ޚަބަރު

ނަޢީމްބެ

ހއ. ކެލާ ތޫރު، މުޙައްމަދު ނަޢީމަކީ ރަށުގެ ބޭފުޅުންގެ ތެރެއިން މި ޞަފުޙާގައި ފާހަގަކޮށްލަން ޖެހޭ މުހިންމު ބޭފުޅެކެވެ. އެއް ރޮނގަށް ވުރެ ގިނަ ރޮނގުތަކުންނެވެ.  ފިލާ ނުދާނެ މަސައްކަތްޕުޅުތަކެއް މިހައިތަނަށް ނަޢީމްބޭގެ ޙަޔާތުގައި ކުރައްވާފައި ވާތީއެވެ.  ކުރެއްވެވި މަސައްކަތްތަކުގެ ނަފާ އެތައް ގޮތަކުން ޤައުމަށާއި، ރަށަށް ވެސް ލިބެމުން އަންނާތީއެވެ.

އެއް ދުވަސްވަރެއްގައި ނަޢީމްބޭ ފާހަގަ ކުރެފައި ވަނީ ކުންފުންޏެއް އުފައްދަވައި ކޮންސްޓްރަކްޝަން ގުރޫޕެއް ގޮވައިގެން ގެދޮރު ޢިމާރާތްކުރެއްވުމުގެ މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެ ރޮނގުގައި ވެސް ނަޢީމްބޭ ފާހަގަކޮށްލަން ޖެހެއެވެ. ފަތުރުވެރިކަމުގެ ސިނާޢަތުގައި މުވައްޒަފެއްގެ ގޮތުގައި އެތައް ދުވަސްތަކެއް ހޭދަކުރެއްވިއެވެ. އަމިއްލަ ސަފާރީއެއް ވެސް ދުއްވިއެވެ. ބޯޓުދަތުރު ކުރެއްވިއެވެ. މީގެ އިތުރުން ނަޢީމްބެއަކީ މޮޅު ލަވަކިޔުންތެރިއެކެވެ. ރަށުގެ ގިނަ ބަޔަކު ބަލައިގަންނަ ފަދަ ނަމޫނާ ޝަޚްޞިއްޔަތެކެވެ. ހިނގަމުން މިދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި  ނަޢީމްބޭގެ ޑޮކްޓަރ އަނާރާ ނަޢީމާއި، ނަޢީމްބޭގެ ދެ ދަނބިދަރިން ހިމެނުމަކީ ވެސް ނަޢީމްބޭގެ ކާމިޔާބުގެ ސިއްރަކަށް ވުމަކީ ވެސް ވެދާނެ ކަމެކެވެ.

ނަޢީމްބޭއަކީ ހއ. ކެލާ ކުދެހިމާގޭ މަރުޙޫމް ދޮހުއްތުބެ ނުވަތަ އެންމެންގެ ނަމުންނަމަ ޢީދު ދޮހުއްތަށް ލިބިލެއްވި 13 ދަރިންގެ ތެރެއިން 2 ވަނަ ދަރިފުޅެވެ. މަންމައަކީ މަރުޙޫމާ މަރިޔަމް ޙަސަނެވެ. އާންމު ނަމުން ނަމަ މުޑި ދޮންމަރިޔަމެވެ. ނަޢީމްބޭގެ އެއްބަނޑު އެއްބަފައި 11 ބޭފުޅުން މި ވަގުތު ވެސް ހެޔޮ ޙާލުގައި ދުނިޔޭގައި އެބަ ތިއްބެވިއެވެ. ދޮހުއްތުބޭގެ ޢާއިލާއަކީ ރަށުގެ މީހުންގެ އިޙްތިރާމާއި، ލޯބި ލިބިފައިވާ ޢާއިލާއެކެވެ. ދޮހުއްތުބެއަކީ މުދައްރިސެއްގެ ގޮތުގައި، ޝައިޚް އިބްރާހީމް ސުކޫލުގައި ވެސް މަސައްކަތްކުރެއްވި ބޭފުޅެކެވެ.

ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައި އެހައިމެ ކާމިޔާބު އަންހެނަކު ހުންނާނެ ކަމަށް ބުއްދިވެރިން ބުނެ އުޅެއެވެ. ނަޢީމްބޭގެ އަނބިކަނބަލުން ފަރިޔާލް ޤާސިމަކީ، ރަށުގެ ކަތީބުކަން އެތައް އަހަރަކު ކުރެއްވި މަރުޙޫމް ޤާސިމް މޫސާމަނިކުގެ ދަރިކަނބަލެކެވެ. ނަޢީމްބޭގެ ކާމިޔާބުގައި މުހިންމު ދައުރެއް ފަރިޔާލު އަދައިކުރައްވައިފައި ވާނެ ކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ.

