ތާރީޚު

ކެލާ ފުޓުބޯޅަ ދަނޑު 

ކެލާ ފުޓުބޯޅަ ދަނޑަކީ ކެލާގައި އިނގިރޭސީން އުޅުނު ދުވަސްވަރުން ފެށިގެން އޮންނަ ދަނޑެކެވެ. ހިތްގައިމު ގޮތަކަން ވަށާފާރު ވެސް ރާނާފައި އޮތް ޤުދުރަތީ ވިނަ ދަނޑެކެވެ. މާލޭން އުތުރުގައި އޭރުވެސް އަދި މިހާރު ވެސް އޮތް އެންމެ ނަލަ އެއް ފުޓުބޯޅަ ދަނޑެވެ. 

މި ނަލަ ކެލާގެ ހިތްގައިމު ފުޓުބޯޅަދަނޑު އެއް ދުވަސް ވަރެއްގައި އަޅައި ނުލެވި، މާވިނަ ހައްދާ ދަނޑު ގޮވާން ކުރި އިރެއް ވެސް މާޒީގައި ދިޔައެވެ. އެ މަންޒަރު އަޅުގަނޑުގެ ލޮލުން ވެސް ދުށީމެވެ.

އެހެންނަމަވެސް ރައީސް މައުމޫނުގެ ޒަޢާމަތުގެ ކުރީ ކޮޅު ކުރިމަތިވި ސިގެއްލާ ރޯގައާ ހިސާބުން ފެށިގެން އެ ދަނޑުގައި އަންނަނީ ކުޅެމުންނެވެ. ސިގެއްލާގެ ކަރަންޓީނު ފޭލިގެތަކަށް ފަހު އެ ދަނޑު ވެފައި ވަނީ ކެލާގެ ނަލަކަން އިތުރުކޮށްދޭ ތަނަކަށެވެ. ޚާއްޞަކޮށް ފުނަވާ ސާފުކޮށް ފިލި ޕާރކު ހެދި ހިސާބުން ފެށިގެން ދަނޑު ހިމެނޭ ސަރަޙައްދު ވެފައި ވަނީ ރަށުގެ ޗާލުކަމާ ހައިބަތު އިތުރުކޮށްދޭ ސަރަޙައްދަކަށެވެ.

އަތޮޅު ފުޓުބޯޅައާއި ޒޯން ފުޓުބޯޅައިގެ ގިނަ މެޗްތަކެއް ކެލާ ފުޓުބޯޅަ ދަނޑުގައި ވަނީ ކުޅެވިފައެވެ. އިހުގެ  ފާރުތައް ނެގި، ފެންސްޖަހައި،  ފެންޖެހޭނޭ ގޮތް ހަދައި ޒަމާނީ ދަނޑަކަށް ކެލާ ފުޓުބޯޅަ ދަނޑު މިއަދު އެ ވަނީ ބަދަލުކުރެވިފައެވެ. ފާޚާނާއާއެކު، ޗޭންޖިންގ ރޫމު ވެސް އެ ދަނޑުގައި މިއަދު އެބަހުއްޓެވެ. މީގެ އިތުރުން ކުޅިބަލައި މީހުން ތިބޭނެ ކުޑަ ނަމަވެސް ސިޑި ބަރިއެއް ރޮސްޓްރަމާއެކު ދަނޑުގައި މިއަދު ވަނީ ހެދިފައެވެ.

ޒަމާންވީ މި ދަނޑު މި ފެންވަރަށް ބަދަލުކުރެވިފައި އެ ވަނީ ރައްޔިތުންނާއި، ކުލަބުޖަމްޢިއްޔާ ޖަމާޢަތްތަކާއި، ސަރުކާރުގެ ޚާއްޞަ އެހީތެރިކަމާ ވެސް އެކުގައެވެ. 

ދަނޑު ކިތަންމެ ނަލަވެ ފުރިހަމަ ވިޔަސް، ރޭގަނޑު ކުޅެވޭ ގޮތަށް ބައްތި ޖަހައިދިނަސް އިހު އޮތް ފުޓުބޯޅަ ފޯރި، ކެލާއަށް އަނބުރާ ގެނެވެން އޮތީ އަދުގެ ނޫކަށި ޒުވާނުންނަށް އެ ކަން ޤަބޫލު ކުރެވިގެންނެވެ. 

އަޅުގަނޑުމެން ކަހަލަ ބޮލުގެ އިސްތަށިގަނޑުގެ ކުލަ ނުރަވާންފަށައިފައިވާ ދެވަންފުރާގެ މީހުންނަށް ހިފެން އޮތީ ވަލުގަައެވެ. އަންބާކިޔާ އެ ވާ ދަމައި ގަނެވޭނީ ޒުވާން މުލައްދަނޑިތަކުން ބާރުލައިކަން އެއީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button