ކެލާގެ ފުރަތަމަ ޕީއެޗްޑީ

ކެލާގެ ފުރަތަމަ ޕީއެޗްޑީ ޑޮކްޓަރ މުޙައްމަދު ޝިހާމަކީ ހއ. ކެލާ ރަތްކެޔޮގޭ އާދަމް އަބްދުﷲއާއި، ޢާއިޝަތު އިބްރާހީމަށް ލިބިލެއްވި 6 ބޭފުޅުންގެ ތެރެއިން ދެ ވަނަ ދަރިފުޅެވެ. ޑޮކްޓަރ ޝިހާމަކީ ރާއްޖޭގައި މި ވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ފިޝަރީޒް ސައެންޓިސްޓެވެ.
ޑޮކްޓަރ މުޙައްމަދު ޝިހާމުގެ ބައްޕާފުޅު ކަމުގައިވާ ޢަބްދުﷲ އާދަމަކީ މަޑުމައިތިރި މިޒާގެ ބަސް މަދު ބޭފުޅެކެވެ. ކިތަންމެ ކުރު ދަންފަޅިއެއް ދުނިޔޭގެ ޙަޔާތުގައި ލިބުން ނަމަވެސް ދުނިޔެ ދޫކުރެއްވީ އެ ދުވަސްވަރަށް ބަލައި އިރު ވަރަށް ތަނަވަސް ޙަޔާތެއް ހޭދަ ކުރެއްވުމަށް ފަހުގައެވެ. ރަތްކެޔޮގޭގައި އޭރުވެސް ފޯރއޭ ސްޓޯރު ހިންގަވަމުން ގެންދެވިއެވެ. އޭރު ރަށުގެ އެންމެ ފޯރާ އެއް ޢާއިލާއަކީ އާދަމްބޭގެ ޢާއިލާއެވެ.
ޑޮކްޓަރ ޝިހާމުގެ މަންމާފުޅު ކަމުގައިވާ ޢާއިޝަތު އިބްރާހީމް ނުވަތަ ދޮންއައިސަދައިތައަކީ ވެސް ރަށުގެ މީހުން ނުހަނު އިޙްތިރާމްކުރައްވާ ކަނބަލެކެވެ. ޙަރަކާތްތެރި ކަނބަލެކެވެ. ރައީސް މައުމޫނުގެ ޒަޢާމަތުގައި ރަށުގައި އުފެއްދި އަންހެނުންގެ ކޮމިޓީގެ ރައީސާއެއްގެ ގޮތުގައި އެތައް އަހަރަކު ދޮންއައިސަ ދައިތަ ވަނީ މަސައްކަތްކުރައްވައިފައެވެ.
އާދަމްބެއާއި، ދޮންއައިސަދައިތައަށް ލިބިލެއްވި ކޮންމެ ބޭފުޅަކު ވެސް ބޮޑުކުރައްވާފައި ވަނީ ރަނގަޅު ތަޢުލީމު ފޯރުކޮށްދީ ހަރުދަނާ އަޚުލާޤުގެ މަތީގައެވެ. އެ ދެމަފިރިންނަށް ލިބިލެއްވި ޢަބްދުﷲ ޝިހާމަކީ ޓެލެކޮމްގެ ދާއިރާގައި އެތައް ދުވަހަކު މަސައްކަތްކުރެއްވި އެ ދާއިރާގެ ތަޖުރިބަކާރެކެވެ. އިބްރާހީމް ޝަރީފަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރެވެ. އަދި އެގްރިކަލްޗަރ ދާއިރާގައި އެތައް އަހަރަކު އިބްރާހީމް ޝަރީފު ވަނީ މަސައްކަތްޕުޅުކުރައްވައިފައެވެ. މީގެ އިތުރުން އިބްރާހީމް ޝަރީފަކީ މަޝްހޫރު ހޮޓެލް “އުނިމާ ގްރޭންޑް”ގެ ވެރިޔާއެވެ. ޝަހީދާ އާދަމަކީ ރަށުގެ ކައުންސިލް އިދާރާގައި ކާތިބާއެއްގެ ގޮތުގައި އަދި ޝައިޚް އިބްރާހީމް ސުކޫލުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރައްވައިފައިވާ ބޭފުޅެކެވެ. ޒާހިދާ އާދަމް މަސައްކަތްކުރައްވަނީ އޭނާގެ ފިރިކަލުންނާއެކު ހުޅުމާލޭގައި ހުންނަ “ލިޓްލް ޖެމް ޕްރީސުކޫލު” ހިންގެވުމުގައެވެ. ޠާހިރާ އާދަމް ހުންނެވީ އެމެރިކާގެ، ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ ލައިބުރަރީގެ އިސް މަޤާމެއްގައެވެ.
