ޚަބަރުމީހުން

ޕްރިންސިޕަލް އަޙްމަދު ފައިޞަލް

ތަޢުލީމީ ދާއިރާއަށް ގުނާ ޢަދަދު ނުކުރެވޭހައި ޚިދުމަތްކޮށްދެއްވި މި ރަށު އިސްތާނާ އަލްމަރުޙޫމް އަޙްމަދު ފައިޞަލް ނުވަތަ ޕްރިންސިޕަލް ފައިޞަލަކީ ކެލާގެ ތާރީޚުގައި ރަން އަކުރުން ލިޔަން ޖެހޭ ބޭފުޅެކެވެ. މުޅި ރާއްޖޭގެ ތަޢުލީމަށް ޚާއްޞަކޮށް ކެލާގެ ތަޢުލީމަށް މަރުޙޫމް އަޙްމަދު ފައިޞަލް އަދާކުރައްވާފައިވާ ދައުރު ވަރަށް ބޮޑެވެ.

މި ރަށު ކޯއްޓޭގޭ މަރުޙޫމް ޤާސިމް މޫސާމަނިކަށާއި، މަރުޙޫމާ ޢާއިޝަތު ޢަބްދުއްރަޙްމާނަށް ލިބިވަޑައިގެންނެވި 13 ބޭފުޅުންގެ ތެރެއިން 3 ވަނަ ދަރިފުޅު މަރުޙޫމް އަޙްމަދު ފައިޞަލަކީ ހިންގުންތެރި، ކެރޭ، މުރާލި އަދި މަސައްކަތުގައި ނަމޫނާ ޕްރިންސިޕަލެކެވެ. ރާއްޖޭގެ އެތައް ރަށެއްގައި ތަޢުލީމީ ދަންމަރު ހުޅުދާންކޮށްދެއްވި މުރައްބީއެކެވެ. އެކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާއެކު ގާތް ގުޅުމެއް އުފެއްދެވި، ވަފާތެރި އަދި ހިންގުންތެރި ވެރިއެކެވެ. އިޚްލާޞްތެރި ލީޑަރެކެވެ.

ނަސީބު ދިމާކުރި ގޮތުން މަރުޙޫމް ފައިޞަލާއެކު 5 ވަރަކަށް އަހަރު އުފަން ރަށުގައި، ދެ މީހުން ވެސް އެ ހިޔަލަކުން ތަޢުލީމް ޙާޞިލްކުރި ޝައިޚް އިބްރާހީމް ސުކޫލް، ހިންގުމުގައި މަސައްކަތްކުރަން ޖެހުނެވެ. މަރުޙޫމް ފައިޞަލަކީ އޭރު ހެޑްމާސްޓަރެވެ. އަޅުގަނޑަކީ އެސިސްޓެންޓް ހެޑްމާސްޓަރެވެ. އެއީ ޝައިޚް އިބްރާހީމް ސުކޫލުގެ ޙަޔާތުގައި ގިނަ ކާމިޔާބީތަކެއް ޙާޞިލްކުރެވިގެން ދިޔަ އުންމީދީ ދުވަސްތަކެކެވެ. އިންގްލިޝް މީޑިއަމަށް ސުކޫލުގެ ކިޔެވުން ބަދަލުކުރެވުނެވެ. ސުކޫލުގައި ގްރޭޑް 8 އުފެއްދުނެވެ. ތަޢުލީމީ އެތައް ކާމިޔާބީތަކެއް ޙާޞިލްކުރެވުނެވެ. ކުޅިވަރުގެ ގޮތުންނެވެ. އަދި އެހެނިހެން ގޮތްގޮތުން ވެސް މެއެވެ.

ޢުމުރުގެ ގޮތުން ކުޑަ ތަފާތެއް ދެ މީހުންގެ މެދުގައި ހުރި ކަމުގައި ވިއަސް، ޝައިޚް އިބްރާހީމް ސުކޫލުން މަރުޙޫމް ފައިޞަލް ތަޢުލީމް ޙާޞިލްކުރެއްވި ދުވަސްވަރުގެ ހަނދާންތައް ވެސް ނުފިލާ އެބަ ހުއްޓެވެ. އޭރު ވެސް މަރުޙޫމް ފައިޞަލަކީ ތަޢުލީމީ ގޮތުންނާއި، ކުޅިވަރުގެ ގޮތުންނާއި، ޢިލްމީ އަދި އަދަބީ ޙަރަކާތްތަކުގައި ވެސް ފާހަގަކޮށްލެވޭ މޮޅު ދަރިވަރެކެވެ. ސުކޫލް ކެޕްޓަންކަން ވެސް މަރުޙޫމް ފައިޞަލް އެއް އަހަރަށް ވުރެ ގިނަ އަހަރު ކުރެއްވިއެވެ.

