މަންޑިކުޅުން

މަންޑިއަކީ ތިލަދުންމަތީ އުތުރުބުރީ ކެލާ މީހުން ޢީދާ ގުޅިގެން ވަރަށް ފޯރީގައި ކުޅެ އުޅޭ ކުޅިވަރެކެވެ. ސަގާފަތާއި، އާދަކާދައިގެ ރީތި ހަމަތަކެއް ޒަމާނުން ސުރެ ގެންގުޅެމުން އައި ކުޅިވަރެކެވެ. ޚާއްޞަކޮށް މަންޑި ކުޅެނީ ބޮޑު ޢީދުގެ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައެވެ. ގިނަ ބަޔަކު ބައިވެރިވާ ޙަރަކާތެއްގެ ގޮތުގައެވެ.
މިއީ ދުރާލާ ތައްޔާރުވެގެން ކުޅެވޭ ޒާތުގެ ކުޅިވަރެކެވެ. ކުޅިވަރުކުޅުމަށް ބޭނުންވާ ސާމާނު މާކުރިން ތައްޔާރުކުރަން ޖެހޭތީއެވެ. މަންޑި ދަނޑިއާއި، ފޯލި ހަދަނީ އުނި ދަނޑީގައެވެ. ހިކި އުނި ދަނޑީގައެވެ. އުނިދަނޑި ކަނޑައި، ހިއްކާ، އެ ބުރިކޮށް ހެދުމަކީ އީދު އައުމުގެ ކުރިން ކުރާ މަސައްކަތުގެ ތެރެއިން މަސައްކަތެކެވެ. މަންޑި ދަނޑިގަނޑުގެ ދިގުމިނަކީ އާންމުކޮށް މުށެކެވެ. ނުވަތަ 18 އިންޗިއެވެ. ފޯލީގެ ދިގު މިނަކީ ގާތްގަނޑަކަށް 3 ނުވަތަ 4 އިންޗިއެވެ. މަންޑި ދަނޑިގަނޑާއި އަދި ފޯލީގެ ވެސް ފަލަމިނުގައި ހުންނަނީ ދާދި އެއް މިނެކެވެ.
މި ކުޅިވަރަކީ ކޮންމެ ބޮޑު ޢީދެއްގައި ވެސް އާންމުކޮށް ކެލާގައި ކުޅޭ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ކުޅިވަރެކެވެ. މި ކުޅިވަރު އިހު ޒަމާނުގައި ކުޅެ އުޅުނީ ރަށުގެ މީހުން އެންމެ ގިނައިން ޖަމާވެ އުޅޭ ސަރަޙައްދުތަކުގައި ކަމަށް ވިޔަސް، މިއީ ކުޅޭ މީހުންގެ އިތުރުން ހިނގާބިނގާވެ އަދި ދުއްވާ އުޅޭމީހުންނަށް ވެސް އަނިޔާ ވެދާނެ ކުޅިވަރަކަށް ވާތީ، މީހުން މަދުން ޖަމާވެ އުޅޭ ހިސާބުގަނޑެއްގައި މި ކުޅިވަރު ކުޅުމަކީ މިހާރަކަށް އައިސް ވަރަށް ބޮޑަށް ސަމާލުކަން ދެމުން އަންނަ ކަމެކެވެ.
މިއީ ވެސް ވާދަވެރި ކުޅިވަރެއްގެ ގޮތުގައި ވެސް ކުޅެވިދާނެ ކުޅިވަރަކަށް ވާތީ، ކުޅިވަރުކުޅުމަށް ޖަމާވާ މީހުން އެންމެ ފުރަތަމަ ދެ ބަޔަކަށް ބަހާލަނީއެވެ. އެއަށް ފަހު ފުރަތަމަ ހޮވަން ދާނެ ބަޔަކު ކަނޑައެޅުމަށް ފަހު، ކުޅެން ފަށަނީއެވެ. ހެނދުނު 9 ޖަހައި އެހައިކަންހާ އިރު ފަށާ މި ކުޅިވަރުގެ ފުރަތަމަބައި ކަމުގައިވާ ކުޅުމުގެ ބައި މެންދުރު ނަމާދަށް ގޮވުމުގެ ކުރިން މޫދަށް ދެވޭހައި ތަނުގައި ނިންމާލައެވެ.
މި ކުޅިވަރުގައި ކުޅޭ ޓީމު ކުޅެމުންދާ އިރު، ހޮވާ ޓީމު އޮންނަނީ ހޮވާށެވެ. ކުޅޭ ޓީމުން ޖަހައި ފޯލިތައް ހިފާށެވެ. ބަށި ކުޅޭ އިރު ހޮވާ ޓީމުން ބޯޅަ ހޮވާ ކަހަލަ ގޮތަށެވެ. ކުޅޭ ކޯޓުގައި ދެ ފަރާތެއް އޮއެވެ. ދެ ފަރާތް ވަކިކުރަން ދަމާފައި އޮންނަ ރޮނގަށް ކިޔަނީ ކަނޑެވެ. ކުޅޭ ޓީމުން ފޯލި ޖަހަނީ ވެލިގަނޑުގައި ކޮނެފައި ހުންނަ ކުޑަ ވަޅުކޮޅެއްގައި ފޯލީގެ އެއްކޮޅު އުފުލިފައި އޮންނަ ކަހަލަ ގޮތަކަށް ބާއްވާ، އަތުގައި އޮންނަ މަންޑި ދަނޑިގަނޑުން ވަޅުގައި އޮތް ފޯލީގެ އުފުލިފައި އޮންނަ ކޮޅުގައި ކުޑަކޮށް ޖަހައިލާ އެ ފޯލި މައްޗަށް އެރުމުން ޖަހައި ހޮވައި ޓީމު ކޮޅަށް ކަނޑު ހުރަސްކޮށް ފޮނުވައިލައިގެންނެވެ. މި ގޮތަށް ޖަހައި ފޯއްޔެއް ހޮވާ ޓީމަށް ހިފިއްޖެ ނަމަ ދެން ފެށެނީ ފޯއްޔާ ހިފުމުގެ ބައެވެ. ފޯލި އޮންނާނީ ފޯލި ހިފި މީހާގެ އަތުގައެވެ. އޭނާގެ މަސައްކަތަކީ އެ ފޯލި ހިފައިގެން ގޮސް ކަނޑު ހުރަސްކޮށް ފޯލި ޖަހައި ސަރަހައްދަށް ފޯލި ގެންދިޔުމެވެ. މި އަށް ފޯލި ވަޅަށްލުމޭ ވެސް ކިޔައެވެ.