ނަޢީމްބޭ ކުރެއްވެވި މަސައްކަތްތަކުގެ ތެރެއިން ދަނޑުވެރިކަމަކީ ހަނިއޭންގަލަކަުން ނަމަވެސް ބަލައިލަން ޖެހޭ ބައެކެވެ. އެ މަސައްކަތުގެ ތެރޭން  ފުޅައި ދާއިރާއެއްގައި ކުކުޅު ގެންގުޅުއްވިއެވެ. މި ރަށުގެ ތުނޑި ވަރުވާއަށް ނަންގަވައި ބޭރުމީހުން ގެނެސްގެން ދަނޑުވެރިކަމުގެ މަސައްކަތް ކުރެއްވިއެވެ. ތުނޑީގައި ފަތްކެޔޮ އިންދާ ކޭލުން ނަފާ ހޯއްދެވިއެވެ. ތުނޑީގައި ބަނބުކޭލާއި، މެލޭސިއާ ކަށިކެޔޮ އިންދާ ހެއްދެވިއެވެ. ތުނޑީގެ ގޯތި މަގާ ހިސާބުން އެ ފެންނަ ގިނަ ޢަދަދެއްގެ ޅަ ރުއްތަކަކީ ވެސް ނަޢީމްބޭ އިންދެވި ރުއްރުކެވެ. ތުނޑިން މިއަދުވެސް ބަނބުކޭލާއި، މެލޭަސިއާ ކަށިކެޔޮ އެ ކަނޑަނީ ނަޢީމްބޭ އިންދެވި ގަސްގަހުންނެވެ. ދަނޑުވެރިކަމުގެ މަސައްކަތް ރަށުގައި ނަޢީމްބޭ ކުރެއްވި ދުވަސްވަރު 3000 އަށް ވުރެ ގިނަ ރުކާއި، 80 ގަސް ބަނބުކޭލާއި، 1800 ފީނި ފަތްކޭލާއި، 50 އަށް ވުރެ ގިނަ ކަށިކެޔޮ ގަސް އިންދާ ހައްދާފައި ވެއެވެ.  

މީގެ އިތުރުން ނަައީމްބޭ މަގޭ ކިޔައި މަގަކީ ވެސް ނަޢީމްބޭ ދަނޑުވެރިކަމުގެ މަސައްކަތްކުރެއްވި ދުވަސްވަރު މީހުން ބައިތިއްބާފައި ތިއްބެވި ހިސާބަށް ރަށުތެރޭން ދިޔުމަށް ހެއްދެވި މަގެކެވެ. އެ މަގު ކޮށުމުގެ އިތުރުން ގާ އަތުރައި އެ ދުވަސް ވަރު ނަޢީމްބޭ ބެލެހެއްޓެވިއެވެ. މިހާރުވެސް ދޭތެރެ ދޭތެރެއިން އެ މަގު ސާފުކުރުމުގެ މަސައްކަތް ނަޢީމްބޭ ކުރައްވައެވެ. ނަޢީމްބޭ ކުރެއްވި މި މަސައްކަތުގެ ފަސޭހަކަމާ އޭގެ ނަފާ މިއަދުވެސް ކެލާ ރައްޔިތުންނަށް ލިބެމުން އެބަދެއެވެ.

ނަޢީމްބެއަކީ ލަވަކިޔުންތެރިއެކެވެ. މިހާރުވެސް ލަވަކިޔުއްވާ ހައްދަވައެވެ.  މަޝްހޫރޫ ބޭބޭފުޅުންނާ އެކުގައެވެ. މާލޭގައި ހުރި ނަޢީމްބޭގެ އަމިއްލަ ގޭގައި މި މަސައްކަތަށް ޚާއްޞަކޮށްފައިވާ ސްޓޫޑިއޯއެއް ވެސް ހުރެއެވެ. ޢީދު ފަދަ މުނާސަބަތުތަކުގައި އަތޮޅުތެރޭގެ ބައެއް ރަށްރަށަށް ނަޢީމްބޭމެންގެ ގްރޫޕް ޝޯވ ދެއްވަން ވެސް ދުރުވެއެވެ. އެންމެ ފަހުން ނިމި ދިޔަ ބޮޑު ޢީދުގައި ވެސް ބައެއް ރަށްރަށަށް ދުރުވި ވާހަކަ ނަޢީމްބޭ ބުނުއްވިއެވެ. ނަޢީމްބޭގެ ބައެއް ލަވަތައް ޔޫޓިއުބުގައި ޝެއަރކުރައްވާފައި ވެސް އެބަ ހުއްޓެވެ. އަޑުއަހައިލާ ހިތްވާކަހަލަ ރީތި ލަވަތަކެވެ. ކެލާގައި ބާއްވާ ބައެއް ޝޯވތަކުގައި ވެސް ނަޢީބޭ ލަވަ ކިޔުއްވާފައި ވެއެވެ. ލަވަކިޔުމަކީ ނަޢީމްބޭގެ ޢާއިލީވެސް ކަމެކެވެ. ނަޢީމްބޭގެ ބައްޕައާއި، ބޭބެއާއި، ބައެއް ކޮއްކޮމެން ވެސް ލަވަކިޔުއްވާ އުޅުއްވައެވެ.

