލެއްވީ ބޯޓުދަތުރުކުރެއްވުމަށް ދުރުވާށެވެ. ބޯޓުދަތުރުކުރެއްވުމަށް ފަހު އެނބުރި މާލެދުރުވެ ދެ ވަނަ ފަހަރަށް ވެސް ކުރިން ސޭޓުކަންކުރެއްވި ފިހާރާގައި މަސައްކަތްޕުޅުކުރެއްވިއެވެ. އެއަށް ފަހު ހއ. އަތޮޅުގައި ހިންގި ސޭވް ދަ ޗިލްޑްރަން ޕްރޮގްރާމުގައި ފީލްޑް ކޯޑިނޭޓަރއެއްގެ ގޮތުގައާއި، ސީނިއަރ ފީލްޑް ކޯޑިނޭޓަރއެއްގެ ގޮތުގައި ވެސް މަސައްކަތްޕުޅުކުރެއްވިއެވެ. މީގެ އިތުރުން ކަތީބުކަން ދޫކުރައްވާ، މާލެއަށް ދިރިއުޅުއްވުން ބަދަލުކުރެއްވުމަށް ފަހު، އިލެކްޝަން ކޮމިޝަން ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރކަމާއި، އަދި ޑެޕިޔުޓީ ޑިރެކްޓަރަކަށް ވެސް ކަތީބު ޢަބްދުﷲ ވަޙީދު ވަނީ ކުރައްވާފައި ވެއެވެ. ވަޒީފާއިން ވަކިވެލެއްވީ ރިޓެއަރކުރައްވަން ޖެހިލެއްވުމާ ގުޅިގެންނެވެ. ރިޓެއަރކުރައްވަން ޖެހިލެއްވީ އޭރު ރިޓެއަރމަންޓް އުޞޫލު އޮތް ގޮތުންނެވެ. 65 އަހަރުވެގެންނެއް ނޫނެވެ.
ޢަބްދުﷲ ވަޙީދު ހާމަކުރެއްވި ގޮތުގައި ކެލާގެ ކަތީބުކަމާ ޙަވާލުވެލެއްވި އިރު، ރަށު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު އެހައި ރަނގަޅެއް ނޫނެވެ. ޤައުމުގެ އާންމު ޙާލަތު ވެސް ހީކުރާ ވަރަށް ވުރެ ހުރީ ދަށްކޮށެވެ. ދައުލަތުން ފޯރުކޮށްދެއްވާ ޚިދުމަތްތައް ވެސް މިހާރާ އަޅައިބަލައި އިރު އޭރު ހުރީ ދެރަކޮށެވެ. އޮފީހުގެ ކަންކަމާއި، ރަށުގެ ކަންކަން ކުރުމަށް ދައުލަތުން ދެއްވަނީ ވަރަށް ކުޑަކުޑަ ފައިސާކޮޅެކެވެ. ވެރިކަމުގައި ހޭދަވި 18 ވަރަކަށް އަހަރު ރައްޔިތުންނާ ގުޅޭ ކަންކަން ރަށުގައި ހިންގުމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އެއީއެވެ. ނަމަވެސް ހެޔޮ އެދޭ ބައެއް ފަރާތްތަކުގެ އެހީތެެރިކަމާއެކު ރަށުގެ ޢުމްރާނީ ތަރައްޤީއަށް ހެޔޮ ބަދަލުތަކެއް އެ ދުވަސްވަރު ގެނެވުނު ކަން ކަތީބު ޢަބްދުﷲ ވަޙީދު ފާހަގަ ކުރެއްވިއެވެ.

