މީހުން

ކެލާ ޔޫތު ފޯރަމްގެ ރައީސް އިބްރާހީމް ޢާމިރު ޢުޘްމާން

ކެލާ ޔޫތު ފޯރަމްގެ ރައީސް އިބްރާހީމް ޢާމިރު ޢުޘްމާން ނުވަތަ އާންމު ނަމުން ނަމަ ޢާމިރުސަރއަކީ އެތައް ގޮތަކުން ފާހަގަކޮށްލަން ޖެހޭ ޝަޙްޞިއްޔަތެކެވެ. ރަށް ދެކެ ލޯބިވާ ދަރިއެކެވެ. ގިނަ ކަންތަކެއް މުރާލިކަމާއި، ހީވާގިކަމާއެކު ކުރައްވަމުން އަންނަ ހަލުއި ބޭފުޅެކެވެ. އިޖުތިމާޢީ ޚިދުމަތްތެރިއެކެވެ. ދަރުމަވެރިއެކެވެ.

ޢާމިރުގެ ބައްޕައަކީ މި ރަށު ބިންހިމަގޭ މަރުޙޫމް ޢުޘްމާނުބެއެވެ. ޢުޘްމާނެބެއަކީ ވަރަށް ގިނަ ދަރިންތަކެއްގެ ބައްޕައެކެވެ. ޢުޘްމާނުބޭގެ 13 ދަރިން މި ވަގުތު ދުނިޔޭގައި ތިއްބެވިކަން އެއީ ވެސް ނިޢުމަތެކެވެ. ޢާމިރުސަރގެ މަންމައަކީ މަޝްހޫރު ވަތަބަނޑޭރި ޚާންދާނުގެ ބޭފުޅެއް ކަމަށްވާ މި ރަށު ބޮޑުގޭ މޫސާމަނިކުބޭގެ ޙައްވާމަނިކެއެވެ. ޢާމިރަކީ އޭނާގެ ބައްޕައަށާއި، މަންމައަށް ލިބިލެއްވި ދަރިންގެ  ތެރެއިން ހަމައެކަނި ދުނިޔޭގައި މި ވަގުތު ހުރި ދަރިފުޅެވެ. ނަމަވެސް ޢާމިރުގެ މަންމަ ކުރެއްވި އެހެން ކާވެންޏަކުން ލިބިލެއްވި ބޭފުޅެއް ކަމުގައިވާ މި ރަށު ދިލްޚުސީ ޢަލީ އާދަމް ދުނިޔޭގައި އެބަ ހުންނެވިއެވެ.

އާމިރުސަރގެ އިތުރުން އާމިރާ އެއް ބައްޕަ ބޭފުޅުންގެ ތެރޭގައި ޔޫސުފު ޢުޘްމާނާއި، ޢަލީ ނަޞީރާއި، ސައީދު ޢުޘްމާނާއި،  އާމިނަތު ނަސްމާއާއި، ސައީދާ ޢުޘްމާނާއި، މުޙައްމަދު ސާއިދާއި، ޙައްވާ ޝަހީދާއާއި، ފާޠިމަތު ޝާހިދާއާއި، އިސްމާޢީލް ޢުޘްމާނާއި، ޚަދީޖާ ޢުޘްމާނާއި، އާދަމް ޝަހީދާއި، އަދި ޢަބްދުﷲ ޝަހާއު ވެސް ﷲގެ ހެޔޮ ރަޙްމަތުގައި ދުނިޔޭގައި އެބަ ތިއްބެވިއެވެ.

ކެލާގައި މި ވަގުތު އޮތް އެންމެ ގިނަ ދުވަސްވީ ޖަމްޢިއްޔާ ކަމުގައިވާ ކެލާ ޔޫތު ފޯރަމްގެ ރައީސްކަން އެތައް ދައުރަކު ޢާމިރުސަރ ވަނީ އަދާކޮށްފައެވެ. މި ވަގުތު ވެސް  އެ ޖަމްޢިއްޔާގެ ރައީސަކީ ޢާމިރެވެ. ރައީސްކަމުގައި ނުހުންނަވާ އިރު ވެސް މެންބަރެއްގެ ޙައިޞިއްޔަތުން ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ ވެސް އަޅުގަނޑެވެ. އަޅުގަނޑަކީ ކެލާ ޔޫތު ފޯރަމް އުފެއްދި ދެ މަސްއޫލުވެރިންގެ ތެރެއިން އެކަކަށް ވާތީ މެއެވެ. އަދި މިހާރު ވެސް އެ މަސައްކަތުގައި ދެމި ހުރި މީހަކަށް ވާތީއެވެ.