މަރުޙޫމް ފައިޞަލް ވަނީ މެލޭސިޔާގެ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިންގެވި ސެޓްފިކެޓް އިން އެޑިޔުކޭޝަން ފުރިހަމަކުރެއްވުމުގެ އިތުރުން މެލޭސިޔާ އޯޕަން ޔުނިވަރސިޓީން ހިންގެވި ބެޗްލަރ އޮފް އެޑިޔުކޭޝަން (އެޑިޔުކޭޝަނަލް އެޑްމިނިސްޓްރޭޝަން) ވިތު އޮނާސް ހައްދަވައިފައެވެ. މީގެ އިތުރުން ޕްރިންސިޕް ފައިޞަލް ވަނީ ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރިއްޔާ ވެސް ހައްދަވައިފައެވެ.

މުދައްރިސުންގެ ތަޢުލީމީ މަރުކަޒުން ޕްރައިމަރީ ޓީޗިންގ ހެއްދެވުމަށް ފަހު، މަރުޙޫމް ފައިޞަލްގެ ޚިދުމަތުގެ ދިގު މާޒީ ފެށިފައި ވަނީ މި އަތޮޅު ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާއިންނެވެ. 1984 ޖަނަވަރީ 1 އިން 1987 ޖަނަވަރީ 14 އާ ހަމައަށް ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު މަދަރުސާގައި ފައިޞަލް ވަނީ މަސައްކަތްޕުޅުކުރައްވާފައެވެ.

އެއަށް ފަހު ހެޑްމާސްޓަރެއްގެ ގޮތުގައި 1989 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން 1991 ވަނަ އަހަރުގެ ފެބުރުވަރީ 1 ވަނަ ދުވަހާ ހަމައަށް ށ. ކޮމަންޑޫގައި ހުންނަ ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މަސައްކަތްކުރެއްވިއެވެ. 1991 ފެބުރުވަރީ 1 އިން 1996 ޖަނަވަރީ 14 އާ ހަމައަށް ހެޑްމާސްޓަރެއްގެ ގޮތުގައި މަސައްކަތްޕުޅުކުރައްވާފައި ވަނީ ހދ. ވައިކަރަދޫގައި ހުންނަ ހދ. އަތޮޅު މަދަރުސާގައެވެ. 1996 ޖަނަވަރީ 14 އިން 1997 ޖަނަވަރީ 14 އަށް ހެޑްމާސްޓަރެއްގެ ގޮތުގައި މަސައްކަތްޕުޅުކުރެއްވީ ނ. މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާގައެވެ. 1997 ޖަނަވަރީ 14 އިން 1999 ޖަނަވަރީ 14 އަށް ހެޑްމާސްޓަރެއްގެ ގޮތުގައި ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާގައި މަސައްކަތްޕުޅުކުރެއްވިއެވެ. 1999 ޖަނަވަރީ 14 އިން 2004 އޯގަސްޓް 1 އަށް ހެޑްމާސްޓަރެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވީ ޝައިޚް އިބްރާހީމް ސުކޫލުގައެވެ.

2004 އޯގަސްޓް 1 އިން 2009 ފެބުރުވަރީ 1 އަށް އެސިސްޓެންޓް ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތްޕުޅުކުރެއްވީ ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. 2009 ފެބުރުވަރީ 1 ގައި ޑެޕިޔުޓީ ޕްރިންސިޕަލްގެ މަޤާމަށް ފައިޞަލް ބަދަލުކުރެއްވިއެވެ. އެހެންނަމަވެސް ހއ. ތަޢުލީމީ މަރުކަޒުގެ ޑެޕިޔުޓީ ޕްރިންސިޕަލްގެ މަޤާމުގައި ހުންނަވައިގެން 2005 އިން ފެށިގެން 2009 ފެބުރުވަރީ 1 އަށް ފައިޞަލް މަސައްކަތްޕުޅުކުރެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބިދޭސީ ޓީޗަރުންގެ ޔުނިޓުގައެވެ. އެ ޔުނިޓުގެ ވެރިއެއްގެ ގޮތުގައެވެ. މަނަދޫ އިބްރާހީމްމަނިކު ބުނުއްވި ގޮތުގައި ބޮއްސުންލައިފަ އޮތް ބިދޭސީ ޔުނިޓުގެ މަސައްކަތްތައް ފައިޞަލް ވަނީ ޙައްލުކުރައްވައި ހަރުދަނާ މަސައްކަތްޕުޅުތަކެއް އެ ޔުނިޓުގައި ކުރައްވާފައެވެ. 2009 ފެބުރުވަރީ 1 އިން 2010 ފެބުރުވަރީ 1 އަށް ފައިޞަލް މަސައްކަތްޕުޅު ކުރައްވާފައި ވަނީ ވެސް ބިދޭސީ ޓީޗަރުންގެ ޔުނިޓުގައެވެ.