ޢަބްދުﷲ ވަޙީދުގެ ވެރިކަމުގައި ކެލާގައި ކުރެވިފައިވާ މުހިންމު ބައެއް ކަންތައްތައް
1. ޓީޖެޓީ (ރަށުގެ މަތިފަރާތުގައި މިހާރުވެސް ފެންނަން އޮތް)
2. މިސްކިތްމަގު ފާލަން 2 ފަހަރެއްގެ މަތިން އެޅުން
3. ރަށުގެ މިސްކިތްތައް މަރާމާތުކުރުން (އަންހެނުންގެ ނަމާދުގެތަކާއެކު)
4. ޢުފްރާން މިސްކިތް ބިނާކުރުން
5. ރަށްވެހިގެ ޒަމާނާ އެއްގޮތަށް ބަދަލުކުރުން
6. މަގުތައް ތެދުކުރުން
7. އާމަގު ހެދުން
8. ލިލީ ޕްރީސްލޫކް ޢިމާރާތްކުރުން
9. ޤަބްރަސްތާނު ވަށާފާރު ރޭނުން
10. ޖަންގަލި ހެދިފައި އޮތް ފުނަވާ ސާފުކުރުން
11. މިސްކިތްމަގާއި، އޮޑިބަންމަގާ ދެމެދުގައި ހުރި ހަރުގެތައް ނަގައި ސާފުކުރުން
12. ރަށު އޮފީސް ޢިމާރާތްކުރުން (މިހާރު އެ ހުރި އޮފީސް)
13. ޞިއްޙީމަރުކަޒު ބިނާކުރުން
14. ބެންކު އޮފް މޯލްޑިވްސްގެ ހިއްސާގަތުން
15. ބޯޅަދަނޑުގެ ވަށާފާރު ރޭނުން
16. ސްޓޭޖުހެދުން
17. ވޮލީ ކޯޓު ދިއްލާ ރޭގަނޑު ވޮލީކުޅެވޭ ގޮތް ހެދުން
18. ބޭސްފިހާރަހަދާ ހުޅުވުން
19. ޞިއްޙީ މަރުކަޒަށް އެމްބިޔުލާންސް ހޯދުން
20. ރަށު އޮފީހަށް ވޭން ހޯދުން
21. ރަށްކުރިއަރުވާ ކޮމިޓީގެ ފަތްކެޔޮދަނޑެއް ހެދުން
22. އަންހެނުންގެ ކޮމިޓީގެ މޭވާއާއި، ތަރުކާރީ ދަނޑެއް ހެދުން
23. ޢީދު މިސްކިތު ވަށާފާރު ރޭނުން
24. އޭޑީބެ އެހީގައި ރަށަށް ކަރަންޓުލުން

މީގެ އިތުރުން ޢަބްދުﷲ ވަޙީދުގެ ކަތީބު ކަމުގައި، ގާމެންޓް ފެކްޓަރީ އެޅުމަށް ސާފުކުރެވުނު ބޮޑުބިމާއި، އަންޞާރު މިސްކިތް އެޅުމަށް ސާފުކުރެވުނު ބިމާއި އަދި ޞިއްޙީ މަރުކަޒު އެޅުމަށް ސާފުކުރެވުނު ބިމަކީ ރައްޔިތުން ވަރަށް ބޮޑަށް ޤުރުބާންވެގެން ކުރެވުނު މުހިންމު މަސައްކަތެކެވެ. އެއިން ކޮންމެ ބިމަކީ ވެސް އޭރު، ބިޔަކޮށް ރުއްގަސް ހެދިފައިވާ އޮތް ބިންބިމެވެ. ނަމަވެސް ޖޯޝާއި، ފޯރީގާ ބިންސާފުކުރުމުގެ މަސައްކަތް ދެ ދުވަހެއްގެ ތެރޭ ރައްޔިތުން ވަނީ ނިންމާލައްވާފައެވެ.