ޢާމިރުސަރގެ ރައީސްކަމުގެ ދަށުން އެތައް ކުރިއެރުންތަކެއް ޖަމްޢިއްޔާއިން މިހާރުވެސް ވަނީ ހޯދާފައެވެ. އަދި އަންނަނީ ހޯދަމުންނެވެ. ޖަމްޢިއްޔާއިން ކުރާ ކޮންމެ ކަމަކީ ޢާމިރުގެ ސަތޭކަ އިންސައްތަ ބައިވެރިވުން އޮވެގެން ކުރާ ކަންކަމެވެ. ޚާއްޞަކޮށް ޖަމްޢިއްޔާ ހިންގުމުގައި ބައިވެރިވާ ދެ މަސްޢޫލުވެރިން ވެސް މާލޭގައި ދިރިއުޅޭ އިރު ހުއްޓުމެއް ނެތި ޖަމްޢިއްޔާ ޙަރަކާތްތެރިވަމުން ދަނީ ޢާމިރުސަރގެ މޭސްތިރިކަމުގެ ދަށުންނެވެ. އެ ކަމަށް ޓަކައި ޢާމިރުސަރއަށް ހިތުގެ ލޯތްބާއެކު އެންމެހައި މަސްއޫލުވެރިންގެ ނަންފުޅުގައި ޝުކުރު އަދާކުރަމެވެ.

ހއ. އަތޮޅަށާއި، މުޅި ރާއްޖެއަށް ވެސް ނަން މަޝްހޫރު ޖަމްޢިއްޔާއަކަށް ކެލާ ޔޫތު ފޯރަމްވުމުގައި ޢާމިރުގެ ހިއްސާ ނުހަނު ބޮޑެވެ. ދަރުމަވެރިއެއްގެ ޙައިޞިއްޔަތުން ޢާމިރު މުހިންމު ދައުރެއް އަދާކުރައްވާފައި ވެއެވެ. އަދި މިހާރުވެސް ދަނީ އަދާކުރައްވަމުންނެވެ. ޢާމިރަކީ ވަރަށް ގިނަ ކަންކަމުގައި ކުޅަދާނަ ބޭފުޅެކެވެ. މީހުން ގޮވައިގެން މަސައްކަތްކުރަން ދަންނަ އަދި މީހުންނާ ނުހަނު ގުޅޭ ބޭފުޅެކެވެ. ރަށުގެ ވެށި ރަނގަޅަށް ދަންނަ ބޭފުޅެކެވެ. ޚާއްޞަކޮށް ކުޅިވަރާ މުނިފޫހިފިލުވުމުގައި ވެސް މުހިންމު ރޯލެއް މުޖުތަމަޢުގައި ޢާމިރު އަންނަނީ އަދާކުރައްވަމުންނެވެ.

ޒުވާން ޖީލަށް މަލިކުދަނޑި ދަސްކޮށްދިނުމުގައި އިސް ދައުރެއް ޢާމިރުސަރ ވަނީ އަދާކޮށް ދެއްވާފައެވެ. މި ފަހުގެ ޖީލުތަކަށް ސުކޫލާއި ސުކޫލުން ބޭރުގައި ވެސް މަލިކުދަނޑި ޖަހަން ދަސްކޮށްދެއްވި އެންމެ ބޮޑު މުރީދަކީ ޢާމިރުސަރއެވެ. މިއީ  އިންޞާފާ ޚިލާފަށް ނުވަތަ ބޭއިންޞާފުން ދަންނަވައި ވާހަކައެއް ނޫނެވެ. ކެލާ ޔޫތު ފޯރަމްގައި ޘަޤާފީ ގުރޫޕެއް އުފައްދާ ދަސްކޮށްދެއްވަމުން އެ ދަނީ  ޢާމިރުސަރގެ ލީޑަރޝިޕްގެ ތެރޭންކަން މި ފުރުޞަތުގައި ވެސް ފާހަގަ ކުރަމެވެ.

