މީހުން

ކެލާގެ ރަން އަޑު

ހއ. ކެލާ ކަސްތޫރިގޭ އާދަމް ޙަސަންމަނިކަކީ ކެލާގެ ތާރީޚް ދެކެފައިވާ އެންމެ މަޝްހޫރު އެއް ފަންނާނެވެ. އެ އަޑެއް އަދިވެސް ފަނޑުވެގެން ނުދާ ކެލާގެ ރަން އަޑެވެ. ދިވެހިރާއްޖޭގެ އަޑުން ހިތްތަކަށް އުފާވެރިކަން ގެނެސްދޭ  ކެލާގެ ކުޅަދާނަ ލަވަ ކިޔުންތެރިޔާއެވެ.

މަރުޙޫމް މުޑި ޙަސަން (ޙަސަން ޢަލީ)އަށް  ލިބިލެއްވި 10 ބޭފުޅުންގެ ތެރެއިން 4 ވަނަ ދަރިފުޅު ކަމުގައިވާ  އާދަމް މަނިކު ނުވަތަ އާދަމް ޙަސަންމަނިކަކީ މީގެ  ބައި ޤަރުނު ކުރިން ފެށިގެން މިއަދާ ހަމައަށް ވެސް ލަވަކިޔައި އުޅުއްވި ބޭފުޅެކެވެ.   އާދަމް މަނިކުބޭގެ ކޮންމެ ލަވައަކީ މީހުން އަޑުއަހައި ހިތުން އަޑު އަހައި ހިތްވާ، އަދި އެހައިމެ މާނަފުން ލަވައެކެވެ.

ނަސީބު ދިމާކުރި ގޮތުން އަޅުގަނޑު އުޅެ ބޮޑުވި ގެ ކަމުގައިވާ ބަނަފުސާގެއާ އާދަމް މަނިކުބޭގެ ޢާއިލާ ދިރިއުޅޭ ގެ ހުންނަނީ ދާދި ކައިރީގައި ކަމުން އާދަމް މަނިކުބޭގެ ޢާއިލާ  އަބަދުވެސް ބެލެވިފައި ވަނީ ވަރަށް ގާތް ބައެއްގެ ގޮތުގައެވެ. ލޭގެ ގުޅުމެއް ނެތަސް އެއް ޢާއިލާއެއްގެ ބައެއްގެ ގޮތުގައެވެ.

އާދަމް މަނިކުބޭ ކިޔައިފައިވާ ލަވަތަކުގެ ތެރެއިން ހަނދާނުން ފޮހެލަން ދަތި އެއް ލަވައަކީ ޝާއިރަށް ނިދީގައި ނުވަތަ ދެބަ ދޭތެރޭގައި ފެނުނު ހުވަފެނެއްގެ ޒާތު ވާހަކަތަކެއް ކިޔައިދޭ ލަވައެކެވެ.  އެ ލަވައިން ހަނދާނުގައި ހުރި ބައި ތިރީގައި އެ ވަނީއެވެ.

ކަނޑު މެދުގައި ގޭގެ އެޅިފައި ޔާގޫތުން ފޮފަ ނަގައިފައި

         ބަރުފޯސް ރަނުން ހަދައިފައި ވާތީ އެރޭ ދުށީމޭ

ހޯރާއަޅައިފަވާ މަސް  އައިނެއް މި ބިންމަތީގާ

      ފަތުރާލި ރަންގަނޑެއްހެން  ހުރެގެންނެ އަލިވަނީއޭ

އާދަމް މަނިކުބޭގެ ލަވަތަކުން ކޮންމެ ލަވައަކީ ވެސް އަސަރު ގަދަ އަދިއެހައިމެ ހިތްގައިމު ކަމެއް، އާދަމް މަނިކުބޭގެ ކިޔުމުގައި ނުވަތަ ހުށަހަޅައި ދިނުމުގައި ހިމެނިފައިވާ ލަވައެކެވެ. އެ ލަވަތަކުގެ ތެރެއިން  މި ލިޔުމުގައި ކޮންމެހެންވެސް ހިމަނައި ނުލައި ކުރިއަށް ދެވެން ނެތް ލަވައިން،  ހަނދާނުގައި ހުރި ބައި މިތާގައި ހިމަނާ ލަމެވެ.

ތިޔަދޭ ވޭންހެ ވަފާ   ދޭށޭ ޚިޔާލު ވަނީ

          ފަރުވާ ތިޔަ ހޯދީ ފަރުވާ ތިޔަ ހޯދީ

ޤުލްޝަނުން ފަރިވަނީ ރީތިމާ ހޯދަނީ 

       ޢަޞުރުމަލަކާއި ފިނިފެން މަލެއް ހޯދަނީ

އާދަމް މަނިކުބޭގެ ލަވަތަކުން އަދިވެސް ލަވައެއް ހިމަނައި ނުލައި މި ލިޔުން ނިންމާ ނުލެވޭ ވަރުގެ ލަވައެއް ކުއްލިއަކަށް ހަނދާނުގައި ޓަކި ޖަހައިފިއެވެ. އެ ލަވައިން ވެސް ތަންކޮޅެއް މި ޞަފުޙާގައި ހިމަނާ ލަމެވެ.

މި ވަނީތޯއޭ ހަނދާން ހިތުގައިވީމޭ އަސަރު

         ގިސްލެވޭތީ އަސަރުކޮށް ރޮވޭތީ މިހާރު

             ޢިޝްޤު ލޯބިން ފުރާ ފިސްވެ ހިތްއަދު މިވާ

                ޖިސްމުވެސް މުޅި ޚަރާބުވެ ފަނާ މި ވަނީ

65 އަހަރުވުމުން ދައުލަތުގެ ޚިދުމަތްތަކުން މުސްކުޅިކުރައްވައިފައިވާ އާދަމް މަނިކުބެއަކީ ރަށުގައި ކުރެވޭ އިޖުތިމާޢީ ކަންކަމުގައި ވެސް ޙަރަކާތްތެރިވެ އުޅޭ، މީހުންނާ ގުޅޭ މިޒާޖުގެ ބޭފުޅެކެވެ. އުޖޫރައަކާ ނުލައި ބޯކޮށައިދިނުން އުފަލެއް ކަމުގައި ދެކެލައްވާ ދަރުމަވެރިއެކެވެ. ހޮބީއެއްގެ ގޮތުގައި ދަނޑުވެރިކަންކޮށް އުޅޭ ދަނޑުވެރިއެކެވެ.

އާދަމް މަނިކުބެއަކީ، ހއ. ކެލާ ފަރިހިގޭ ސަމީމާ އާދަމާއެކު ފުރަތަމަ ޖަހައިލި ކާވެނީގެ ގޮށުގައި، ސާބިތުވެ ހުންނެވި 4 ދަރިންގެ ބައްޕައެކެވެ. 13 ކުދިންގެ ލަފާދާރު ކާފައެކެވެ. އާދަމް މަނިކުބޭގެ   ދަރިންގެ ދަރިންނަށް ވެސް ދަރިން ލިބިފައިވާ މިއަދު 2 ކުދިންގެ މުނިކާފައެކެވެ. ޢުމުރުން 73 އަހަރު ގުނަމުންދާ، އާދަމް މަނިކުބެއަށް މިއަދަށް ވުރެ ހުރިހައި ގޮތަކުން އުފާވެރި މާދަމާއެއް ދެއްވާށިއެވެ. ޝައްކެއްނެތެވެ. އާދަމް މަނިކުބެއަކީ ކެލާގެ ރަން އަޑެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button