ފޯލި ވަޅަށް ލުމުގެ ޙަރަކާތުގެ ތެރޭގައި ތަފާތު އެތައް ކަމެއް ފެނިގެން ދެއެވެ. އެއަށް އޮޅިލާމަންޑިކުޅުމޭ ވެސް ކިޔައެވެ. ދެބޯ ޖައްސާ ބައްދައެވެ. އުޑިއަނބުރައެވެ. ބޮނޑުދުވާ ގޮތަށް ދުވެއެވެ. މަޖާ އެތައް ކަސްރަތުގެ ޙަރަކާތްތަކެއް ތަމްސީލުކުރެއެވެ. އެއީ މި ކުޅިވަރުގައި އަންނަ ވަރަށް މަޖާ ވަގުތުކޮޅެކެވެ.
ފޯލި ވަޅަށްލާން ދަނީ އެއަށް ފަހުގައެވެ. ފޯލި އޮތް މީހާ ޙިމާޔަތްކުރަން ހޮވާ ޓީމުން މަސައްކަތްކުރާ އިރު، އިދިކޮޅު ޓީމުން މަސައްކަތްކުރަނީ އޭނާއަށް އެ މީހުން ތިބޭ ހިސާބަށް އައިސް ފޯލި ވަޅަށް ލާން ފުރުޞަތު ނުދޭށެވެ. އެ ފޯލި ވަޅަށް ލާން ގެނެވިއްޖެ ނަމަ ކުޅޭ ޓީމު އެ ހިސާބުން ނުބައިވީއެވެ. ދެން ޖެހޭނީ އެ ޓީމު ހޮވަން އަރާށެވެ.
ފިރިހެނުން މަންޑިކުޅެ ނިންމާ މޫދަށް ދިޔުން އަބަދުވެސް މި ކުޅިވަރުގައި އޮވެއެވެ. މޫދަށް ދަނީ ބެރުޖަހައި ލަވަކިޔައި، މަގުމަތީ ޕެރޭޑުގައެވެ. އަންހެންވެރިން ދޮންއެނބުލިވެޔޮ އަޅައި ފެން ލޯގަނޑުތައް ހޫނުކޮށް، މޫދުންނަގަން ދާދެން ފިރިހެންވެރީން ތިބޭނީ މޫދުގައެވެ. ފިރިހެންވެރީން މޫދުން ނަގަން އަންހެންވެރީން ދަނީ ފަރިވަޅުތައްޔާރުކޮށް ބެރުޖަހައި ލަވަކިޔައި، ޕެރޭޑުގައެވެ. އަންހެންވެރީން ގޮސް ފަރިވަޅުދީ އެ ފަރިވަޅުކައިގެން އަންހެންވެރީންނާއެކު ޕެރޭޑުގައި ފިރިހެނުން އަންނަނީ އެއްކަލަ ވެޔޮގަނޑު މޮޑޭށެވެ. ވެޔޮގަނޑު މޮޑެދެނީ އަންހެންވެރީންނެވެ. އެ ކަން އޮންނަނީ ހާމަކަން ބޮޑު ގޮތެއްގައި އެންމެންނަށް ވެސް ފެންނަ ގޮތަށެވެ. ފިރިހެންވެރީން އޮށޯވެ ތިބެނީ ތޮށަލިތަކުމަތީ ބަންޑުންނެވެ. ގޯސްކަމެއް އެ ކަމުގެ ތެރޭގައި އޭރުވެސް ނުހިނގައެވެ.
ވެޔޮގަނޑު މޮޑުން ކުރީ ޒަމާނުގައި އޮތް ކަމަށް ވިޔަސް މިއަދު ކެލާގައި ވެސް އެ ކަން ނޯންނަކަން ފާހަގަކުރަމެވެ. އާންމުކޮށް މިހާރު އޮންނަނީ ލުއި ބުއިމެއް ނުވަތަ ކެއުމެކެވެ. މަންޑީގެ ޙަރަކާތް ނިމެނީ އެ ހިސާބުންނެވެ.
މި ކަމާ ދޭތެރޭ ފުންކޮށް ވިސްނާލުމުން މި ކުޅިވަރުގައި އޮތް އިޖުތިމާޢީ ބަދަހިކަން ވަރަށް ބޮޑަށް ފެނިގެން އެބަދެއެވެ. އެއްބައިވަންތަކަމާއި އަޚްވަންތަކަން ހާމަވެއެވެ. އިހުގެ ކޮންމެ ކުޅިވަރަކުން ވެސް ފެންނަނީ މި ފަދަ ރީތި އެއްބައިވަކަމާއި، އަމިއްލަވަންތަކަމެވެ.