ބަހާއި އަދަބު

ބަސް ދިރުވުމަށް ހިތްވަރުލަމާ

          އަޙްމަދު ވަޙީދު ޢަލީ ވެހި ހއ. ކެލާ

ބަސް ކުރިއަރައިގެން ދާނެހާ މަގުތައް އެކީ އަލިކޮށްލަމާ

     ލަސްފަސް ނުޖެހި އާޖޯޝުގައި ބަސް ދިރުވުމަށް ހިތްވަރުލަމާ

ފައްކާ އިހުގެ މީހުން ގެނައި ހަދިޔާއަކަށް ބަހަކީ ބަލައި

     ރައްކާކުރަން އަބަދަށް ޓަކައި ބަސް ދިރުވުމަށް ހިތްވަރުލަމާ

ނޭނގޭ ލަފުޒު ހޯދާ ބަލައި ދަސްކޮށް އެއިން ބޭނުންހިފައި

     ނޭނގޭ ކަތުންނަށް ފޯރުކޮށް ބަސް ދިރުވުމަށް ހިތްވަރުލަމާ

ބަންޖާ ކަލާ ޅެން ރައިވަރާ ލަވަ ފަރިހި އަންބާތައް ނަޔާ

     ފަންނާނުނާ އެންމެންވެގެން ބަސްދިރުވުމަށް ހިތްވަރުލަމާ

ލޯބިން ބަހަށް ފެންދީހަދާ މުޑުވައް ބަހުގެ ކުރަމުން ބަހައި

     ލޯބިން ކުރާ ކަމަކަށް ހަދައި ބަސް ދިރުވުމަށް ހިތްވަރުލަމާ

ބަހުގެ ޢިއްޒަތް ބަހުގެ ޤަދަރާ ބަހުގެ ހައިބަތު ބޮޑުވެދާހައި

     ބަހުގެ ޢިލްމާ ފަންނު ދަސްކޮށް ބަސް ދިރުވުމަށް ހިތްވަރުލަމާ

އިސްވެދިޔަތާ ކުރިއަރައިގެން ބަސް ދިވެހި އައި ގޮތްތައް ބަލައި

    އިސްކަން ބަހަށްދީ ގެންހިނގާ ބަސްް ދިރުވުމަށް ހިތްވަރުލަމާ     

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button