ކަތީބު ޢަބްދުﷲ ވަޙީދު ފާހަގަ ކުރެއްވި ގޮތުގައި، ކެލާއަކީ އެންމެ އިހު ޒަމާނުން ފެށިގެން ވެސް މަޞްލަޙަތު ހުރި ގޮތެއްގައި ކަންކަން ކުރެވިފައިވާ ރަށެކެވެ. އެ ކަން އެ ގޮތަށް ބައްޓަންވެފައި އޮތުމުގެ ފައިދާ، އެއް ދުވަހުން އަނެއް ދުވަހަށް ކެލާއަށް އައީ ކުރަމުންނެވެ. ޢުމްރާނީ ކުރިއެރުމުގައި ހޯދިފައިވާ އަދި ހޯދަމުން އަންނަ ކުރިއެރުންތަކުގެ މައި އަޞްލަކީ އެއެވެ. ކުށްމަދު އަދި ހޭލުންތެރި މުޖުތަމަޢަކަށް މަގުފަހިވި ސިއްރަކީ ވެސް އެއެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންނާ ވެރީންނާ ދޭތެރޭ ހަރުދަނާ ގުޅުމެއް އޭރު ގާއިމްވެފައި އޮތެވެ. ތަރައްޤީއަށް ޓަކައި ކަންކަން ކުރުމަށް ރައްޔިތުން ތިބީ ފެންބޮވައިގެންފައެވެ. ގޮވާލާ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައި ވެއެވެ.
ތަފާތު ދާއިރާތަކުން ލިބިލައްވާފައިވާ ތަޖުރިބާއާއެކު ރަށުގެ ކަތީބުކަމާ ޢަބްދުﷲ ވަޙީދު ޙަވާލުވެލެއްވީ ބައެއް ފަރާތްތަކުން ދެއްވި ޚާއްޞަ ދަޢުވަތުތަކާ ގުޅިގެންނެވެ. ޚާއްޞަކޮށް ސޭވްދަ ޗިލްޑްރަން ޕްރޮގްރާމުގައި ހއ. އަތޮޅުގައި ޙަރަކާތްތެރިވެލެއްވި ދުވަސްވަރު ފާހަގަކުރެވުނު ލީޑަރޝިޕްގެ ދައުރު، ވަރަށް ބޮޑު ރޯލެއް އެ ކަމުގައި އަދާކުރިއެވެ. އޭރުގެ އަތޮޅުވެރިން ވެސް އެ ކަމަށް ވަރަށް ބޮޑަށް ބާރު އެޅުއްވިއެވެ. މީގެ އިތުރުން ޢާއިލާގެ ބޭފުޅުންގެ އެދިލެއްވުން ވެސް އޮތެވެ.
ޠަބީޢަތުގައި ވެސް މަޑުމައިތިރިކަން ޚާއްޞަ ސިފައެއްގެ ގޮތުގައި ފާހަގަ ކުރިވިފައިވާ ޢަބްދުﷲ ވަޙީދަކީ ވަޠަނީ ބޭފުޅެކެވެ. ވާހަކަފުޅު ދެއްކެވުމުގައި ވެސް މަޑުމައިތިރި ބޭފުޅެކެވެ. ވަޠަނަށް ހެޔޮ ގޮތް އަބަދުވެސް އެދިގެން މަސައްކަތްޕުޅު ކުރެއްވި ކަތީބެކެވެ. ކަންތައް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށް ދެއްވި ވެރިއެކެވެ. ކަތީބުކަމުގައި ހޭދަވި 18 ވަރަކަށް އަހަރުގައި ރަށުގެ ތަރައްޤީއަށް ޓަކައި، ގިނަ ކަންތައްތަކެއް ރަށުގައި ކުރެވިފައި ވަނީ ކަތީބުގެ ލީޑަރޝިޕްގެ ހަރުދަނާ ކަމުންނެވެ. ކަންކަން ކުރެއްވުމަށް ދެއްވި ޚާއްޞަ ސަމާލުކަމާއި، އެއްބާރުލެއްވުމުގެ ސަބަބުންނެވެ.
ކުޑަ އިރު ލިބިލެއްވި ތަޖުރިބާގެ އަލީގައި ރަށުގައި ދިރިއުޅުއްވި ދުވަސްވަރު ފިހާރައެއް ވެސް ރަށުގައި ހިންގެވިއެވެ. “ފަތުވާ”ގެ ނަމުގައި ފެއްޓެވި ވިޔަފާރި ރަށުގެ އިތުރުން މާލެއަށް ދިރިއުޅުއްވުން ބަދަލުކުރެއްވުމަށް ފަހު، މާލޭގައި ވެސް ހިންގެވިއެވެ. ކަތީބު ކަމުގެ މަޤާމު ދޫކޮށްލެއްވުމަށް ފަހު، މާލެއަށް ދިރިއުޅުއްވުން ބަދަލުކުރެއްވީ އެ ދުވަސްވަރު ރަށު ސުކޫލުގައި ސައެއްސް ސްޓްރީމް ނެތުމުގެ ސަބަބުން، ހަގު ދަރިކަނބަލުންނަށް ސައެންސް ސްޓްރީމަށް ތަޢުލީމް ފޯރުކޮށްދޭން ވެގެންނެވެ.