ވަފާ ކޮންޓްރެކްޓިންނ ކޮމްޕެނީގެ ނަމުގައި 1993 ގައި ކޮމްޕެނީއެއް އުފައްދަވައި، ޢިމާރާތްކުރުމުގެ މަސައްކަތް ވެސް ނަޢީމްބޭ ވަރަށް ފުޅައި ދާއިރާއެއްގައި ކުރެއްވިއެވެ. އެތައް މުވައްޒަފުންނެއް އެ މަސައްކަތުގައި ގެންގުޅުއްވިއެވެ. ނައީމްބޭ ބުނުއްވި ގޮތުގައި ބޮޑެތި ބައެއް މަސައްކަތްތައް ކުރެއްވި އިރު ދުއިސައްތައެއްހައި މުވައްޒަފުން ގެންގުޅުއްވިއެވެ. ކުރެއްވެވި ބޮޑެތި މަސައްކަތްތަކުގެތެރޭގައި ޅ. ކޮމަންޑޫ ރިސޯޓް ޕްރޮޖެކްޓް އެއްކޮށް ނިންމުމާއި، ދި ޓީވީ ހިންގި ޢިމާރާތުގެ މަސައްކަތާއި، އަމީނީ މަގުގައި ހުރި ސީގަލްގެ 3 ޢިމާރާތެއްގެ މަސައްކަތާއި، ޢަލިރަސްގެފާނު ޒިޔާރަތް ހުރި ހިސާބުގައި ހެއްދެވި ޗަންޕާގެ ޢިމާރާތެއްގެ ކޮންކްރީޓް މަސައްކަތްތައް ފިޔަވައި އެންމެހައި މަސައްކަތަތައް ކުރެއްވެވި ވާހަކަ ނަޢީމްބޭ ބުނުއްވިއެވެ. މީގެ އިތުރުން ސްޓެލްކޯގެ މަގުބައްތި ޖެހުމާއި، ކޭބަލް ވަޅުލުމުގެ މަސައްކަތް ގްރޭޓަރ މާލޭ ސަރަޙައްދުގައި 10 ވަރަކަށް އަހަރު ނަޢީމްބޭގެ ކޮމްޕެނީން ކުރައްވާފައި ވެއެވެ.

ވަފާ އެންޓަރ ޕްރައިސަސްގެ ނަމުގައި ކޮމްޕެނީއެއް އުފައްދަވައި ނަޢީމްބޭ ވަނީ އަމިއްލަ ސަފާރީއެއް ވެސް ދުއްވާފައެވެ. ނައީމްބޭ ބުނުއްވި ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގައި ކުރެއްވެވި މި މަސައްކަތުގައި ނަޢީމްބޭ ވަނީ ތަފާތު އެތައް ރޯލްތަކެއް އަދާކުރައްވާފައެވެ. ދަރިން ބޮޑެތިވެ އެ ދަރިން މަސައްކަތުގެ މައިދާނަށް ނުކުތުމުން ނަޢީމްބޭ ހިންގެވި ދެ ކުންފުނިވެސް މިހާރު ވަނީ ދަރިންގެ ނަމަށް ބަދަލުކުރައްވާފައެވެ. ހަމައެކަނި ނަޢީމްބޭ މިހާރު ކުރައްވާ މަސައްކަތަކީ ރަށުގައި ގެސްޓްހައުސެއް ހައްދަވައި، އެ ގެސްޓް ހައުސް ބެލެހެއްޓެވުމެވެ.

