ވިސްނާ، ބުއްދީގެ މަގުން ކަންތައް ކުރާށެވެ!

ކައުންސިލްތައް ބާރުވެރިކުރުމަށް ރައްޔިތުންގެ އެއްބާރުލުން ދޭފަދައިން ރައްޔިތުންގެ ކަންކަމުގައި ކައުންސިލްތަކުގެ އެއްބާރުލުން ދެއްވުމަކީ ތަރައްޤީއަށް ކުރާ ދަތުރުގައި ފައްސިޔަވާނެ ކަމެކެވެ.
އެއްބަޔަކު އަނެއް ބަޔަކަށް ޝަކުވާގެ އިނގިލި ދިއްކޮށް، ބޮލުގައި ކަންތައްތައް އަޅުވާ އިރު، އެއް މިޞްރާބަކަށް ދިޔުމަށް ފަށައިފައިވާ ދަތުރުގެ ނައު ދާން ބޭނުންވާ މަންޒިލުގެ އައްސޭރިއަށް ގޮނޑުވާނެ ހެއްޔެވެ. އެކަކު އަނެއްކަކަށް ފުސްމޫނު ދައްކައިގެން ފަލިބައި ފެނުގައި އަޅުވައިލެވިދާނެ ހެއްޔެވެ. ކިޔައި އަންބާގައި ޖޯޝެއް އުފެއްދިދާނެ ހެއްޔެވެ. މިހިރީ ހައްތާވެސް އުފެދޭ ސުވާލުތަކެވެ.
ކައުންސިލުން ގޮވައިލާ ގޮވައިލުންތަކަށް ރައްޔިތުން އިޖާބަނުދީ، ގޭގައި ތިބެ ތިމާމެން ބޭނުންވާ ގޮތް ކައުންސިލުތަކަށް އަންގައިދެވިދާނެ ހެއްޔެވެ. ތިމާމެން ބޭނުންވާ ގޮތަށްް ކައުންސިލުތަކުން ކަންކުރަން ބޭނުންވާ ނަމަ ރައްޔިތުންގެ ބައްދަލުވުންތަކަށް ރައްޔިތުން ނުކުންނާށެވެ. ނުނިކުމެ ގޭގައި ތިބެ ވާހަކަ ދެއްކިޔަސް ދައްކާ ވާހަކަތަކަކުން ނުކުންނާނެ ނަތީޖާއެއް ނޯންނާނެއެވެ.
ކައުންސިލުން ނިންމާ ނިންމުންތައް ވެސް ނުކުންނަ ފަސް މީހުން ނުވަތަ ހަ މީހުންގެ މެޖޯރިޓީގެ އިންސައްތައަށް ބަލައިގެން ނިންމުމަކީ ޤާނޫނުގައި އޮތް ގޮތް ކަމަށް ވިއަސް ތިމާމެންނަށް ވެސް ކަންކަން މި ކުރެވެނީ އެންމެ ރަނގަޅަށްތޯ ވިސްނާލަންޖެހެއެވެ. ސަބަބަކީ އިންސައްތައަކުން އެ ކަން ނިންމާ އިރު، އެއީ ރަށުގެ މެޖޯރިޓީ ނޫންކަން ތިމާމެންނަށް ވެސް އެނގޭތީއެވެ. އެ ކަމުގައި އެ ނޫން ގޮތްގޮތް ވެސް އޮތީ ތީއެވެ.
ރައްޔިތުންގެ ކަންކަން ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް، އެ ކަން ކުރުމަކީ ލާމަރުކަޒީ ޤާނޫނުގައި ވެސް ނުހަނު ބޮޑަށް ބާރުއަޅުއްވައިފައިވާ ކަމެކެވެ. މި ކަން ކައުންސިލްތަކަށް ކުރެވޭނީ ރައްޔިތުން ވެސް އެ ގޮތަށް އެ ކަންކަން ބަލައިގަނެގެންނެވެ. ވެރީންނަށް ކިޔަމަންތެރިވުމަށް ދީނުގައި ވެސް ބާރުއަޅުއްވާފައި ވަނީ މި ފަދަ އެތައް ސަބަބުތަކަކަށް ޓަކައެވެ. ތިމާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާގައިވާ ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ކުރާށެވެ. ދެ ޙަޔާތުގެ ވެސް ބާއްޖަވެރި ކަމަށެވެ.
