އަބަދު ތަޢުރީފު ކުރެވޭނޭ

އަޙްމަދު ވަޙީދު ޢަލީ ވެހި، ހއ. ކެލާ
ތިމާއަށް ލިބުނު ނިޢުމަތްތައް ގުނޭނަމަ ޝުކުރުވެރިވާނޭ
ތިމާ ހެއްދެވި ފަރާތަށް މާތް އަބަދު ތަޢުރީފު ކުރެވޭނޭ
ބުނަން ބޭނުން ބަހެއް ބުނެލަން ލިބުންމީ ނިޢުމަތެއްކަމުގައި
ބުނާ ނަމައީ ތިމާގެ ހިތުން އަބަދު ތަޢުރީފު ކުރެވޭނޭ
އަތާ ދެ ފަޔާ ތިމާއަށް ލިބި އެތައް އުފަލެއް ލިބޭ އިރުގައި
އަތާފައި ނިޢުމަތަށް ބެލި ނަމަ އަބަދު ތަޢުރީފު ކުރެވޭނޭ
ހަފާކެއުމަށް އަނގައިގެ ތެރޭ ތަފާތު އެތައް ދަތެއް ހުރި އިރު
ނަފީ ލިސްޓުން ނުކުރެވޭ ނަމަ އަބަދު ތަޢުރީފު ކުރެވޭނޭ
ނިވާވާހެން ރޮލަށް ހުރި މަސް ހަމުގެ ދަފަރާ ވަށައި ވާއިރު
ނިވާ، ނިޢުމަތް ކަމަށް ބެލިނަމަ އަބަދު ތަޢުރީފު ކުރެވޭނޭ
ހިނގާ ވިންދުން ހިތުގެ ރިހުމާ ތަދާ އެނގިގުނި ބެލޭ އިރުގައި
ހިނގާ ވިންދަށް ފިކުރު ކުރިނަމަ އަބަދު ތަޢުރީފު ކުރެވޭނޭ
ތިމާ ބުއްދިން ގޮތެއް ހޯދާ ނިމުން ގިނަ ނިންމަމުން ދާއިރު
ތިމާ ބުއްދިން ތިމާ ބެލިނަމަ އަބަދު ތަޢުރީފު ކުރެވޭނޭ