މީހުން

އެދުރުބެ

ހއ. ކެލާ ކެތި، މަރުޙޫމް ޢަބްދުލްޢަޒީޒު އާދަމް ނުވަތަ އެދުރުބެއަކީ ރަށާއި އަދި ވަށަފަރުގެ ވެސް ވަރަށް ގިނަ ދަރިވަރުންތަކަކަށް އުނގަންނައި ދެއްވި ދަރިވަރުން ނުހަނު ލޯބިވާ މުދައްރިސެކެވެ. އެދުރުބޭ ފާހަގަ ކުރެވިފައި ވަނީ، ލިބިލައްވައިފައިވާ ޢިލްމު ގިނަ ބަޔަކަށް ފަތުރައި ދެއްވުމަށް މަސައްކަތްޕުޅުކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

މަރުޙޫމް ޢަބްދުލްޢަޒީޒު އާދަމް ނުވަތަ  އެދުރުބެއަކީ މި ރަށު ޖަހާމުގުރިގޭ، މަރުޙޫމް މުގުރު އާދަމްމަނިކަށާއި، މަރުޙޫމާ ކަމަނަ ދައިތައަށް ލިބިލެއްވި 7 ބޭފުޅުންގެ ތެރެއިން  އެންމެ ދޮށީ ދަރިފުޅެވެ. އެދުރުބޭ ފިޔަވާ އެދުރުބޭގެ މަންމައާއި ބައްޕައަށް ލިބިލެއްވި އެހެން ހުރިހައި ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ. އެއީ ޢަބްދުލްކަރީމާއި، އަބްދުލްޙަކީމާއި، އަބްދުލްމަޖީދާއި، އަބްދުﷲ ރަޝީދާއި، ރުޤިއްޔާމަނިކެއާއި އަދި ޢާރިފާ މަނިކެއެވެ.

މަރުޙޫމް އެދުރުބެއަކީ އެތައް އަހަރެއްގައި ޝައިޚް އިބްރާހީމް ސުކޫލުގައި ކިޔަވައި ދެއްވި މުދައްރިސެކެވެ. އެދުރުބެއަކީ އަޅުގަނޑުގެ ވެސް މުދައްރިސެކެވެ.  ޝައިޚް އިބްރާހީމް ސުކޫލުގައި  އެދުރުބޭ އަޅުގަނޑަށް ވެސް ކިޔަވައިދެއްވިއެވެ. އެއީ ލިލީ ހައުސްއާއި، ޤުލްޝަން އަދި ފަން މަދަރުސާގައި ޝައިޚް އިބްރާހީމް ސުކޫލު ހިންގި ދުވަސްވަރުގައެވެ. ސުކޫލުގެ ނާޟިރަކަށް އޭރު ހުންނެވީ ސީދީބެއެވެ. 

އެއްދުވަސްވަރެއްގައި ވަށަފަރު މަދަރުސާގައި ވެސް އެދުރުބޭ ކިޔަވައިދެއްވިއެވެ. އެދުރުބޭގެ ޢާއިލާއިން މަޢުލޫމާތު ދެއްވި ގޮތުގައި ވަށަފަރު މަދަރުސާއާ ޙަވާލުވެ 4 އަހަރު ދުވަހު، އެ މަދަރުސާގައި އެދުރުބޭ ވަނީ މަސައްކަތްކުރައްވައިފައެވެ. އަޅުގަނޑުގެ ހަނދާން ބަލިނޫން ނަމަ ވަށަފަރު މަދަރުސާގައި  އެ ދުވަސްވަރު އެދުރުބޭގެ އަރިހުން ކިޔެވި ބޭފުޅުންގެ ތެރޭގައި، ވަށަފަރު މަޝްހޫރު ބެރު ރައުފު (ވަށަފަރު ޣަފޫރުބޭގެ ރައުފު)އާއި، ލަވަކިޔާ ވަށަފަރު ޝާކިރު (ޚާލިދުބޭގެ ޝާކިރު) ފަދަ އެ ޢުމުރުގެ ވަށަފަރު ދެ ޖިންސުގެ އެތައް ދަރިވަރުންނެއް  ހިމެނެއެވެ.