މުޖުތަމަޢުގެ ބަދަހިކަން ދެމެހެއްޓޭނީ ރަނގަޅު ގޮތްތައް އިޚުތިޔާރުކޮށްގެންނެވެ. ކަންކަމުގައި ފަހިވިސްނުން ވިސްނައިގެންނެވެ. އަބަދު އިދިކީލި ވިސްނުން ގެންގުޅެވޭ ނަމަ ބައިބައިވުންތައް އިތުރުވެ މުޖުތަމަޢުގެ ކުރިމަގު ބަނަވާނެއެވެ. ތަރައްޤީއަށް ކުރަން ޖެހޭ ކަންކަން ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިވާނެއެވެ. ނަތީޖާ ޙާޞިލެއް ނުކުރެވޭނެއެވެ.
ރަށާ، ދޭތެރޭ ގިނަ ބަޔަކު ފޫހިވެ މާޔޫސްވާކަން އެއީ ޙަޤީޤަތެކެވެ. ރަށް ދޫކޮށް މާލެއަށް ހިޖުރަކުރާ މީހުން ހިޖުރަކުރަނީ މާލެ ފަސޭހަވެގެންނެއް ނޫނެވެ. ލިބޭހައި ފައިސާ ބިލްތަކަށްދީ ހުސްކުރަނީ އެ ގޮތް މަޖުބޫރު ވެގެންނެވެ. ވަޠަންދެކެ ލޯބި ނުވާތީއެއް ނޫނެވެ. ބޮޑެތި ގެތަކާއ، ގޯއްޗާއި، ހިމޭން ވެށްޓާއި، ސާފު މޫދާއި، ނަލަނަލަ ގޮނޑުދޮށުގައި ހިތްފަސޭހަ ޙަޔާތެއްގައި ދިރިއުޅެން ނޭދޭތީއެއް ނޫނެވެ. އެކުގައި އުޅުނު ރައްޓެހިންނާއެކު ޙަޔާތުގެ ދުވަސްތައް ގުނަން ބޭނުން ނުވާތީ އެއްވެސް ނޫނެވެ.
މި ފަދަ ހިތްނުތަނަވަސް ކަންކަމުން ދެން ހުޅުފަޅައި ރޯވެ ހެދެނީ ޙަސަދައިގެ ގަހެވެ. ފިތުނަވެރިކަމެވެ. ތަނެއް ހަލާކުވެދާން ލަހެއް ފަހެއް އޮންނާނެ ހެއްޔެވެ. ތެދު ޤަބޫލު ނުކެރެވުނަސް ދޮގަކީ ވަރަށް ފަސޭހައިން ގިނަ ބަޔަކަށް ޤަބޫލު ކުރެވޭ ކަމެކެވެ. ފަތުއަޑުކިޔައި މުޖުތަމަޢު ފަސާދަކޮށްލަނިވި ކަމެކެވެ.
ހޭއަރާށެވެ. ބުއްދީގެ ބޭނުން ހިފާށެވެ. ތަހުޒީބު ގޮތްތައް އިޚްތިޔާރު ކުރާށެވެ. މަޝްވަރާގެ އަލީގައި ކަންކަން ނިންމާށެވެ. ރައްޔިތުންގެ ބަސް ހޯދާށެވެ. ރައްޔިތުން ވެސް ވެރިންގެ ބަސްޤަބޫލު ކުރާށެވެ. މިއީ ތިޔަ އެންމެހައި ބޭފުޅުންގެ ވެސް ރަށެވެ. ކާބަފައިންގެ އަގުހުރި ފަސްގަނޑެވެ. އެ މީހުން މި ފަސްގަނޑު މި ޖީލަށް ގެނެސްދިނީ ޞުލްޙަ މަސަލަސްކަމާ އެކުގައެވެ. ބަންޑާރަކަންކަމާއި، ވެރީންނަށް ކިޔަމަންތެރިވެ، ބޯލަނބާން ޖެހޭ ކަން އެނގި ތިބެއެވެ. ރައްޔިތުންގެ އެއްބާރުލުން ވެރީންނަށް ދީގެންނެވެ. ވެރީން ވެސް އޭރު އެ ކަންކަން ކުރީ މި ބީދައިންނެވެ.