މީހުން

މަރުޙޫމު ސީދީބޭ

ހއ. ކެލާ ޓޫސަންސް މުޙައްމަދު ރަޝީދު ނުވަތަ ސީދީބެއަކީ އެތައް ގޮތަކުން ފާހަގަކުރެވޭ ލާމަސީލު ޚިދުމަތްތެރިއެކެވެ. މުދައްރިސެކެވެ. ނާޒިރެކެވެ. ޅެންވެރިއެކެވެ. ކުޅަދާނަ މުޤައްރިރެކެވެ. އިސް ޤާޟީއެކެވެ. މޮޅު ޙަކީމެކެވެ. ދޫފުޅު ފަސޭހަ ޚަޠީބެކެވެ. ތަޢުލީމަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ޙާޞިލްކުރެއްވާފައިވާ ބޭފުޅެކެވެ.

ސީދީބޭގެ މަންމާފުޅަކީ މި ރަށު ތުނޑީގޯތި މަތިފުށާ ގުޅިފައިވާ، ކޯއްޓޭގޭ ޢާއިލާގެ ބޭފުޅެއް ކަމުގައިވާ މަރިޔަމް މަނިކެއެވެ. ބައްޕާފުޅަކީ ރ. އަތޮޅު އަލިފުށީ ސީދީ ޢާއިލާއަކަށް ނިސްބަތްވާ ބޭފުޅެއް ކަމުގައިވާ ދޮން ސީދީ ނުވަތަ އިބްރާހީމް ރަޝީދެވެ. ސީދޭބެއަކީ ސީދީބޭގެ މަންމާފުޅާއި ބައްޕާފުޅަށް ލިބިވަޑައިގެންނެވި ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ.  އަނެއް ބޭފުޅަކީ ކުޑަ ސީދީބެއެވެ. ދެ ބޭފުޅުންގެ ތެރެއިން ދޮށީ، ސީދީބޭ ނުވަތަ މުޙައްމަދު ރަޝީދެވެ.

މަރުޙޫމު ސީދީބެއަށް ބޭފުޅުން ލިބިވަޑައިގެންނެވީ ކުރެއްވެވި ފުރަތަމަ ކާވެންޏަށެވެ. އެއީ މި ރަށު ހަވާ ޙައްވާ މުޙައްމަދުމަނިކަށެވެ. އެ ދެ ބޭފުޅުންނަށް  5 ބޭފުޅަކު ލިބި ވަޑައިގެންނެވިއެވެ. އެއީ އަޙްމަދު ނިޒާމާއި، ޢަބްދުﷲ މައުޞޫމާއި، ޢާދިލް ރަޝީދާއި، އަޝްރަފު ރަޝީދާއި އަދި ޢިއްޒަތު ރަޝީދެވެ. މި ފަސް ބޭފުޅުން ވެސް ސީދީބޭ ބޮޑުފުޅުކުރެއްވީ ރަނގަޅު ތަޢުލީމާއި، ހަރުދަނާ އަޚްލާޤުގެ މަތީގައެވެ.

ސީދީބޭގެ ޚިދުމަތުގެ އެންމެ އިސް އެއް ބަޔަކީ ޝަރުޢީ ދާއިރާއެވެ. އެ ދާއިރާއިން ސީދީބޭ ރިޓެއާ ކުރެއްވި އިރު ހުންނެވީ ކެލާ ކޯޓުގެ  އިސް މެޖިސްޓްރޭޓްގެ މަޤާމުގައެވެ. އަތޮޅު ނާއިބުކަމުގެ މަޤާމުން ފެށި، ޝަރުޢީ ދާއިރާގައި ސީދީބޭ ވަނީ ޖުމްލަ 42 އަހަރު ޚިދުމަތް ކުރައްވާ ފައެވެ. 

ސީދީބޭގެ ޚިދުމަތުގެ ސިލްސިލާއިން ޖަރީވެފައިވާ  އަނެއް ދާއިރާއަކީ ތަޢުލީމީ ދާއިރާއެވެ. މި ދާއިރާގައި ހިލޭ ސާބަހަށް ސީދީބޭ ވަނީ  32 އަހަރު ޚިދުމަތް ކުރައްވާފައެވެ. މުދައްރިސެއްގެ ގޮތުންނާއި، ސުކޫލު ހިންގެވި ނާޟިރެއްގެ ގޮތުންނެވެ. ވަށައި ޖެހޭ ތަޢުލީމީ ނިޒާމު މި ރާއްޖޭގެ ސުކޫލުތަކަށް ތަޢާރަފުވުމުގެ މާކުރިން ފެށިގެންނެވެ. ސީދީބޭގެ ނާޟިރުކަމުގެ ދަށުން  1961 އިން ފެށިގެން 1993 އާ ހަމައަށްޝައިޚުއިބްރާހީމް ސުކޫލްގައި ކިޔަވައިދިނުން ބައްޓަން ވެފައި އޮތީ ވަށައިޖެހޭ ތަޢުލީމީ ނިޒާމަށެވެ. 