ކާމިޔާ ޢާއިލާއެއް ބިނާކުރެއްވުމަކީ ކާމިޔާބެއް ކަމުގައި އަޅުގަނޑު ދެކެމެވެ. ނަޢީމްބޭގެ ޑޮކްޓަރ އަނާރާއަކީ ދިވެހިރައްޔިތުން ދީނީ ގޮތުން ހޭލުންތެރިކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް އެ މަސައްކަތުގައި ސާބިތުވެ ހުންނެވި ބޭފުޅެކެވެ. ރައްޔިތުންގެ ޚާދިމާއެއްގެ ގޮތުގައި ވަކާލާތުކުރައްވަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރެކެވެ. އަންވަރަކީ އޭނާގެ ފަންނުގައި މި ރާއްޖޭގައި ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. ފުލުހުންތެރޭގައި ހުންނަވައިން ޤައުމަށް ޚިދުމަތްތަކެއް ދެއްވަމުން އަންނަ ފުލުހެކެވެ. މިހާރު އޭނާ ހުންނެވީ ވިކްޓިންގ ސަޕޯރޓްގެ ވެރިއަކަށެވެ. ނަޢީމްބޭގެ ހަގު ދަރިފުޅު ޢަމީރާއަކީ ހިޔުމަން ރައިޓްސް ކޮމިޝަންގައި ޑިރެކްޓަރެއްގެ މަސްއޫލިއްޔަތު އަދާކުރައްވަމުން އަންނަ ކަނބަލެކެވެ.

ނަޢީމްބެއަކީ ތަފާތު އެތައް ކަމެއް ތަޖުރިބާކުރައްވާފައިވާ ތަޖުރިބާކާރެކެވެ. 1975 އަދި 1976 ގައި ޝައިޚް އިބްރާހީމް ސުކޫލުގައި މުދައްރިސެއްގެ ގޮތުގައި ވެސް މަސައްކުރައްވާފައި ވެއެވެ. 1978 ގައި ރަށު އޮފީހުގެ ވަޒީފާގައި ވެސް އުޅުއްވިއެވެ. 1979 ގައި އަލިމަތާ ރިސޯޓްގެ މުވައްޒަފެއްގެ ގޮތުގައި އުޅުއްވިއެވެ. ދުނިޔެ ބަލައިލުމުގެ މަތިވެރި ޢަޒުމުގައި 1980 ގައި ބޯޓްދަތުރު ވެސް ކުރެއްވިއެވެ. 1982ގައި ވޮއިޖަސް މޯލްޑިވްސްގެ ސަފާރީއެއްގައި މުވައްޒަފެއްގެ ގޮތުން ޙަރަކާތްތެރި ވިއެވެ. ދެ ދޯންޏެއް ކުންޔަށް ނަންގަވައިގެން ރިސޯޓްތަކަށް މުދާ އުފުލުމުގެ މަސައްކަތް ވެސް ދެ އަހަރެއްހާ ދުވަހު ކުރެއްވިއެވެ.

މާލޭގައި ދިރިއުޅުއްވިއަސް އަހަރުގެ ގިނަ ދުވަސްތަކެއްގައި ރަށުގައި ހުންނެވުމަކީ އުފަލެއް ކަމުގައި ނަޢީމްބޭ ދެކެލައްވައެވެ. ނަތީޖާއެއްގެ ގޮތުން ރަށުގެ ގިނަ މީހުންނާއެކު ވަރުގަދަ ގުޅުމެއް ނަޢީމްބޭ ވަނީ އުފައްދަވާފައެވެ. ސިޔާސީ މި ހަލަބޮލި ޒަމާނުގައި ވެސް ހުރިހައި ފިކުރުތަކުގެ މީހުންނާއެކު ކޮފީ މޭޒުތަކަށް ނަޢީމްބެއަށް އެރުއްވެއެވެ. ހުރިހައި ޢުމުރެއްގެ މީހުންނާ ވެސް ސަމާސާކޮށް ވާހަކަދައްކާލާ ހެއްދެވެއެވެ. މިއީ ވެސް ނަޢީމްބޭގެ ކާމިޔާބެއް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ.

އެތައް ތަޖުރިބާއެއް ކުރައްވާފައިވާ، ޚިދުމަތްތެރި ނަޢީމްބޭގެ މިއަދުގެ އެންމެ ބޮޑު އުފަލަކީ ކާފަ ދަރިންނަށް ޚިދުމަތްކުރެއްވުމެވެ. އެ ދަރިން ހޭހަންކޮށްދެއްވުމެވެ. އެ ދަރިންނާއެކު ވަގުތުތައް ހޭދަކުރެއްވުމެވެ. ދަރިންނާއި ކާފަ ދަރިން ފެންނަ ހިސާބުގައި އަބަދުވެސް އުޅުއްވުމެވެ. ޝައްކެއްނެތެވެ. ނަޢީމްބޭ އިންދެވި ގަސްގަހުގެ ހިޔަލާއި، މޭވާގެ ރަހަ އެތައް ޒަމާނަކަށް ކެލާ ރައްޔިތުންނަށާއި، މި ޤައުމަށް ލިބޭނެއެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button