ކެލާ ވަތަބަނޑޭރި

މަޝްހޫރު ކެލާ ކަތީބު ނުވަތަ ކެލާ ވަތަބަނޑޭރިއަކީ 4 ވަނަ ދަރިކޮޅާ ހިސާބުން މިހާރު ވެސް ރަށުން ފެންނާން އޮތް ޚާންދާނެކެވެ. މައި ވަތަބަނޑޭރިއަކީ ޢީސާއެވެ. ނަމަވެސް ކެލާ ޤަބުރަސްތާނުން، ބޮޑުގެ މަހާނަތަކުގެ ތެރެއިން ފެންނަން މިހާރު އޮތީ ޢަލީ ވަތަބަނޑޭރިއެވެ. ޢަލީ ވަތަބަނޑޭރި ނުވަތަ ޢަލިމަނިކަކީ ޢީސާ ވަތަބަނޑޭރީގެ ދަރިކަލެވެ.
ބުނެވޭ ގޮތުގައި ކެލާ ކަތީބު ނުވަތަ ކެލާ ވަތަބަނޑޭރިއަކީ ރަސްކަމާ ގުޅިފައިވާ ވަރަށް މުހިންމު ފަރާތެކެވެ. ރަސްކަމަށް ކޮލިލާ އިރު ހުންނަވަން ލާޒިމުވާ މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައި ބޭފުޅެކެވެ. އަތޮޅުތެރެއިން އެ ރަސްމިއްޔާތުގައި ބަައިވެރިވާން ޖެހޭ ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. އަނެއް ބޭފުޅަކީ އިސްދޫ ކަތީބު ކަމަށް ބުނާއަޑު އިވެއެވެ. ކެލާ ކަތީބު ރަމްޒުކޮށްދެނީ މުޅި އުތުރެވެ.
ވަތަބަނޑޭއަކީ ކަންގަތި ކޮލީގެ ނަމެކެވެ. ކަންގަތި ކޮއްޔަކީ ރަށްފުށުގެ ވަޒަންވެރިންނަށް ލައްވާ އުޅުނު ޢިއްޒަތުގެ ނަމެކެވެ. ކޮއްޔަކީ އިހުގައި ރަސްމީ ބައެއް ކަންތައްތަކާއި ލަގަބު އިޢުލާންކުރުމަށް ޓަކައި ކުރާ ރަސްމީ ކަމަކަށް ކިޔައި އުޅުނު ނަމެކެވެ.
ކޮލިލުމަކީ އެ ކަމަށް ޚާއްޞަކޮށްފައިވާ މީހަކު ފުޅިދޮށުއަށީގެ ލޯގަނޑު ހިފައިގެން ކޮލިކިޔަން ކަނޑައެޅިފައިވާ ތަންތަނަށް ހުއްޓި ކޮލީގެ ޢިބާރާތް ކިޔައި، ޤަވާޢިދެއްގެ މަތިން ލޯގަނޑުގައި ޖަހަމުން ކޮލި ހިނގާމަގު ވަށައި ހިނގުމެވެ. މި ކަންކުރަނީ ކޮލިކަލޭގެއެވެ. ކޮލިކަލޭގެއަކީ ކޮލިލާން ދައުލަތުން ޚާއްޞަ ކުރައްވާފައިވާ މީހާއެވެ.

މި ދަންނަވައި ކެލާ ކަތީބު ނުވަތަ ވަތަބަނޑޭރީގެ، މާ ވަތަބަނޑޭރީގެ ބައްޕައަކީ ޤާސިމް ކަލޭފާނެވެ. ޤާސިމް ކަލޭފާނަށް 3 ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ. އެއީ ޢީސާއާއި، ޙައްވައާއި އަދި ޙަލީމައެވެ. މާ ވަތަބަނޑޭރި ނުވަތަ ފުރަތަމަ ވަތަބަނޑޭރިއަކީ ޤާސިމް ކަލޭފާނަށް ލިބިވަޑައިގެންނެވި ޢީސައެވެ. ޢީސައަށް ދެ ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ. އެއީ މޫސާމަނިކާއި، ޢަލިމަނިކެވެ. ކެލާ ހުކުރު މިސްކިތު ގޯތިތެރޭގައި އޮތް ބޮޑުގެ މަހާނަ ފަތިން ފެންނަން އޮތް ޢަލީ ވަތަބަނޑޭރިއަކީ މި ދެންނެވި ޢީސައަށް ލިބިވަޑައިގެންނެވި ޢަލިމަނިކެވެ.

