ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ޙަވާލުކޮށްފި

ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ޙަވާލުކޮށްފިއެވެ. ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަނާ މި މަސައްކަތް ޙަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ ރޭ ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ.
މި އެއްބަސްވުމުގައި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރޓ) ޢަލީ ޒުހައިރެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރ ޢަބްދުﷲ ޝަރީފާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ކެލާގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ސޮއިކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އާދަމް ނަޞީރު އި ބްރާހީމް ދެއްކެވި ވާހަކަފުޅުގައި މި މަސައްކަތްކުރެވިގެން ދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތާއި، ފަތުރުވެރިކަން ސިންދަފާތުކުރުމާއި، ނެޝަނަލްއައިޑެންޓިޓީގެ އަޞްލުތަކާ އެއް ގޮތަށް ކަމަށް ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރ ވިދާޅުވީ، ވުޒާރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް އެ މަޝްރޫޢުގެ ދަށުން ކޮންމެ ރަށެއްގައި ވެސް ތަރިކައިގެ އާސާރުތައް އުފެއްދުމުގެ ރޫޙެއް އަށަގެންނެވުމަކީ ވަރަށް ބޮޑަށް އިސްކަންދެއްވާނެ އަމާޒެއް ކަމަށެވެ.
ރޭގަ ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކެލާގެ ލިލީ ހައުސް، އާސަރެއްގެ ގޮތުގައި ތަރައްޤީކުރެވި އެ ތަނުން ކެލާގެ އިޤްތިޞާދަށް ފަތުރުވެރިކަމުގެ އިންޑަސްޓްރީން ނަފާ ހޯދުމުގެ ފުރުޞަތު ފަހިވެގެން ދާނެއެވެ. އަދި ތަރިކާގެ ތެރޭގައި ހިމެނޭ ތަންތަނާއި، އެއްޗެއްސާއި، ރަށުގެ މަޢުނަވީ ތަރިއަށް ވެސް މި އެއްބަސްވުމުގެ ސަބަބުން ދިރުން ލިބިގެން އަންނާނެ ކަމަށް ބެލެވެއެވެ.