ޢާމިރަކީ ދަރިވަރުން ނުހަނު ލޯބިވާ ސަރއެކެވެ. ޝައިޚް އިބްރާހީމް ސުކޫލުގެ އެއް ތަނބެވެ. ގިނަ ދުވަސްތަކެއްގައި އެ ސުކޫލުގައި ޤުރުއާން ކިޔަވައި ދެއްވިއެވެ. އިސްލާމް ކިޔަވައި ދެއްވިއެވެ. ނަމަވެސް މިހާރު ކިޔަވައިދެއްވަނީ ދިވެހިބަހެވެ. އާމިރަކީ ޝައިޚް އިބްރާހީމް ސުކޫލުގައި ޚިދުމަތްކުރާތާ ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ އަދި މިހާރުވެސް އެ ޚިދުމަތުގައި ސާބިތުވެ ހުންނެވި، ޤާބިލް މުދައްރިސެކެވެ. ކިޔަވާކުދިންނާ ޚާއްޞަ ގުޅުމެއް ޤާއިމްކޮށްފައިވާ މުދައްރިސެކެވެ. ސުކޫލުންކުރާ އެންމެހައި ކަންކަމުގައި ބައިވެރިވާ ހީވާގި އަދި ނަމޫނާ މުދައްރިސެކެވެ. އާމިރުސަރ ސުކޫލަށް ކޮށްދެއްވަމުން ގެންދަވައި ޚިދުމަތްތައް 14 އަހަރަށް ވުރެ ގިނަ ދުވަހު ވެރިއެއްގެ ގޮތުން ދުށުމުގެ ނަސީބު ވެސް އަޅުގަނޑަށް ލިބުނެވެ.

ސްޓޭޖު ޙަރަކާތްތަކުގައި ވެސް ޢާމިރަކީ ޕަރފެކްޓް ބޭފުޅެކެވެ. ޑްރާމާތަކުގައި ވެސް މުހިންމު ރޯލުތަކެއް ޢާމިރު އަދާކުރައްވައެވެ. މޮޅު އެކްޓަރެކެވެ. ހެއްވާ މަޖާ ބައިތައް ކުޅުއްވައެވެ. ނަށަން ވިއަސް އެ ވަރެއް ނެތެވެ. ކޮންމެ ވައްތަރެއްގެ ލަވައަކަށް ކުޅަދާނަކަމާއެކު ނައްޓަވައިލައްވައެވެ. ލަވަކިޔުމުގައި ޢާމިރަކީ ޤާބިލް ބޭފުޅެކެވެ. އެ ކަން ވަނީ މުދައްރިސުންގެ ތަޢުލީމީ މަރުކަޒުން ބޭއްވި “ހަވާސް” ޝޯވތަކުގައި ދައްކަވައި ދެއްވާފައެވެ.

ޢީދު ފަދަ ޙަރަކާތްތައް ޢާމިރާ ނުލައި މިހާރު ކާމިޔާބުކަމާއެކު ކެލާގައި ކުރިއަށް ގެންދިޔުމަކީ އުދަނގޫ ކަމެކެވެ. ސަބަބަކީ ޢާމިރަކީ އެ ކަމުގެ ފަންނާނަކަށް ނުވަތަ މާހިރަކަށް ވުމެވެ. ހަމައެކަނި ޢާމިރަކީ ލީޑަރެއް ނޫނެވެ. އެ ކަންކަމުގައި އޭނާއަށް ވުރެ، ސާބިތުކަމާއެކު ބައިވެރިވާ މީހަކު ވެސް ނުހުންނާނެއެވެ. ދެލިމާލި ކުޅިވަރަށް ދެލިއަންދާ، އެ ފުނޑާ މީހުންގެ ތެރޭ އޭނާ ހިމެނޭ އިރު ބެރުޖަހައި، ލަވަކިޔައި، ނުވަތަ ދެލިމާލި ހެދޭ މީހުންގެ ތެރޭގައި ވެސް އޭނާ ހުރެދާނެއެވެ. ކޮންމެ ޙަރަކާތަކުން ވެސް ގިނަ ބަޔަކަށް ޢާމިރު ފެންނާނެއެވެ. މުޅި އޮޑީގައި ޙަސަނުގެ ދެފައި އޮންނަ އުޞޫލުންނެވެ.

ސްޕޯރޓްސް ކަމަށް ބަލައި ކުޅިވަރުތައް ވެސް ހިސާބަކަށް ޢާމިރު ކުޅުއްވައެވެ. ވޮލީ ބޯޅައެވެ. ބެޑްމިންޓަނެވެ. ހޭންޑް ބޯޅައެވެ. މި ކުޅިވަރުތައް ކުޑަކުދިންނަށް ދަސްކޮށްދެއްވުމަށް ވެސް ޢާމިރުސަރ  ވަނީ މަސައްކަތް ކޮށްދެއްވައިފައެވެ. މަރުޙޫމް ފައިޞަލް ހެޑްމާސްޓަރ ކަމުގައި ހުންނެވި ދުވަސްވަރު، އެތުލެޓިކުން އެތައް ކާމިޔާބުތަކެއް ޝައިޚު އިބްރާހީމް ސުކޫލުން ހޯދި އިރު، އެތުލެޓިކް ކޯޗުންގެ ތެރޭގައި ވެސް ޢާމިރުސަރ ހިމެނެއެވެ.