އަލިމަނިކު ނުވަތަ ޢަލީ ވަތަބަނޑޭރިއަށް 4 ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ. އެއީ އިބްރާހީމްމަނިކާއި، މޫސާމަނިކާއި، ޤާސިމްމަނިކާއި އަދި ޙައްވާމަނިކެއެވެ. އިބްރާހީމަނިކު ނުވަތަ ވަތަބަނޑޭރި ކުޑަދޮންބެ ކަތްދާމަނިކެއާ ކުރެއްވި ކާވެންޏަށް ބޮޑުކާށިގޭ ދޮންޢަލިބެ ލިބިވަޑައިގެންނެވިއެވެ. ފެހިވިލާގޭ މަރިޔަމްމަނިކެ މަންމަ އައިސާމަނިކެއަކީ މި ދެންނެވި ބޮޑުކާށިގޭ ދޮންޢަލިބޭގެ ދަރިކަނބަލެކެވެ.
ބޮޑުގެ މޫސާމަނިކު ނުވަތަ ޢަލީ ވަތަބަނޑޭރީގެ ދަރިކަލުން ވަތަބަނޑޭރި މޫސާމަނިކުބޭ ކަތްދާމަނިކެއާ ކުރެއްވި ކާވެންޏަށް ޙައްވާމަނިކެއާއި، ސަޢީދު މޫސާމަނިކާއި، ޢާއިޝާމަނިކެއާއި، ފާޠުމާމަނިކެއާއި، މަރިޔަމްމަނިކެ ލިބިވަޑައިގެންނެވިއެވެ. އަދި މޫސާމަނިކުބޭ މަރިޔަމްމަނިކެ ނުވަތަ ރޭނިގޭ ދައިތައާ ކުރެއްވި ކާވެންޏަށް މުޙައްމަދު މޫސާމަނިކާއި، ޢަލީ މޫސާމަނިކާއި، އިބްރާހީމް މޫސާމަނިކާއި، ޢަބްދުﷲ މޫސާމަނިކު ލިބިވަޑައިގެންނެވިއެވެ.
މޫސާމަނިކުބޭގެ ދަރިކަނބަލުން ޙައްވާމަނިކެ، ރަތްކެޔޮގޭ ޢަބްދުﷲ އާދަމާ ކުރެއްވި ކާވެންޏަށް ޢަލިމަނިކު އަދި ބިންހިމަގޭ ޢުޘްމާނުބެއާ، ޙައްވާމަނިކެ ކުރެއްވި ކާވެންޏަށް ޢާމިރުސަރ ލިބިވަޑައިގެންނެވިއެވެ. ސަޢީދު މޫސާމަނިކު، އިރުދޭމާގޭ އާމިނަތު ވަޙީދާއާ ކުރެއްވި ކާވަންޏަށް މަރިޔަމް ސަޢީދާއާއި، މުޙައްމަދު ސަޢީދާއި، ޢަބްދުﷲ ސަޢީދާއި، އިބްރާހީމް ސުޖާޢުއާއި، ސާއިޤާއާއި، ޞިޔާމާ ލިބިވަޑައިގެންނެވިއެވެ. ފާޠިމާމަނިކެ، ޖޭމުގޭ މުދިމް ޙުސައިންމަނިކާއި، ކުރެއްވި ކާވެންޏަށް ނަޢީމާއާއި، ހާޝިމާއި، ކާސިމްމަނިކާއި، މޫސާނަޢީމާއި، ޚަދީޖާމަނިކެއާއި، ޢަބްދުﷲ ޢާޞިމާއި، ޙައްވާމަނިކެއާއި، އާއިޝާމަނިކެ ލިބިލެއްވިއެވެ. ޢާއިޝާމަނިކެ، އަލިމުދިމުގެ އާދަމްމަނިކާ ނުވަތަ ކުރިކީލަގޭ އާދަމްމަނިކާ ކުރެއްވި ކާވެންޏަށް ޢަލީވަރުދީއާއި، މޫސާވަރުދީއާއި، ފަރީދާއާއި، ޒުހުދާއާއި، ޒުހުރީ ލިބިވަޑައިގެންނެވިއެވެ. މަރިޔަމްމަނިކެ މީހަކާ ކާވެނިކުރެއްވި ކަމަށް ވިއަސް ދަރިފުޅަކު ލިބިނުލައްވައެވެ.