މިހާރު ފެންނަން އެ ހުރި ލިލީ ހައުސްއާއި، ލިލީ ހައުސްގެ ދޮރުމަތީގައި މިހާރު، ޣުފްރާން މިސްކިތް އެ ހުރި ތަނުގައި ހުރި ޤުލްޝަން ކިޔާ، ޢިމާރާތުގައި ޝައިޚު އިބްރާހީމް ސުކޫލު ހިންގަމުން އައި އިރުން ފެށިގެން މިހާރު ފެންނަން ހުރި ސުކޫލުގެ ގޯތިތެރެއަށް  ސުކޫލު ބަދަލުވެ ހެޑްމާސްޓަރ މަރުޙޫމް އަޙްމަދު ފައިޞަލް  ސުކޫލާ ޙަވާލުވެވަޑައިގަންނަވަންދެން ސުކޫލު ހިންގަވަމުން އައީ ސީދީބޭގެ ނާޟިރުކަމުގެ  ދަށުންނެވެ. އެއީ 1961 އިން 1993 އަށެވެ.

ޝައިޚުއިބްރާހީމް ސުކޫލަށް 80 އަހަރު ފުރި، އެ ކަމުގެ މުނާސަބަތު ފާހަގަކުރެވިގެން ދާއިރު، އެ ސުކޫލަށް އެންމެ ދިގު މުއްދަތެއްގައި ޚިދުމަތްކޮށް، އެ ސުކޫލު ސުކޫލަކަށް ހެއްދެވި ޙަޤީޤީ މޭސްތިރިއަކީ ސީދީބެއެވެ. ބާ ދެ ޢިމާރާތެއްގައި ނުކަތައިގެން މިހާރު ކައުންސިލް އިދާރާ އެ ހުރި ތަނުގައި ދަނޑިފަނުން ޢިމާރާތެއް ހައްދަވައި ތަޢުލީމީ ދަންމަރުގެ އަލިން ކެލާ ހުޅުދާންކުރީ ވެސް ސީދީބެއެވެ.

ރަށާއި، އަތޮޅަށް އަދި ޤައުމަށް ބޭނުންތެރި އެތައް ދާއިރާއަކުން ހުނަރު ވެރި އެތައް ޖީލެއް ބިނާކޮށް ދެއްވި ކެލާގެ ޙަޤީޤީ މޭސްތިރިއަކީ ސީދީބެއެވެ. ކުޅިވަރު ކުރިއަރުވާ އެ ރޮނގުން މީހުން ބިނާކުރެއްވިއެވެ. އަދަބިއްޔާތުގެ ފަންނުތަކަށް މީހުން ލޯހުޅުވައިދެއްވިއެވެ. މަސައްކަތެރިކަމުގެ ހުނަރުތައް ދަސްކޮށްދެއްވިއެވެ. ކަސްރަތާ، ކެޑޭޓާ، ޖިމްނާސްޓިކް ފަދަ ހުނަރުތައް އުނގަންނަވައި ދެއްވިއެވެ. ވިޔަފާރިއާ އިޤްތިޞާދުގެ ތެރެއަށް  ކިޔަވައިކުދިންގެ ލޯހުޅުވައި ދެއްވިއެވެ. އިސްލާމީ ވަޙުދަތު މަތިވެރި ވާނެ އެތައް ކަމެއް ކުރެއްވިއެވެ. ދިރިއުޅުމަށް ތައްޔާރުވެފައިވާ އެތައް ޖީލެއް ސީދީބޭ ވަނީ ނެރެދެއްވާފައެވެ.

