ބަހާއި އަދަބު

އިޚްލާޞްތެރިކަން

އިޚްލާޞްތެރިކަމަކީ އިންސާނުންގެ ކިބައިގައި ހުންނަންޖެހޭ އެންމެ މަތިވެރި އަދި އެންމެ މުހިންމު އެއް ސިފައެވެ. ތަނެއް ކުރިއަރައި ދިޔުމުގެ އެންމެ މަތިވެރި ތަރަހައެވެ. އިޚްލާޞްތެރިވާންޖެހޭ އެތައް ފަރާތްތަކެއް އެބަ ހުއްޓެވެ. 

އިޚްލާޞްތެރިވާން ޖެހޭ އެންމެ އިސް ފަރާތަކީ ތިމާ ޚަލްޤުކުރެއްވި މަތިވެރި ރައްބެވެ. ﷲ ތަބާރަކަ ވަތަޢާލާއެވެ. ﷲއަށް ތިމާ އިޚްލާޞްތެރިވާ ނަމަ، ފަރުޟުތަކަށް ތިމާ ރައްކާތެރި ވާނެއެވެ. ސުންނަތުގައި ހިފެހެއްޓުމަށް ގަދައަޅައި މަސައްކަތްކުރާނެއެވެ. ﷲ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލި ވާނެއެވެ. މި ގޮތުގައި ސާބިތު ނުވެވި، ﷲއަށް އިޚްލާޞްތެރިވާނީ ކިހިނަކުން ހެއްޔެވެ.

އިޚްލާޞްތެރިވާންޖެހޭ އަނެއް ފަރާތަކީ ތިމާގެ މައިންބަފައިންނެވެ. މައިންބަފައިންނަށް ކިޔަމަންތެރިވުމަށް މަތިވެރި އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައިފައި ވެއެވެ. އެ މީހުންގެ ކުރިމަތީގައި އުއްފުގެ މިންވަރު ވެސް ނުބުނުމަށް ކީރިތި ﷲގެ ކަލާމްފުޅުގައި ވަޙީގެ ބަސްފުޅު އައިސްފައި ވެއެވެ. އެ މީހުން ބަސް ޤަބޫލުނުކޮށް، އެ މީހުންނަށް އަޅައި ނުލައި، އެ މީހުންނަށް އޯގާތެރި ނުވެ، މައިންބަފައިންނަށް އިޚްލާޞްތެރި ވާނީ ކޮންފަދައަކުން ހެއްޔެވެ. 

އިޚްލާޞްތެރިވާން ޖެހޭ އަނެއް ފަރާތަކީ، ތިމާ އަދާކުރާ ވަޒީފާ ދެއްވި ފަރާތެވެ. ނުވަތަ އެ ވަޒީފާއެވެ. ވަޒީއަށް އިޚްލާޞްތެރިވާ ނަމަ ޤަވާޢިދުން ވަޒީފާއަށް ނުކުންނަން ޖެހެއެވެ. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމިހުންނަން ޖެހެއެވެ. ރަސްމީ ގަޑީގައި އޮފީހުގެ މަސައްކަތުގައި އުޅެން ޖެހެއެވެ. ޙަވާލުވެފައި ހުންނަ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމަން ޖެހެއެވެ. ޒިންމާދާރުކަމާއެކު ޒިންމާތައް އުފުއްލަން ޖެހެއެވެ. މި ފަދަ ކަންކަމުން ރެކި، ވަޒީފާއަށް އިޚްލާޞްތެރި ވާނީ ކިހިނެއް ހެއްޔެވެ.

އިޚްލާޞްތެރިވާންޖެހޭ އަނެއް ފަރާތަކީ ތިމާގެ ބެލެހެއްޓުންތެރިކަމުގައި ތިބޭ ފަރާތްތަކެވެ. އެ ފަދަ ފަރާތްތަކަށް ދޭންޖެހޭ ރައްކާތެރިކަމާ ޙިމާޔަތް ދިނުމަކީ އެ މީހުންނަށް އިޚްލާޞްތެރިވުމެވެ. ބޯހިޔާވަހިކަން ހޯދައިދިނުމެވެ. ކާންބޯން ދިނުމެވެ. އަންނައުނު ހޯދައިދިނުމެވެ. ޞިއްޙީ ފަރުވާ ލިބޭ ގޮތް ހަދައިދިނުމެވެ. ތަޢުލީމް ފޯރުކޮށްދިނުމެވެ. އެ ފަރާތްތަކަށް މި ކަންކަން ކޮށް ނުދެވޭ މަމަ އެމީހުންނަށް އިޚްލާޞްތެރި ވާނީ ކިހިނެއް ހެއްޔެވެ.

އިޚްލާޞްތެރިވާން ޖެހޭ އަނެއް ފަރާތަކީ ތިމާ ދިރިއުޅޭ މުޖުތަމަތަޢެވެ. މުޖުތަމަޢުގެ އަފުރާދުންނަށެވެ. މުޖުތަމަޢަށް އިޚްލާޞްތެރިވާ ނަމަ މުޖުތަމަޢުގެ ފައިދާއާއި، ލާބަޔަށް މަސައްކަތްކުރަން ޖެހެއެވެ. އިޖުތިމާޢީ ކަންކަމުގައި ބައިވެރިވާން ޖެހެއެވެ. މުޖުތަމަޢުގެ ކަންކަމަށް ހިއްސާ ދޭންޖެއެވެ. ވަޠަނީ ކަންކަމުގައި ތިމާ ފެންނަން ޖެހެއެވެ. މި ދެންނެވި ރޯލް އަދާނުކޮށް މުޖުތަމަޢަށް ތިމާ، އިޚްލާޞްތެރިވާނީ ކިހިނެއް ހެއްޔެވެ. 

މި ދެންނެވި އިޚްލާޞްތެރިކަން އަޅުގަނޑުމެންގެ ކިބައިން ނުފެނި، އަޅުގަނޑުމެންނަކީ އިޚްލާޞްތެރި ބަޔެއް ކަމަށް ލޭބަލް ވާނީ ކިހިނެއް ހެއްޔެވެ. އަދި މި ދެންނެވި  އިޚްލާޞްތެރިކަން އަޅުގަނޑުމެންގެ ތެރޭގައި ނެތި މުޖުތަމަޢުގެ އަމާންކަމާއި، ރައްކާތެރިކަން ޤާއިމްކުރާނީ ކިހިނެއް ހެއްޔެވެ. ހަމައެފަދައިން މި ދެންނެވި ފަދަ އިޚްލާޞްތެރި ބަޔަކަށް ނުވެ އަޅުގަނޑުމެންގެ ވަޠަނަށް އުފާ ފާގަތިކަމާއި، ރޯޝަންކަން ގެންނާނީ ކިހިނެއް ހެއްޔެވެ. އަޅުގަނޑުމެންނަށް ދެއްވައިފައިވާ ބުއްދިން ވިސްނާ ފިކުރުކޮށް، ނެތި ގެއްލެމުންދާ އިޚްލާޞްތެރިކަން އަލުން އަނބުރާ ހޯދައި އިޚްލާޞްތެރި ބަޔަކަށް ވަމާތޯއެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button