ޢަލީ ވަތަބަނޑޭރީގެ ދަރިކަލުން ޤާސިމްމަނިކު ނުވަތަ ވަތަބަނޑޭރި ކާސިމްމަނިކު ކަނބުލޮ ނުވަތަ ކުޑަދައިތައާ ކުރެއްވި ކާވެންޏަށް ދޮށީ ކަމަނައާއި، ތުއްތު ކަމަނަ ލިބިވަޑައިގެންނެވިއެވެ. ދޮށީ ކަމަނައާ، އިސްމާޢީލް ކަތީބު ކުރެއްވި ކާވެންޏަށް މަރިޔަމްމަނިކެ ލިބިވަޑައިގެންނެވިއެވެ. މަރިޔަމްމަނިކެ އަޙްމަދު ޞާލިޙާ ކުރެއްވެވި ކާވެންޏަށް ރުޝްދީ ލިބިވަޑައިގެންނެވިއެވެ.
ޢަލީ ވަތަބަނޑޭރީގެ ޙައްވާމަނިކެ ނުވަތަ ވަތަބަނޑޭރި ޙައްވާމަނިކެ މޫސާމަނިކާ ކުރެއްވި ކާވެންޏަށް ކަތްދާމަނިކެ ނުވަތަ ކަމަނަދައިތަ ލިބިވަޑައިގެންނެވިއެވެ. ކަމަނަދައިތަ މުގުރު އާދަމްމަނިކާ ކުރެއްވި ކާވެންޏަށް ރުޤިއްޔާމަނިކެއާއި، ޢަބްދުލްކަރީމާއި، ޢަބްދުލްޢަޒީޒާއި، ޢަބްދުލްޙަކީމާއި، ޢަބްދުﷲ ރަޝީދާއި، ޢަބްދުލްމަޖީދާއި އަދި ޢާރިފާމަނިކެ ލިބިވަޑައިގެންނެވިއެވެ. ވަތަބަނޑޭރި ޙައްވާމަނިކެ މުދިމްކާފަގެ އާދަމްމަނިކާ ކުރެއްވި ކާވެންޏަށް ކާސިމްމަނިކު ކިޔާ ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ.
ޢަލީ ވަތަބަނޑޭރީގެ ދަރިކަލުން ބޮޑުގޭ މޫސާމަނިކުބޭ ރޭނިގޭ ދައިތައާ، ކުރެއްވި ކާވެންޏަށް ލިބިވަޑައިގެންނެވި އިބްރާހީމް މޫސާމަނިކު، ގަހާދަށުގޭ ތައުފީޤްބޭގެ މަންމައާ ކުރެއްވި ކާވެންޏަށް މުޙައެްމަދު ތައުފީޤް ލިބިވަޑައިގެންނެވިއެވެ. އިބްރާހީމް މޫސާމަނިކު، އަޙްމަދު ޞާލިޙުގެ މަންމައާ ކުރެއްވި ކާވެންޏަށް އަޙްމަދު ޞާލިޙް ލިބިވަޑައިގެންނެވިއެވެ. އިބްރާހީމް މޫސާމަނިކު، މަރިޔަމް ޢަބްދުﷲއާ ކުރެއްވި ކާވެންޏަށް ޙާމިދާއި، ޚަދީޖާއާއި، ރުޤިއްޔާއާއި، މަޙްމޫދު ލިބިވަޑައިގެންނެވިއެވެ. މުޙައްމަދު މޫސާމަނިކު، ދޮންކަތްދައާ، ކުރެއްވި ކާވެންޏަށް ވަލީދާއި، ޖަޢުފަރާއި، މޫސާމަނިކާއި، މަރިޔަމްމަނިކެއާއި، ޢާއިސާމަނިކެއާއި، ފާޠިމާމަނިކެ ލިބިވަޑައިގަތެވެ. ޢަލިމަނިކު ބޮޑުކާށިގޭ ޢާއިސާމަނިކެއާ، ކުރެއްވި ކާވެންޏަށް މަރިޔަމްމަނިކެއާއި، މުޙައްމަދު މަނިކު ލިބިވަޑައިގެންނެވިއެވެ. ޢަބްދުﷲ މޫސާމަނިކު، ހުސްނުހީނާގޭ އާމިނަތު އާދަމާ، ކުރެއްވި ކާވެންޏަށް ޙައްވާމަނިކެއާއި، އަޙްމަދު ޒަހީނާއި، މަރިޔަމް ޒަހީނާއާއި، ޢާއިޝަތު ޒަހީނާއާއި، އާސިޔަތު ޒަހީނާއާއި، މުޙައްމަދު ޒަހީނާއި، ތަސްނީމާ ޢަބްދުﷲއާއި، ޢަބްދުލްޙަމީދާއި އަދި ސޫދާ ޢަބްދުﷲ ލިބިވަޑައިގެންނެވިއެވެ. ޢަބްދުﷲ މޫސާމަނިކު ފިއްލަދޫގޭ ހަފްސާ މޫސާއާ، ކުރެއްވި ކާވެންޏަށް ޝައުކަތާއި، ޝާހިދާއި، ޝަހުދާއި އަދި ޝުޢައިބު ލިބިވަޑައިގެންނެވިއެވެ.