ފުޅިޖެހި މަގު ނުވަތަ ބަނދަރަށްދާ މަގުގެ ހުޅަނގު ފަރާތުގައި ފެންނަން  އޮތް ބޮޑު ފުނަވަލަކީ ސީދީބޭ ސުކޫލު ކުދިން ލައްވާ ކުރުވި މުހިންމު އެއް މަސައްކަތްޕުޅެވެ. ފުނައޮށް ހޮވައިގެން ގެނެސް ވަޅުއަޅައި އަދި ބައެއް ފުނައޮށް އުކައި، ހައްދާފައިވާ އެ ފުނަވަލަކީ ރަށުގެ ނަލަކަން ހާމަކޮށްދޭ އެންމެ ހިތްގައިމު އެއް ތަނެވެ. އެންމެ ބޮޑު އަދި އެންމެ ރީތި ޤުދުރަތީ އެއް ހިޔަލެވެ. އަގުމަގު ކުރާ ނަމަ އެތައް ލައްކަ ރުފިޔާގެ އިންވެސްޓްމެންޓެކެވެ.

އިޖުތިމާޢީ ޚިދުމަތަކީ ސީދީބޭގެ ޙަޔާތުގެ  ވިދުން ގަދަ  ބަޔެކެވެ. އެ ރޮނގުން ސީދީބެއަށް ވުރެ، އުހުގައި މި ޤައުމުގެ އެހެން ބޭފުޅަކު ހުންނަވާނެ ހެނެއް ހިޔެއް ނުވެއެވެ. ސީދީބޭގެ މެހްމާންދާރީ ނުލިބޭ މީހަކު، ސީދީބޭގެ ޙަޔާތުގައި ކެލައަށް އަރައި ފައިބައިގެން ނުދާނެއެވެ. ކުޑައެއް، ބޮޑެއް އެ ކަމުގައި ތަފާތެއް ނުކުރައްވައެވެ. އެ ފަދަ ކަންކަމުގައި ސީދީބެއަކީ ދީލަތި ބޭފުޅެކެވެ. ގޭދޮށުގައި ހުރި އެއްޗެއް، ގޭބަދިގޭގައި ކައްކާ ރޯފިލުވާފައި ހުރި ކާ އެއްޗެއް އެ މެހްމާނުންނަށް ނުލިބި ނުދާނެއެވެ. ސީދީބޭގެ އަނބިއަނބި ކަނބަލުން ވެސް އެ ކަމަށް ނުހަނު ފަރިތައެވެ.  މެހުމާނުން ފުރައިގެން ދާއިރު ވަރުވަރުން ހަދިޔާ ގޮނު ވެސް އެ މެހްމާނުންނަށް ދެއްވައެވެ.

ސީދީބެއަކީ މޮޅު ބޭސްވެރިއެކެވެ. ދިވެހިބޭސް ކުރެއްވުމުވުގެ އިތުރުން ހިސާބަކަށް މި ޒަމާނުގެ ޑޮކްޓަރީ ބޭސް ވެސް ކުރައްވާ އުޅުއްވިއެވެ. ޞިއްޙީ ފަރުވާ ރަށުން ނުލިބޭ ޒަމާނުން ފެށިގެން ސީދީބޭ އަވަހާރަވަންދެން ރަށުގައި ބޭސްފަރުވާކޮށް އުޅުއްވިއެވެ. ކަށިގަނޑު އަޅުއްވައިގެން ވެސް މީހުން ބައްލަވައި ހެއްދެވިއެވެ. ހިސާބަކަށް ބޭރު ރަށްރަށުން ވެސް ސީދީބޭގެ އަރިހަށް މީހުން ބޭސްފަރުވާއަށް އައިސް އުޅުނެވެ. ޞިއްޙީ އެހީތެރިން ރަށުގައި ޤާއިމްވުމުގެ ކުރިން މީހުން މަރުވިކަން ޔަޤީންކުރާ ނުވަތަ މިހާރުގެ ބަހުންނަމަ މަރު ސާބިތުކުރާ މީހުންގެ ތެރޭގައި ވެސް ސީދީބޭ ހިމެނިވަޑައިގަންނަވައެވެ.

ޚުދު އަޅުގަނޑު ވެސް ސީދީބޭގެ އަރިހުން ބޭސްފަރުވާ އެއް ފަހަރަކު ކުރަންޖެހުނެވެ. އެއީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޚިދުމަތްކުރި ދުވަސް ވަރު ލައްވާލި ހުންގަނޑަކާ ގުޅިގެންނެވެ. އޭރު ދިއްދޫގައި، އަތޮޅު ޞިއްޙީ މަރުކަޒުގެ ޚިދުމަތް ވެސް ދެމުން އާދެއެވެ. އެއީ ވަރަށް ވަރުގަދަ ހުމެއް ދިއްދޫގައި ފެތުރެމުން ދިޔަ ދުވަސްވަރެކެވެ. އެ ހުމުގައި ތަޢުލީމީ މަރުކަޒުގެ މަސައްކަތު މީހަކަށް އޭރު ހުރި ވާޙިދުބޭ ނިޔާ ވެސް ވިއެވެ. އަދި އަޅުގަނޑަށް ލައްވާލި ހުންގަނޑު އެކުގައި އޭރު މަސައްކަތްކުރެއްވި މިހާރު އެންއައިއީގައި މަސައްކަތްކުރައްވާ ތުރާކުނު އިބްރާހީމް ޙުސައިނަށް ވެސް ލައްވާލިއެވެ. އިބްރާހީމްގެ މެއިން އެތައް ތަނެއް ދުޅަވެ ރަނގަޅުވީ މާލެއަށް ގޮސް ފަރުވާ ކޮށްގެންނެވެ.