ޑޮކްޓަރ ޝިހާމަކީ ޢާއިލީ ގޮތުން އަޅުގަނޑާ ނުހަނު ގާތް ބޭފުޅެކެވެ. ޝިހާމުގެ ދެ ފަރާތު ޢާއިލާއާ ވެސް އަޅުގަނޑުމެންނާ ވަނީ ޢާއިލީ ގޮތުން ގުޅިލާމެހިފައެވެ. ޝިހާމުގެ ބައްޕައަކީ ފާންބެ ކާސިމުގެ ޢަބުދުﷲގެ އާދަމެވެ. އަޅުގަނޑުގެ ބައްޕައަކީ ފާންބެ ކާސިމްގެ ދޮން ޢަލީއެވެ. ޑޮކްޓަރ ޝިހާމުގެ މަންމާފުޅަކީ އަބޫ ކަތްދަގެ އިބްރާހީމްގެ ދޮންއައިސައެވެ. އަޅުގަނޑުގެ މަންމައަކީ އަބޫ ކަތްދަގެ ޙަސަނުގެ ސިއްތި ނުވަތަ ލަޠީފާއެވެ. ދެ މީހުންގެ މަންމައަކީ ވެސް އަބޫ ޢާއިލާއަށް ނިސްބަތްވާ ދެމީހުންނެވެ.
ޑޮކްޓަރ ޝިހާމުގެ ބައްޕާފުޅު އަދަމްބޭ ފަދައިން ޑޮކްޓަރ ޝިހާމަކީ މަޑުމައިތިރި މިޒާޖުގެ ބޭފުޅުކެވެ. އުޅުއްވާކަން ވެސް ގިނަ މީހުންނަށް ނޭނގޭހައި ފޮރުވިގެން ނުވަތަ ފަރުދާވެގެން ހުންނަވައި، ވަރުބަލިކަމެއް ނެތި މަސައްކަތްކުރައްވަމުން ގެންދަވައި ޚާދިމެކެވެ. ޤުދުރަތުގެ އެންމެ މަތިވެރި ހަދިޔާ ކަމުގައިވާ މަސްމަހާމެހި ތަހުލީލުކޮށް އޭގެ ޢިލްމީ ގިނަގުނަ މަސައްކަތްތައް ޑޮކްޓަރ ޝިހާމުގެ ބެލެހެއްޓެވުމުގެ ދަށުން 13 ވަރަކަށް އަހަރު ކުރައްވާފައި ވެއެވެ.

ޑޮކްޓަރ ޝިހާމް ތަޢުލީމީ ދަތުރު ފެށީ ކެލާ ޝައިޚް އިބްރާހީމް ސުކޫލުންނެވެ. ނަމަވެސް ޢުމުރުން 8 އަހަރުގައި ތަޢުލީމް ޙާޞިލްކުރެއްވީ ދިއްދޫގައި ހުންނަ މަދަރުސަތުލް ޣާޒީ މުޙައްމަދުންނެވެ. އެއަށް ފަހު ޢުމުރުން 9 އަހަރުގައި މާލެއަށް ދުރުވެ ހ. ހާޖަރާގޭގައި ހުރި ޚާއްޞަ ކުލާހަކުން ވެސް އެއް އަހަރު ދުވަހު ކިޔެވުމަށް ފަހު، އީޕީއެސްއަށް ވެންނެވީ 1974 ގައެވެ. ޢީޕީއެސްްއިން އޯލެވެލް ހެއްދެވުމަށް ފަހު، ރަސްމީ ތަޢުލީމުގެ ބައި ސީއެޗްއެސްއީން ނިންމަވައި ލެއްވީ، 1984 ގައެވެ.