ވަތަބަނޑޭރިއަކީ މަޝްހޫރު އަދިހަމައެހެންމެ ކެލާއަށް ޚާއްޞަ ނަމެކެވެ. އެ ނަމުގެ ބޮޑުކަމާއި، ހައިބަތު ކެލާއިން މިހާރުވެސް ފެންނަން އެބަ ހުއްޓެވެ. ކެލާގެ އެންމެ ބޮޑު މަގަށް ކިޔަނީ ވެސް ވަތަބަނޑޭރި މަގެވެ. އެއީ ރަށުގެ މެދުގައި އުތުރުން ދެކުނަށް ނުވަތަ ތުނޑިއަށް ދެވޭ ގޮތަށް މިހާރުވެސް ފެންނަން އެ އޮތް ބޮޑު މަގެވެ.

ކެލާ ބޮޑުގެއަކީ ވެސް ކެލާ ވަތަބަނޑޭރީގެ ޚާންދާނާ ގުޅިފައިވާ ގެއަކަށް ވުމުން އެއީ ވެސް ވަތަބަނޑޭރީގެ ހައިބަތުގެ ރަމްޒެކެވެ. ކެލާ ބޮޑުގެއަކީ އެތައް ޒަމާނެއް ވެފައިވާ އާސާރެކެވެ. މާލޭ އެސްޖެހިގަނޑުވަރު ނުވަތަ އުތީމު ގަނޑުވަރު ހުރިހެން ފަރުމާކޮށްފައިވާ ގެއެކެވެ. އިހުގެ މޮޅު ފަންނާނުންގެ ބިނާއެކެވެ. މަސައްކަތްތެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ. ހިރިގަލާއި ލަކުޑީގެ މަސައްކަތުގައި ދިވެހީންގެ ފަންނުވެރިކަމާއި، ހުނަރުވެރިކަމާއި، ކުޅަދާނަކަން ހާމަކޮށްދޭ ފަރުމާއެކެވެ.
ކެލާ ބޮޑުގެއަކީ މާ ވަތަބަނޑޭރީގެ ދަރިކަލުން ޢަލީ ވަތަބަނޑޭރީގެ މޫސާމަނިކުބޭ ދިރިއުޅުއްވި ގެއެވެ. މޫސާމަނިކުބޭގެ ދަރިކަލުން ސަޢީދު މޫސާމަނިކު ނުވަތަ ބޮޑުގެ ސަޢީދުު ވެސް ވަރަށް ފަހަކާ ޖެހެންދެން އެ ގޭގައި ދިރިއުޅުއްވިއެވެ. މިއަދު އެ ތަރިކަ ފެންނާކަށް ނެތެވެ. ނަމަވެސް ސަޢީދުބޭ ހެއްދެވި އެގޭގެ މޮޑެއްލެއް ދާރުލްއާސާރުގައި އެބަ ހުއްޓެވެ. ކެލާ ހުކުރުމިސްކިތުގެ ގޯތިތެރޭގައި އޮތް ބޮޑުގެ މަހާނަފަތީގައި ޢަލީ ވަތަބަނޑޭރީގެ ބިސްތާން މިހާރުވެސް ފެންނަން އެބަ އޮތެވެ. މޫސާމަނިކުބެއަކީ ޢަލީ ވަތަބަނޑޭރިއަށް ލިބިވަޑައިގެންނެވި 4 ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. ޝައްކެއްނެތް ގޮތުގައި ވަތަބަނޑޭރިއަކީ ކެލާގެ ޝަރަފުވެރި އަދި އެންމެ ފަޚުރުވެރި އެއް ނަންފުޅެވެ. ޝާހީ ޚާންދާނެކެވެ.

ނޯޓް! މި ލިޔުމުގައި ހިމަނާފައި ވަތަބަނޑޭރި ޢާއިލާއާ ބެހޭ މަޢުލޫމާތު ޖަމާކުރެވިފައި ވަނީ ފަރިހިގޭ މުޙައްމަދު ރަޝީދު (މޭލޭ) އެކުލަވައިލައިފައިވާ ކެލާގެ ޚާންދާންތަކާ ބެހޭ ކަރުދާހުންނެވެ. މަޢުލޫމާތުގެ ކުށެއް ވާނަމަ އަންގާލަދެއްވުމަކީ މުޙައްމަދު ރަޝީދުގެ ވެސް އެދުމެކެވެ.