ބުނަމާ ބަހީ

އަޙްމަދު ވަޙީދު ޢަލީ ވެހި، ހއ. ކެލާ
ދުންފަތަށް ތާއަބަދުގައި ވެސް ނޫނެކޭ ބުނަމާ ބަހީ
އުންމަތަށް ހެޔޮގޮތް އަދައި ހުއްޓާނަމޭ ބުނަމާ ބަހީ
ހެއްލިގެން އެއްވެސް ކަމެއް ނުކުރާނަމޭ ބުނަމާ ބަހީ
ގެއްލުމެއްވާ ކޮންމެ ކަމަކަށް ނޫނެކޭ ބުނަމާ ބަހީ
ބުއްދި އޮޅިގެން ދާކަމެއް ނުކުރާނަމޭ ބުނަމާ ބަހީ
ދުއްތުރާ ދޭހާ ކަމެއް ނައްތާ ނަމޭ ބުނަމާ ބަހީ
ޙީލަތެއް މަކަރެއް ވިއަސް ނުހަދާ ނަމޭ ބުނަމާ ބަހީ
ޖީލުތައް އޮޅިދާ ކަމެއް ނުކުރާނަމޭ ބުނަމާ ބަހީ
ބައިބައިކުރާނޭ ކޮންމެ ކަމަކަށް ނޫނެކޭ ބުނަމާ ބަހީ
ޙައްޤުބަސް ސާބިތުކަމާއެކު ފާޅުގައި ބުނަމާ ބަހީ
ކޮރޮޕްޝަން ނައްތާލުމަށް ފަހެ އާނއެކޭ ބުނަމާ ބަހީ
ކޮރޮޕްޝަން ފަހިވާ ކަމެއް ނަމަ ނޫނެކޭ ބުނަމާ ބަހީ
ޤައުމު ވިއްކާ ފޮތިކުރާކަން ނޭދެމޭ ބުނަމާ ބަހީ
ޤައުމު ނަފުސަށްވުރެ ބޮޑޭ އެންމެންއެކީ ބުނަމާ ބަހީ