ދީން

155ވަނަ ފިލާވަޅު :  ލައިލަތުލް ޤަދްރި ވިލޭރޭގެ މަތިވެރިކަމާއި އަދި އެރޭ ކުރުން ޝަރުޢުވެގެންވާ ކަންތައްތައްތަކާއި އެރޭގެ ވަޤުތު  (ފުރަތަމަ ބައި) 

ނޯޓް: ލައިލަތުލް ޤަދްރި ވިލޭރޭ ފެށޭނީ އެރޭ އިރުއޮއްސުމުންނެވެ. ނިމޭނީ ފަތިސްވަޤުތާއި ހިސާބަށެވެ.( ފަޖުރު ފާޅުވުމުންެނެވެ/ ފަތިސް ބަންޤި (

■■ (1)ލައިލަތުލް ޤަދްރި ވިލޭރޭގެ ބައެއް މަތިވެރި ކަންތައްތައް

(1)އެރޭގައި ކީރިތި ޤުރްއާން ބާވައިލެއްވުން

(2)ކުރިއަށް އަންނަ އަހަރުގެ ހުރިހާ ކަމެއް  ﷲ ސުބުޙާނަހޫ ވަތަޢާލާ އެރޭ މިންވަރުކުރައްވާ ކަނޑައެޅުއްވުން 

(3)އެރެއަކީ ބަރަކާތްތެރި ރެއެއްކަމުގައި ލެއްވުން

(4)އެރޭގައި ކުރާ އަޅުކަން 1000 މަހުގަައި ކުރާ އަޅުކަމަށްވުރެ ޘަވާބުގެ ގޮތުން އިތުރުވެގެންވުން (ނޯޓް : 1000 މައްސަރަކީ 83 އަހަރަށްވުރެ ގިނަ ދުވަހެވެ.)

(5)ޖިބްރީލްގެފާނާއި މަލާއިކަތްބޭކަލުން ރަޙްމަތާއި ބަރަކާތައިގެން އެރޭ ފައިބައިވަޑައިގަތުން 

(6)އެރެއަކީ ސަލާމަތްކަން ލިބިގެންވާ ރެއެކެެވެ.

■ (2)ލައިލަތުލް ޤަދްރި ވިލޭރޭގައި ކުރުން ޝަރުއު ވެގެންވާ ކަންތައްތައް

(1)ރޭގަނޑުގެ ނަމާދު ކުރުން(ޤިޔާމް ކުރުން) …އެ ޝަރަފުވެރި މަތިވެރިރޭގައި ނަމާދުކުރުން (ޤިޔާމްކުރުން) ޝަރުޢުވެގެންވެއެވެ…(ޖަމާޢަތުގައި ނުވަތަ އެކަނިވެސް  ގޭގައި ކުރެވިދާނެ ނުވަތަ ގޭގައި ޖަމާޢަތް ހަދައިގެންވެސް  ކުރެވިދާނެ) 

(2)އިޢުތިކާފްކުރުން….ލައިލަތުލް ޤަދްރު ވިލޭރޭގައި އިޢުތިކާފުކުރުން ޝަރުއުވެގެންވެއެވެ.(އިޢުތިކާފުކުރާނީ މިސްކިތުގައެވެ.) ފަހެ ހަމަކަށަވަރުން ރަސޫލާ (ޞައްލައް ﷲ ޢަލައިހި ވަސައްލަމް) ފަހު ދިހައެއްގައި އިޢުތިކާފުކުރެއްވިއެވެ.އެއީ ލައިލަތުލް ޤަދްރު ވިލޭރޭ ހާސިލްކުރުމަށްޓަކައެވެ.

(ނޯޓް : އިޢުތިކާފްކުރުމަކީ ﷲ އާއި ކުއްތަންވުމުގެ ނިޔަތުގަައި މިސްކިތުގައި މަޑުކުރުމެވެ.ރޭގަނޑު ނުވަތަ ދުވާލު ކަމުގަައިވިޔަސްމެއެވެ.އިޢުތިކާފްކުރުމަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ސުންނަތެއްކަމަށް 4 މަޒްހަބު އިއްތިފާޤްވެފައިވެއެެވެ.ކިތަންމެ ކުޑަ ވަޤުތުކޮޅަކަށްވެސް އިޢުތިކާފްކުރެވިދާނެއެވެ.މިއީ ޙަނަފީ މަޒްހަބު އަދި ޝާފިޢީ މަޒްހަބުގެ ބަސްފުޅެވެ.އަދި އިބްނު ޙަޒްމް ، ޝައުކާނީ ،އިބްނު ބާޒް އިޙްތިޔާރު ކުރައްވަނީ މިގޮތެވެ.( رحمهم الله الجميع)  )

(3)ދުޢާކުރުން…އެރޭ ދުޢާކުރުން ޝަރުއުކުރެއްވިއެވެ.އަދި ދުޢާކުރުމުން ﷲ އާއި ކުއްތަންވުން ޝަރުރުވެގެންވެއެވެ. ( ނޯޓް :ލައިލަތުލް ޤަދްރި ވިލޭރެއަކީ އެރެއެއްގައި އެންމެ ބޮޑަށް ދުޢާ އިޖާބަކުރެއްވޭނެކަމުގައި ބެލެވޭ ރެއެވެ.އެހެންކަމުން އެރޭ ގިނައިން ދުޢާކުރުން މުހިއްމުވެގެންވެއެވެ.  މާތް ﷲ  އެކަމަނާއަށް ރުއްސުންލެއްވި ޢާއިޝަތުގެފާނު ވިދާޅުވިއެވެ.” ލަައިލަތުލް ޤަދްރި ވިލޭރެއަކީ ކޮން ރެއެއްކަން ތިމަންކަމަނާއަށް އެނގިވަޑައިގަންނަވާނަމަ އެރޭ ތިމަންކަމަނާ ވިދާޅުވާންވީ ކޮން ޒިކުރެއްތޯއެވެ.ރަސޫލާ  )ޞައްލަ ﷲ ޢަލައިހި ވަޞައްލަމް) ޙަދީޘްފުޅު ކުރެއްވިއެވިއެވެ.” قُولِي : اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ ؛ فَاعْفُ عَنِّي ” މާނައީ ” ކަމަނާ މިފަދައިން ވިދާޅުވާށެވެ ” اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ ؛ فَاعْفُ عَنِّي” އޭ ﷲ އެވެ.އިބަ ﷲ އީ އަފޫކުރައްވާ ރަސްކަލާނގެއެވެ.އަފޫ ކުރެއްވުމަށް ލޯބިވެވޮޑިގެންވާ ރަސްކަލާނގެއެވެ.ތިމަން އަޅާއަށް އަފޫ ކޮށްދެންވާނދޭވެ! “)

(4)ހެޔޮޢަމަލުތައް ކުރުން…އެންމެހާ ހެޔޮޢަމަލުތައް އެރޭގައިކުރުން ޝަރުޢުވެގެންވެއެވެ.( މިޝާލު : ސަދަޤާތް ކުރުން ،ޤުރުއާން ކިޔެވުން ، ރަހިމްގެ ގުޅުން ދެމެހެއްޓުން…. )

(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)

والله أعلم

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button