ރައީސް މައުމޫނު ޢަބްދުލްްޤައްޔޫމުގެ ޒަޢާމަތުގައި މުޅި ރާއްޖެއިން ލިޔަން ކިޔަން ނުދަތުން ފޮހެލުމަށް ހިންގެވި “އަސާސީ ތަޢުލީމު”ގެ މަޝްރޫޢުގައި އެދުރުބޭ ވަނީ ބޮޑެތި މީހުންނަށް ލިޔަން ކިޔަން ދަސްކޮށްދެއްވުމުގައި ވެސް މަސައްކަތް ކޮށްދެއްވައިފައެވެ. އެ ކަމާ ގުޅިގެން ދިވެހި ދައުލަތުން ދެއްވި ހެކި، އެދުރުބެއަށް ވަނީ ލިބިލައްވައިފައެވެ.

މަރުޙޫމް އަބްދުލްޢަޒީޒު ނުވަތަ އެދުރުބެއަކީ ހަމައެކަނި އެއް ކަމެއް  ދެ ކަމެއް ކުރެއްވި ބޭފުޅެއް ނޫނެވެ. ޙަޔާތުގެ ފަހުކޮޅު އެދުބޭ ވަނީ މިސްކިތްތަކުގެ މުދިމްކަން ވެސް ކުރައްވައިފައެވެ. އެ ގޮތުން ހުކުރުމިސްކިތާއި، ޢީދުމިސްކިތުގެ މުދިމްކަން އެދުރުބޭ ކުރެއްވިއެވެ. 

މަރުޙޫމް އެދުރުބޭ ތަޢުލީމު ޙާޞިލްކުރެއްވީ  ޅ. ނައިފަރު މަދަރުސަތުލް އިފްތިތާޙުންނެވެ. މަދަރުސަތުލް އިފްތިތާޙަކީ މުޅި ރާއްޖެއަށް ނަން މަޝްހޫރު މަދަރުސާއެކެވެ. އެދުރުބޭ ފާހަގަ ކުރެވިފައި ވަނީ، އެ ޒަމާނުގެ ޢިލްމު ރަނގަޅަށް ޙާޞިލްކުރައްވައިގެން ހުންނެވި، ބޭފުޅެއްގެ ގޮތުގައެވެ. ރަށުގެ ރައްޔިތުން ނުހަނު އިޙްތިރާމްކުރައްވާ ބޭފުޅެކެވެ. މަޑުމައިތިރި މިޒާޖުގެ ބޭފުޅެކެވެ. ސަމާސާ ވާހަކަފުޅުތައް ވަރަށް ގިނައިން ދައްކަވައި ހިތްހެޔޮ އަދި މަޖާ ބޭފުޅެކެވެ.

އެދުރުބޭގެ އަރިހުން ރަށުގެ ވަރަށް ގިނަ ބަޔަކު އެ ދުވަސްވަރު ކީރިތި ޤުރުއާން ކިޔަވަން ވެސް ދަސްކުރެއްވިއެވެ. ވަރަށް ގިނަ ކުދިން ޤުރުއާން ކިޔަވާށާއި، ހިސާބުޖަހައިށާއި އަދި ޒިކުރު، މައުލޫދު ފަދަ އެއްޗެހި ކިޔަން ދަސްކުރުމަށް އެދުރުބޭގެ ގެއަށް ގޮސް އުޅުނެވެ. އެ ގެއަށް ޤުރުއާން ކިޔަވަންދާ ކުދިންނަށް، އެދުރުބޭގެ ހުވަފަތް އަނބިކަބަލުން ސަލްމާދައިތަ ވެސް  ކިޔަވައިދީ ހައްދަވައެވެ. ސަލްމާދައިތައަކީ ވެސް ރަށުގެ ރައްޔިތުންގެ އިޙްތިރާމް ހޯއްދަވައިފައިވާ ކަނބަލެކެވެ.