މި ރަށު ހީނާމާގޭ ފާޠިމަތު ޤާސިމާ، ޢަބްދުﷲ ވަހީދު ކުރެއްވި ކާވެންޏަށް 4 ބޭފުޅަކު ލިބިލައްވާފައި ވެއެވެ. އެއީ ނުޒުހާ ވަޙީދާއި، ޒުހްދުލްޙައްޤު ވަޙީދާއި، ޔުމްނާ ވަޙީދާއި، އަދި ލުބްނާ ވަޙީދެވެ. މި އިން ކޮންމެ ބޭފުޅަކު ވެސް ބޮޑުފުޅުކުރައްވާފައި ވަނީ ރަނގަޅު ތަޢުލީމާއި، ހަރުދަނާ ތަރުބިއްޔަތާއި، އަޚްލާޤުގެ މަތީގައެވެ. ކަތީބުގެ ކޮންމެ ބޭފުޅަކީ ވެސް މިއަދު ޤައުމަށް ބޭނުންތެރި ބޭފުޅެކެވެ. މުހިންމު ދާއިރާތަކަކުން އެ ބޭފުޅުން އަންނަނީ ޤައުމަށް ޚިދުމަތްކުރައްވަމުންނެވެ.

ކަތީބުގެ ދަރިކަނބަލުން ނުޒުހާއަކީ ތަޢުލީމީ ދާއިރާގައި މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވަމުން އަންނަ ބޭކަނބަލެކެވެ. ނުޒުހާ މަސައްކަތްޕުޅުކުރައްވަނީ އެންއައިއީ (ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން) ގައެވެ. ޒުހުދަކީ ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީ (ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން)ގެ ޕްރިންސިޕަލެވެ. ޔުމްނާއަކީ އެންޓި ކަރެޕްޝަން ކޮމިޝަންގެ ހީވާގި މުވައްޒަފެކެވެ. ލުބުނާ މަސައްކަތްކުރައްވަނީ ޤާނޫނީ ދާއިރާގައި ލޯޔަރެއްގެ ގޮތުގައެވެ.
ކަތީބު ޢަބްދުﷲ ވަޙީދަކީ، ފާހަގަކުރެވޭ ފަދަ މުހިންމު ޚިދުމަތްތަކެއް ކެލާއަށް ކުރައްވާފައިވާ ޚިދުމަތްތެރި ކަތީބެކެވެ. ޢުމްރާނީ ގޮތުން ކުރައްވާފައިވާ މަސައްކަތްޕުޅުތައް ވަކިން ފާހަގަވެއެވެ. ޞިއްޙީ ގޮތުންނާއި، ޢިލްމީ ގޮތުންނާއި އަދި އިޤްތިޞާދީ ގޮތުން ކުރެއްވި ހަރުދަނާ މަސައްކަތްޕުޅުތަކުގެ ހެޔޮ ބަދަލު، މިއަދު ރަށުން ފެންނަމުން އެބަދެއެވެ. ރައްޔިތުންނާއެކު އޮތް ގާތް ގުޅުމުގެ ފައިދާ ކަތީބުކަމުގައި ޢަބްދުﷲ ވަޙީދު ހޭދަކުރެއްވި 18 ވަރަކަށް އަހަރު ކެލާއިން ފެނިފައި ވެއެވެ. ރަށުގެ ރީތިކަމާ ހައިބަތަށް ކަތީބު ގެނެސްދެއްވި ތާޒާކަން މިއަދުވެސް ރަށުން ފެންނަމުން އެބަދެއެވެ.