އެއަށް ފަހު މަތީ ތަޢުލީމުގެ ބައިން އެންމެ ފުރަތަމަ ހެއްދެވީ މެރިން ބައިލޮޖީން ބެޗްލަރސް ޑިގްރީއެވެ. ބެޗްލާރސް ޑިގްރީ ފުރިހަމަކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއް ކަމުގައިވާ ނިއުކާސަލް އަޕްއޯން ޓައިމުންނެވެ. އެއަށް ފަހު ފިޝަރީޒް ބައިލޮޖީ އެންޑް މެނޭޖްމަންޓްން، މާސްޓާރސް ހެއްދެވީ ވެސް އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއް ކަމުގައިވާ ޔުނިވަރސިޓީ އޮފް ވޭލްސް، ބެންގަރއިންނެވެ. ބައިލޮޖިކަލް ސައެންސަސް – ފިޝަރީޒް އެސެސްމަންޓް އެންޑް މެނޭޖުމަންޓުން، ޕީއެޗްޑީ ހެއްދެވީ ޔުނިވަރސިޓީ އޮފް ލަންޑަންގެ އެމްޕީރިއަލް ކޮލެޖުންނެވެ. އެނބުރި ރާއްޖެއަށް ވަޑައިގަތުމުގެ ކުރިން ޕޯސްޓް ޑޮކްޓޯރަލް ރިސާރޗު ފެލޯއެއް ގޮތުގައި 3 އަހަރު ޔުނިވަރސިޓީ އޮފް ހަވާއީ އެޓް މަނޯއާގައި މަސައްކަތްކުރެއްވިއެވެ.
މަތީ ތަޢުލީމުގެ ބައި ނިންމަވައިލެއްވުމަށް ފަހު އެނބުރި ރާއްޖެއަށް ވަޑައިގެން، މެރިން ރިސާރޗު ސެންޓަރ ނުވަތަ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލެއްގެ ގޮތުގައި 13 އަހަރު ދުވަހު މަސައްކަތްކުރެއްވުމަށް ފަހު، ޢުމުރުން 55 އަހަރުވުމުން، އާލީ ރިޓެއާމަންޓް ނެންގެވުމަށް ފަހު، ސަރުކާރުން ވަކިވެވަޑައިގެންނެވީ 2020 ވަނަ އަހަރުގައެވެ.
ޑޮކްޓަރ ޝިހާމް މިހާރު ދެ ތަނެއްގައި މަސައްކަތްޕުޅުކުރައްވައެވެ. އެއީ ބައިނަލްއަޤުވާމީ ޖަމްޢިއްޔާއެއް ކަމުގައިވާ އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ޑިރެކްޓަރ ފޯރ ސައެންސް އެންޑް މޯލްޑިވްސްގެ ގޮތުގައިއާއި، މޯލްޑިވްސް ސީ ފުޑް ޕްރޮސެސް އެންޑް އެކްސްޕޯޝަލް އެސޯސިއޭޝަންގެ ކޮންސަލްޓަންޓް އެޑްވައިޒަރެއްގެ ގޮތުގައެވެ.
ވަޒީފާ އަދާކުރެއްވި ދުވަސްވަރު ދިމާވި އެންމެ ބޮޑު ގޮންޖެހުމެއް ކަމުގައި، ޑޮކްޓަރ މުޙައްމަދު ޝިހާމް ފާހަގަކުރެއްވީ މަސްވެރިކަމާ ގުޅޭ ދިރާސާތައް ކުރުމަށް ބޭނުންވާ ފަހި މާޙައުލެއް މި ރާއްޖޭގައި ޤާއިމްވެފައި ނެތުން ކަމަށެވެ. އަދި އެ ކަމުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އެކަށީގެންވާ މުސާރައެއް ނުލިބުމަކީ ވެސް ކުރިމަތިވެފައިވާ ހުރަހެއް ކަމަށް ޑޮކްޓަރ ޝިހާމް ވިދާޅުވިއެވެ.
މެރިން ރިސާޗު ސެންޓަރގައި 13 އަހަރު މަސައްކަތްޕުޅުކުރެއްވި ޑޮކްޓަރ ޝިހާމް ވިދާޅުވި ގޮތުގައި ކަނޑުމަހުގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމުގައި ސަރަޙައްދީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ރާއްޖެ ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ ފެންވަރުގައި ތަމްސީލުކުރެވިފައި ވުމަކީ ޙާޞިލްކުރެވުނު ކުރެވުނު ވަރަށް ބޮޑު ކާމިޔާބެކެވެ.

ފޮރުވިގެން ހުންނަވައި، ކާމިޔާބު އަދި އަރުތަވެރި މަސައްކަތްޕުޅުތަކެއް މިހާރުވެސް މި ރާއްޖޭގައި ކުރައްވަމުން އަންނަ ޑޮކްޓަރ މުޙައްމަދު ޝިހާމް ވިދާޅުވި ގޮތުގައި، ލިބިވަޑައިގެންފައިވާ ޢިލްމުގެ ބޭނުން ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެވޭނެ ގޮތް ވެގެން ދިޔުމަކީ، އެންމެ ބޮޑަށް މިއަވެސް އޭނާ ދެކެން ބޭނުންވާ ހުވަފެނެވެ.