ކެލާގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް ހުއްޓުމެއް ނެތި ދާނީ ކުރިއަށް: އެމްޕީ ޢަބްދުﷲ ޝަރީފު

ކެލާގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް ހުއްޓުމެއް ނެތި ދާނީ ކުރިއަށް ކަމަށް ކެލާ ދާއިރާގެ އެމްޕީ ޢަބްދުﷲ ޝަރީފު ވިދާޅުވެއްޖެއެވެ. އެމްޕީ ޢަބްދުﷲ ޝަރީފު މިހެން ވިދާޅުވީ، ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ރޭ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތަށް ފަހު ޕީއެސްއެމަށް ދެއްވި އިންޓަވިޔުއެއްގައެވެ.
އެމްޕީ ޝަރީފު ދެއްވި މި އިންޓަވިޔުގައި، ރޭ ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ފަތުރުވެރިކަމަށް ފައްކާވަމުން އަންނަ ކެލައަށް އިތުރު ނަފާތައް މި ރަށްވެހި އާސާރުގެ ތެރޭން ހޯދޭނެ ކަމަށް ވިދާޅުވިއެވެ. އަދި ކެލާ ތުނޑީގައި ހުރި އާސާރީ ތަރިކަތައް މި މަސައްކަތުގެ ތެރޭން ޙިމާޔަތްކުރެވި އޭގެ ފައިދާ ވެސް ރައްޔިތުންނަށް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

އެމްޕީ ދެއްވި އިންޓަވިޔުގައި މި ހިނގާ ހަފުތާތެރޭ ރަށު ފަތުރުވެރިކަމަށް ބީއެމްއެލްގެ އެހީގެ ދަށުން ހއ. އަތޮޅަށް ބީއެމްއެލް ގެސްޓްހައުސް ފައިނޭންސިންގ ތަޢާރަފުކުރެވިފައިވާ ކަން ފާހަގަކުރެއްވިއެވެ. އަދި އުންމީދުކުރަނީ ބީއެމްއެލްގެ އެހީގެ ދަށުން އިތުރު ގެސްޓްހައުސް އެޅި، ކެލާ ތުނޑި ވެސް ހުޅުވި، ކެލާ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ފައިދާތައް ލިބިގެން ދިޔުން ކަމަށް އެމްޕީ ވިދާޅުވިއެވެ.
މި އިންޓަރވިޔުގައި އޭނާގެ ފަހަތުގައި އޮތް ކެލާގެ ޓީމަށް އިޝާރާތްކޮށް، މި ޓީމާއެކު ކެލާގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ ކަންތައްތައް ބާރު ސްޕީޑުގައި ދާނީ ކުރިއަށް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.