ސުކޫލުތަކުގެ އިތުރުން މަރުޙޫމް ފައިޞަލް ވަނީ އެޑިޔުކޭޝަންގެ އެކި ދާއިރާތަކުގައި 2010 ފެބުރުވަރީ 1 އިން 2022 އޮކްޓޯބަރު 20 އަށް މަސައްކަތްޕުޅު ކުރައްވާފައެވެ. 36 އަހަރާއި، 10 މަހާއި 4 ދުވަހު މަސައްކަތްކުރެއްވުމަށް ފަހު ޚިދުމަތު ދިގު ތާރީޚް ނިންމަވައި ލެއްވި އިރު ހުންނެވީ، އެޑިޔުކޭޝަން ޑިވޮލޮޕްމެންޓް ޕްރޮފެޝަނަލްގެ މަޤާމުގައެވެ. ފައިޞަލް ވަނީ ބިދޭސީ ޓީޗަރުންގެ ޔުނިޓުގެ ވެރިއެއްގެ ގޮތުގައިއާއި، ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަޝަންސްގެ އެގްޒެމިނާރއެއްގެ ގޮތުގައިއާއި، ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ޑިރެކްޓަރެއްގެ ގޮތުގައިއާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް އޮފިސަރެއްގެ ގޮތުގައިއާއި، އަދި އެޑިޔުކޭޝަން އޮފިސަރުގެ ގޮތުގައި ވެސް އެޑިޔުކޭޝަން މިނިސްޓްރީގައި މަސައްކަތްޕުޅު ކުރައްވާފައެވެ.

ވަޒީފާ އަދާކުރެއްވި ކޮންމެ މުއައްސަސާއެއްގައި މަރުޙޫމް ފައިޞަލް ފާހަގަ ކުރެވިފައި ވަނީ މުވައްޒަފުންގެ ލޯބި ޙާޞިލްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. މުވައްޒަފުންނާ ނުހަނު ގުޅޭ ހިތްހެޔޮ ބޭފުޅެއްގެ ގޮތުގައެވެ. މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްޕުޅު ކުރެއްވި ވެރިއެއްގެ ގޮތުގައެވެ. މި ކަން ފައިޞަލާއެކު މަސައްކަތްޕުޅުކުރެއްވި ކޮންމެ މުވައްޒަފަކު ފާހަގަ ކުރައްވާކަން އެއީ އިއްތިފާޤުވެވޭ ޙަޤީޤަތެކެވެ.   

“ޕްރިންސިޕަލް ފައިޞަލަކީ، ސުކޫލު ހިންގުމުގައި ނަމޫނާއަކަށް ބަލަންޖެހޭ ފަދަ ބޭފުޅެކެވެ. ހިންގުންތެރި، ޢިލްމީ ޤާބިލް ބޭފުޅެކެވެ. މީހުންނާގުޅޭ ބޭފުޅެކެވެ. ކުޅިވަރު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ރަށުގައި ކުރެވޭ އިޖުތިމާޢީ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. ރަށުގެ ވެރިންނަށް ކަންކަމުގައި އެއްބާރުލުން ދެއްވި ހަރުދަނާ ބޭފުޅެކެވެ” ޢުޘްމާން ޙަސަން ށ. ކޮމަންޑޫ

“ޕްރިންސިޕަލް ފައިޞަލަކީ، ވަރަށް މަޖާ، އުފާވެރި މާޙައުލެއްގައި، އެންމެންނާ ގުޅިގެން މަސައްކަތްކުރެއްވި ވެރިއެކެވެ. މުވައްޒަފުން ކުރައްވާ ކޮންމެ ކަމެއްގައި ފައިޞަލް ބައިވެރިވެވަޑައިގެންނެވި” ޢަބްދުއްސައްތާރު ޢަބްދުއްރަޙީމް ހއ. ދިއްދޫ