މި ފަހަކަށް އައިސް  ސޯޝަލް މީޑިއާ މެދުވެރިކޮށް ރަށުގައި ހުރި މައްސަލަތައް އެންމެ ގިނައިން ތިލަކޮށްދޭ އެކަކީ ވެސް ޢާމިރުސަރއެވެ. ރަށުގެ ނަލަ ދޮންވެލި ގޮނޑުދޮށުގެ ރީތިކަން ގެއްލިދާން އުޅޭ ކަމުގެ ސިގުނަލެވެ. ރުއްތައް ހަލާކުކޮށްލި ކޫޑީގެ ވާހަކައެވެ. ޢުމްރާނީ ތަރައްޤީއަށް ރަށުގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ވާހަކައެވެ. ކައިރި ރަށްރަށުގެ ބައެއް ވާހަކަތަކެވެ. ރަނގަޅުކަމަށް ފެންނަ ކަންކަމާއި، ރަނގަޅުނޫން ކަމަށް ދެކޭ ކަންކަމުގެ ވާހަކަތަކެވެ. ޢާމިރުސަރގެ ފޭސްބުކު ޕޭޖުން މި ދެންނެވި ޙަޤީޤަތްތައް ވަރަށް ބޮޑަށް ފެންނަން އެބަ ހުއްޓެވެ. 

ޢާމިރުަސަރއަކީ ދަނޑުވެރިއެކެވެ. ދަނޑުވެރި ކެލާގެ ހީވާގި ދަނޑުވެރިއެކެވެ. އަމިއްލަގޭގައާއި، ގެވަށައިގެން ހުރި ބައެއް ހުސް ގޯތިތަކުގައި ވެސް ހިސާބަކަށް ދަނޑުވެރިކަން ކުރެއެވެ. ދަނޑުބިމުގައި ވެސް އެ މަސައްކަތް ކުރައްވައެވެ. އާންމުކޮށް ރަށުގެ ދަނޑުވެރިން ހައްދާ ހުރިހައި ބާވަތްތަކެއް ޢާމިރުސަރ ވެސް ހައްދަވައެވެ.

ޢާމިރުސަރއަކީ މޮޅަށް ކައްކަން ވެސް ދެނެލައްވާ ބޭފުޅެކެވެ. ދޭތެރެއިން ރަޙްމަތްތެރިންނާއެކު ކެއުންގަނޑުގަނޑު ހަދާލުމަކީ ޢާމިރުސރގެ އާންމުކަންކަމުގެ ތެރެއިން ކަމެކެވެ. ބައެއް ފަހަރު ގޭގައި ބާއްވާ ކެއުންތަކުގައި ޢާމިރުގެ އަނބިކަނބަލުންނެކޭ އެއްވަރަށް ނޫނަސް ބަދިގެ ތެރޭގައި، ޢާމިރުސަރ ޙަރަކާތްތެރި ވެއެވެ. ވަރަށް މީރުކޮށް ބައެއް އެއްޗެހި ކައްކަވައެވެ.

ޢާމިރަކީ ކެލާގެ އެންމެ ޙަރަކާތްތެރި އަދި އެންމެ އެކްޓިވް އެއް ބޭފުޅެވެ. ޒިންމާދާރު ވަޒީފާއެއް އަދާކުރައްވަމުން، ލިބޭ ވަގުތައް ދުރާލާ ދެނެގަނެ، ޖަމްޢިއްޔާގެ މަސައްކަތްތައް އެއް ވާނެއްގައި ޢާމިރުގެ މޭސްތިރިކަމުގައި އެބަ ހިންގަވައެވެ. ދިރިއުޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ހުއްޓުމެއް ނެތި އެބަ ކުރައްވައެވެ. ހަމަޖެހޭ ކާމިޔާބު ޙަޔާތެއް ވޭތުކުރަމުން އެބަދެއެވެ. ޢާމިރުގެ އެންމެ ހަގު ދަރިފުޅު ފިޔަވާ އަނެއް  ދެ  ދަރިން ރަސްމީ ތަޢުލީމުގެ ބައި ނިންމައިފިއެވެ. ޔުނިވަރުސިޓީ ތަޢުލީމް ވެސް ދޮށީ ދަރިފުޅު ނިމުމަކަށް އަންނަނީއެވެ. ޝައްކެއްނެތެވެ. ޢާމިރުސަރއަކީ ކެލާގެ އެންމެ ޙަރަކާތްތެރި އަދި އެންމެ ޚިދުމަތްތެރި އެއް ޝަޙްޞެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button