އެދުރުބެއަކީ ޒިކުރު، ބުރުދާ އަދި މައުލޫދު ކިޔުއްވުން ފަދަ ކަންކަމުގައި ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެ ޘަޤާފަތް ރަށުގައި އޮތް ޒަމާނުގައި ގުރޫޕް ހައްދަވައިގެން، ގޭގެއަށް ދުރުވެ ޒިކުރު، ބުރުދާ އަދި މައުލޫދު ކިޔައި އުޅުއްވިއެވެ. ކުދިން ޚިތާންކޮަށްގެންނެވެ. ކުދިންނަށް އަހަރު ފުރިގެންނެވެ. ފިހާރަ ފަދަ ތަންތަން ހުޅުވައިގެންނެވެ. އާގެއަށް ގޮސްގެންނެވެ. އަދި ދީނީ ގޮތުން ފާހަގަކުރާ ބައެއް ދުވަސްދުވަހުގައެވެ.

ދަރިން ތަރުބިއްޔަތު ކުރެއްވުމުގައި ވެސް ޚާއްޞަ އިސްކަމެއް އެދުބޭ ދެއްވައިފައި ވެއެވެ. އެދުރުބެއަށް ލިބިލެއްވި ހުރިހައި ދަރިން ވެސް ބޮޑުކުރައްވައިފައި ވަނީ އެ ދުވަސްވަރު ލިބެން ހުރި ޢިލްމެއް އުނގަންނައިދީ، ރަނގަޅު ތަރުބިއްޔަތާއި، ހަރުދަނާ އަޚްލާޤުގެ މަތީގައެވެ. އެދުރުބޭގެ ދަރިންގެ ޚިދުމަތް އެކި ރޮނގުރޮނގުން ޤައުމަށް އަންނަނީ ލިބެމުންނެވެ.

އެދުރުބޭގެ ދޮށީ ދަރިކަނބަލުން ސަޢާދާ އެތައް އަހަރަކު ރަށުގެ ޞިއްޙީ ދާއިރާގައި ޚިދުމަތްކުރެއްވުމަށް ފަހު، ރިޓެއާ ކުރައްވައިފައި ވަނީ ނިމި ދިޔަ 2024 ވަނަ އަހަރުގެ ތެރޭގައެވެ. ޒަހުދާއަކީ ޞިއްޙީ ދާއިރާއަށް މީހުން ތަމްރީން ކުރެއްވުމުގައި މަސައްކަތްކުރައްވަމުން އަންނަ ބޭފުޅެކެވެ. ވިލާދާއާއި، ހުދާ މަސައްކަތްކުރައްވަނީ އުނގަންނައިދިނުމުގެ ދާއިރާގައެވެ. އާދަމް ޝަރީފު މަސައްކަތްކުރައްވަނީ ސިފައިންގޭގައެވެ. އެންމެ ހަގު ދަރިފުޅު ޢިމްރާން މަސައްކަތްކުރައްވަނީ ސްޓެލްކޯގައެވެ. ވަރުދާއަކީ މައިންބަފައިންނެކޭ އެއް ގޮތަށް ކުޑަކުދިންނަށް ޤުރުއާނުގެ ޢިލްމު އުނގަންނައި ދެއްވުމަށް މަސައްކަތްކުރައްވަމުން އަންނަ ކަނބަލެކެވެ.

ތަޢުލީމީ ނޫރުން މުޖުތަމަޢު އުޖާލާކޮށްދެއްވުމަށް މަރުޙޫމް އެދުރުބޭ ވަނީ މުހިންމު ދައުރެއް ޙަޔާތުގައި އަދައި ކުރައްވައިފައެވެ. އެދުރެބޭގެ ނަމަކީ  ހަމައެކަނި ކެލާއަށް ޚާއްޞަ ނަމެއް ނޫނެވެ. އަތޮޅުގެ ގިނަ ބަޔަކު ދަންނަ ފަރިތަ ނަމެކެވެ. އެތައް ޚިދުމަތްތަކެއް ކޮށްދެއްވި ދަރިވަރުންނާއި، ރަށުގެ މުޅި ރައްޔިތުން ވެސް ނުހަނު ލޯބިވާ ބޭފުޅެކެވެ. ރައްޔިތުންގެ ޤަދަރާއި އިޙްތިރާމް ހޯއްދެވި ބޭފުޅެކެވެ. 

     “ދާދިއަވަހަށް ނެތި ފަނާ ވިޔަކަސް އަގެއް ނެތް ޖިސްމުތައް

            ތާއަބަދު ދެމިހުންނަނިވި ޒިކުރާއަކަށް ނިމުމެއް ނެތޭ”

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button