“ޕްރިންސިޕަލް ފައިޞަލަކީ ސުކޫލް ހިންގުމުގައި، އަޅުގަނޑު ދުށް އެންމެ ވަރުގަދަ ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. ފައިޞަލް ކުރެއްވި ކޮންމެ ކަމެއް ވެސް ކުރައްވާފައި ވަނީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ. އެހައިމެ ހަރުދަނާކަމާ އެކުގައެވެ” އިބްރާހީމް މަނިކު ނ. މަނަދޫ

“ފައިޞަލަކީ ވަރަށް ޤާބިލް ބޭފުޅެކެވެ. މުވައްޒަފުންނާ ގުޅޭ އިޚްލާޞްތެރި ބޭފުޅެކެވެ. ހިންގުންތެރިކަމުގެ އިތުރުން ކަންކަން ރާވައި ޕްލޭންކޮށްގެން ކުރެއްވުމުގައި ލާމަސީލު ހުނަރެއް ލިބިވަޑައިގެން ހުންނެވި، އާދައާއި ޚިލާފު ބޭފުޅެއް ވެސް މެއެވެ. ފައިޞަލާއި، ފައިޞަލްގެ ބޭބެ ފުއާދު ޤާސިމް ހއ. އަތޮޅު މަދަރުސާ ހިންގެވި ދުވަސްވަރަކީ އެ މަދަރުސާ ދެކެފައިވާ މޫސުންބަހާރެއް ކަމުގައެވެ” މުޙައްމަދު ނަޞީރު އަބޫބަކުރު ހޯރަފުށި

“މަރުޙޫމް އަޙްމަދު ފައިޞަލަކީ ވަރަށް ހިތްހެޔޮ އޯގާތެރިވެރިއެކެވެ. ނ. އަތޮޅު މަދަރުސާގައި މަސައްކުރެއްވި ދުވަސްތަކުގައި މަސައްކަތް ކޮށްދެއްވައިފައި ވަނީ މުވައްޒަފުންނާ ގުޅިގެން ތަނުގެ ކުރިއެރުމަށާއި، މުވައްޒަފުންގެ ކުރިއެރުމަށް އިސްކަން ދެއްވައިގެންނެވެ. މަރުޙޫމް ފައިޞަލަކީ މުވައްޒަފުންގެ އިޙްތިރާމާއި، ލޯބި ހޯއްދެވި ވެރިއެކެވެ” ޢަބްދުއްސައްތާރު މުޙައްމަދު ނ. މަނަދޫ

“މަރުޙޫމް އަޙްމަދު ފައިޞަލަކީ ވަރަށް ހިތްހެޔޮ، މުވައްޒަފުންގެ އަގު ވަޒަންކުރައްވާ ބޭފުޅެކެވެ. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެކެވެ. މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއި، އިންޞާފަށް ލޯބިކުރެއްވި ބޭފުޅެކެވެ” މޫސާ ފަހީމް ހދ. ވައިކަރަދޫ

ކުޅިވަރުގައި ވެސް މަރުޙޫމް ފައިޞަލަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ފުޓްބޯޅައާއި، ވޮލީ އަދި ބެޑްމިންޓަން ވަރަށް ރަނގަޅަށް ކުޅުއްވައެވެ. ރަށު ފެންވަރުގައެވެ. ސުކޫލްތަކުގައި މަސައްކަތްޕުޅު ކުރެއްވެވި ދުވަސްވަރު، އެ ކުޅިވަރުތައް ދަސްކޮށްދެއްވުމުގައި ވެސް ފައިޞަލް ވަނީ ޢަމަލީ ގޮތުން މަސައްކަތްޕުޅު ކުރައްވާފައެވެ. ޚާއްޞަކޮށް ޝައިޚް އިބްރާހީމް ސުކޫލް، އެތުލެޓިކްސްއިން ހޯދި ބޮޑު ކާމިޔާބުގެ އެއް މޭސްތިރިއަކީ ޕްރިންސިޕަލް ފައިޞަލްކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. އަޅުގަނޑަކީ އެ މަންޒަރު އެންމެ ގާތުން ދުށް އެކަކު ކަމަށް ވާތީއެވެ. 