އަޅުގަނޑު ފަރުވާ ކުރީ ރަށަށް އައިސް ސީދީބޭގެ އަރިހުންނެވެ. ސީދީބޭ ދެއްވީ ހައިބަނޑާ ހުރެ ބޯންޖެހޭ ސަރުބަތެކެވެ. ހުސް ހިތިރަހަލާ ވައްތަރުގެ 7 ބާވަތެއްގެ އެއްޗެހި އަޅުއްވައިގެން ކައްކާފައި ހުރި ސަރުބަތެކެވެ. އިންޝާﷲ އެ ސަރުބަތު ބޯންފެށިތާ ހަފުތާއެއް ވަރު ތެރޭ މުޅިން ރަނގަޅުވެ އެނބުރި ވަޒީފާއަށް ނުކުމެވުނެވެ.

ސީދީބެއަކީ މުރާލި ބޭފުޅެކެވެ. ލިބޭ ހުސް ވަގުތުތަކުގައި ހުއްޓުމެއް ނެތި މަސައްކަތް ކުރެއްވިއެވެ. ފަތްކެޔޮ އިންދާ ހެއްދެވިއެވެ. އެކި ދިމަދިމާލުގައި ރުއްގަސް އިންދާ ހެއްދެވިއެވެ. އޮޅައަލަ އިންދާ ބެލެހެއްޓެވިއެވެ. ދަނޑުވެރިން  އާންމުކޮށް ހައްދާ އުޅޭ  ބައެއް ބާވަތްތައް ވެސް  ހިސާބަކަށް ހައްދާ އުޅުއްވިއެވެ. ބަގީޗާއާއި، މާމެލާމެލީގެ ބާވަތްތައް އިންދާ އެކި ދިމާއަށް ބޭރުކުރައްވާ ނަފާ ހޯއްދެވިއެވެ. އެ ނަފާގައި ރަށު ރައްޔިތުން ވެސް ޝާމިލްކުރައްވަމުން ގެންދެވިއެވެ. ބުނެވޭ ގޮތުގައި ކެލައަށް އޮޅުއަލަ ގެނެސް އޮޅުއަލަ ތަޢާރަފުކުރެއްވީ ވެސް ސީދީބެއެވެ.

މަރުޙޫމު ސީދީބެއަކީ އެތައް ރޮނގަކުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ތަޢުލީމަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން ޤައުމީ އިނާމު ހޯއްދެވިއެވެ. ޤާނޫނީ ދާއިރާގައި އެތައް އަހަރެއް ހޭދަކުރެއްވި އެ ދާއިރާގެ އިސް މެޖިސްޓްރޭޓެކެވެ. ޤާބިލް އެތައް ޚިދުމަތްތެރިއެއް މި ޤައުމަށް ނެރެދެއްވި މޭސްތިރިއެކެވެ. ވަަށައިޖެހޭ ތަޢުލީމް މި ރާއްޖޭގައި ހިންގެވި ނަމޫނާ ޕްރިންސިޕަލެކެވެ. ވާހަކަދެއްކުމުގެ ފަންނުގައި އެ ފަދަ ދެ ވަނައެއް ނެތް ލާސީލު މުޤައްރިރެކެވެ. ޝާޢިރުންގެ ލިސްޓުން ޖާގަ ދޭންޖެހޭ އުފެއްދުންތެރި ޅެންވެރިއެކެވެ. ދިވެހިބޭހާ، ޑޮކްޓަރީބޭސް ވެސް ކުރެއްވި މޮޅު ހަކީމެކެވެ. އިޖްތިމާޢީ ރޮނގުން ވެސް ސީދީބެއަށް ދޭންޖެހެނީ އެ ލިސްޓްގެ އެންމެ ކުރިއެވެ. ކުރުކޮށް ދަންނަވައި ނަމަ ސީދީބެއަކީ ފަސްމީރުކުރިރުކެކެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button