މަރުޙޫމް ފައިޞަލް ވަނީ “އިސްތާނާ ޓިޔުޝަން ކުލާސް”ގެ ނަމުގައި ޓިޔުޝަން ކުލާހެއް ރަޖިސްޓްރީކޮށް ހެޔޮ އަގެއްގައި ތަޢުލީމް ފޯރުކޮށްދެއްވުމުގެ މަސައްކަތް ވެސް ރަށުގައި ކުރައްވާފައެވެ. އިންގްލިޝް މީޑިއަމަށް ކިޔަވާކުދިން އަހުލުވެރިކުރުމަށެވެ. އެ ކުލާސް ރަށުގައި ހިންގެވި ދުވަސްވަރު ވަރަށް ގިނަ ޢަދަދެއްގެ ދަރިވަރުން ވަނީ  ކުލާހުގެ އެހީތެރިކަން ހޯދާފައެވެ. ޚާއްޞަކޮށް ތަޢުލީމީ ގޮތުން ދަށްކުދިންނަށާއި، މާލީ ގޮތުން ތަނަވަސްކަން ނެތް ކުދިންނަށް ދަރުމައަށް އެ ކުލާހުން ކިޔަވައިދެއްވާފައިވާ ކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރަމެވެ. އެއީ ރަށުގެ ކިޔަވާކުދިންނަށް ލިބިގެން ދިޔަ ފަހި ފުރުޞަތެއްގެ ގޮތުގައި ދެކެމެވެ.

އިޖުތިމާޢީ ޚިދުމަތުގައި ވެސް ފައިޞަލަކީ ފާހަގަ ކޮށްލަންޖެހޭ އެއް ނަމެވެ. ރަށުގައި ކުރާ އިޖުތިމާޢީ މަސައްކަތްތަކުގައި ފައިޞަލްގެ ބައިވެރިވުން ބޮޑެވެ. ސުނާމީ ކާރިޘާގައި ޙާލުގައި ޖެހުނު މި އަތޮޅު ފިއްލަދޫ ރައްޔިތުން ކެލައަށް ގެނެސް ކެލާގައި ބައިތިއްބުމުގެ އިންތިޒާމުތައް ވިލަރެސްކޮށް ކުރެއްވުމުގައި މުހިންމު ދައުރެއް ފައިޞަލް ވަނީ އަދައިކުރައްވާފައެވެ.

މުރާލި، ކެރޭ އަދި ހީވާގި ޙަޔާތެއް ހޭދަކުރެއްވި މަރުޙޫމު ފައިޞަލް ވަނީ ޙަޔާތުގެ ފަހުކޮޅު އަމިއްލަފުޅު ވިޔަފާރިއެއް ވެސް މާލޭގައި ހިންގަވައިފައެވެ. އަންހެންވެރިންނަށް ބޭނުންވާ ތަފާތު އެކި ވައްތަރު ސާމާނު ހިމެނޭ ވިޔަފާރިއެކެވެ. އެ ގޮތުން މާލޭގެ ދެ ސަރަޙައްދެއްގައި ކުޑަ ދެ ފިހާރައެއް މަރުޙޫމް ފައިޞަލް ހިންގެވިއެވެ. މީގެ އިތުރުން ރަށުގެ އަމިއްލަ ގޯތީގައި ވެސް ކުޑަ ފިހާރައެއް ފައިޞަލް އައީ ހިންގަވަމުންނެވެ.

ފައިޞަލް އަވަހާރަވި އިރު 3 ދަރިންނާއި، ހުވަފަތް އަނބިކަނބަލަކު ދުނިޔޭގައި އެބަ އިންނެވިއެވެ. ފައިޞަލަކީ ދިގު ތާރީޚެއްގައި މި ރާއްޖޭގެ ތަޢުލީމަށާއި، ތަޢުލީމީ ދާއިރާއަށް އަގުނުކުރެވޭހައި ޚިދުމަތްތަކެއް ކޮށްދެއްވި ޚާދިމެކެވެ. ނަމޫނާ މަސައްކަތްޕުޅުތަކެއް ކޮށްދެއްވި މުވައްޒަފެކެވެ. މުވައްޒަފުންނާ ނުހަނުގުޅޭ މަޖާ، އަދި ހަރުދަނާ ހިންގުންތެރި ވެރިއެކެވެ. ދަރުމައަށް މަސައްކަތްޕުޅު ކޮށްދެއްވި ދަރުމަވެރިއެކެވެ. އިޖުތިމާޢީ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެން އަދި ޢަމަލީ ގޮތުން މަސައްކަތްކުރެއްވި ޝަޙްޞެކެވެ. ކެލާގެ ފަސްގަނޑު ދެމިއޮތްހައި ހިނދަކު ފަނޑުކަމެއް ނާންނާނެ މުވާޠިނެކެވެ.

“ދާދި އަވަހަށް ނެތި ފަނާ ވިޔަކަސް އަގެއް ނެތް ޖިސްމުތައް

          ތާއަބަދު ދެމިހުންނަނިވި ޒިކުރާއަކަށް ނިމުމެއް ނެތޭ”

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button